29 އޮކްޓޯބަރ 2025 - 11:04

އެކި ތުހުމަތުތަކަށް ހައްޔަރުކުރާ މީހުން، ތަހުގީގަށް ބަންދުކުރަން ކޯޓުން އަމުރު ދިނުމުގައި ތަފާތުކޮށް، ބޭއިންސާފުން އަމަލުކުރާ ކަމަށް ތުހުމަތުކޮށް، ކުއްލި މައްސަލައެއް ހުށަހަޅަން ރައްޔިތުންގެ މަޖިލީހުން ފުރުސަތު ނުދީ ބޭރުކޮށްލައިފި އެވެ.
ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއީލް އަހުމަދު ނަސީމް ހުށަހަޅުއްވަން އުޅުއްވި ކުއްލި މައްސަލައަށް ފުރުސަތު ނުދެއްވި ސަބަބެއް ކަމަށް ރިޔާސަތުން، މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 192 ވަނަ މާއްދާގެ (ށ) ގައި ބުނާ ޝަތުރު، އެ މައްސަލައިގައި ހަމަނުވުމެވެ.
އެ މާއްދާގައިވާ ގޮތުން މަޖިލީހަށް ކުއްލި މައްސަލައެއްގެ ގޮތުގައި ހުށަހެޅޭނީ ގައުމުގެ ނުވަތަ ރައްޔިތުންގެ މަސްލަަހަތަށް ސިދާ އަސަރުކުރާނެ ފަދަ ބޮޑުކަމެއް ކުއްލިއަކަށް ދިމާވުމުން، އެކަމެއް ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށާއި އެކަމާ މެދު އެޅި ނުވަތަ ނާޅައި ދޫކޮށްލި ފިޔަވަޅަކާ މެދު ސަރުޚާރަށް ފާޑުކިއުމަށެވެ.
"އެހެން ނަމަވެސް އިއްޒަތްތެރި މެންބަރު [މީކާއީލް އަހުމަދު ނަަސީމް] ފޮނުއްވާފައިވާ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 192 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ މިދެންނެވި ޝަރުތުތައް ފުރިހަމަ ނުވާތީ އެ މައްސަލަ ކުއްލި މައްސަލައެއްގެ ގޮތުގައި ހުށަހެޅުއްވެން ނެތް ވާހަކަ ދަންނަވަން،" އަބްދުއްރަހީމް ވިދާޅުވި އެވެ.
ކުއްލި މައްސަލާގައި މީކާއިލް ވަނީ ބޮޑެތި ބައެއް މައްސަަލަތަކުގެ ތުހުމަތަށް ހައްޔަރުކުރި ބައެއް މީހުންނަށް ބަންދު މުއްދަތުގެ ގޮތުގައި ވަރަށް ކުރު މުއްދަތުތަކެއް ދީފައި ހުރި މައްސަލަތަކާއި އާދައިގެ ތުހުމަތުތަކުގައި ދިގު މުއްދަތެއް ބަންދަށް ދިން މައްސަލަތަކެއް ފާހަގަކުރައްވައިފަ އެވެ.
އޭގެ އެއް މިސާލެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ވަދެ ބޭންކް އޮފް މޯލްޑިވްސްގެ މުވައްޒަފުންގެ އަތުން ގިނަ އަދަދެއްގެ ފައިސާ ފޭރުނު ކަމަށް ތުހުމަތުކުރެވޭ މީހުންގެ ބަންދަށް އެންމެ ފަސް ދުވަސް ދީފައި، ކެފޭއަކުން ކައިގެން ފައިސާ ނުދީ ފިލަން އުޅުނުކަމަށް ބުނެ ހައްޔަރުކުރި މީހެއްގެ ބަންދަށް 10 ދުވަސް ދިނުމެވެ. އޭނާ ވިދާޅުވި ގޮތުގައި އެ ދެ ކަންތައް ވެސް ހިނގީ މިދިޔަ ހޯމަ ދުވަހު އެވެ.
އެމްޑީޕީން މި މަހުގެ ތިން ވަނަ ދުވަހު ބޭއްވި މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުންގެ ބަންދަށް 15 ދުވަސް ދީފައި، މާލޭގެ ގެެއެއްގެ ފުރާޅުމައްޗަށް އަންހެންކުއްޖަކު ވެއްޓުނު މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދަށް އެންމެ ތިން ދުވަސް ދިނުމަކީ ވެސް މިސާލެއްގެ ގޮތުގައި އޭނާ ފާހަކުރެއްވި އެވެ.
މި މިސާލުތަކާ އެކު، މީކާއީލް ތުހުމަތުކުރެއްވި ގޮތުގައި ބޮޑެތި ޖިނާއީ ކުށްތަކުގެ ތުހުމަތުކުރެވޭ މީހުން ކުރު މުއްދަތަށް ބަންދުކޮށްފައި ކުދި ކުށްތަކުގެ ތުހުމަތުވާ މީހުން ދިގުމުއްދަތަށް ބަންދުކުރުމަކީ އިންސާފުން އެއްކިބާވުމެވެ.
ބަންދުގެ މުއްދަތު ދޭއިރު، ވަކީލެއްގެ ފުރުސަތަކަށް އެދި އެކަމަކު ވަކީލަކު ހަމަނުޖެހި ހުންނަ ހާލަތުގައި އާންމުކޮށް ކޯޓުން ދެނީ ކުރު މުއްދަތެކެވެ. އެއީ ވަކީލެއް ހަމަޖެއްސުމަށް ވަގުތު ދިނުމުގެ ގޮތުންނެވެ. އަދި ތަކުރާރުކޮށް ކުށް ކުރާ މީހުންގެ ބަންދަށް އާންމު ގޮތެއްގައި ގިނަ ދުވަސް ދެ އެވެ.