29 އޮކްޓޯބަރ 2025 - 06:32

(އާދިއްތަ ދުވަހާ ގުޅޭ)
"ބައްޕައަކަށް ބައްޕައެއް މަރުވާން ޖެހޭނެ." އަތީލާ ބުންޏެވެ.
"ނޭނގި ކުރެވުނު ކަމަކަށް ތި ވަރުގެ އަދަބެއް ދޭން ހެޔޮނުވާނެ އަތީލާ! އަދި ވިސްނާލާ!" ބަރުގާން އާދޭހާ އެކުގައި ބުންޏެވެ. "ވީ ގޮތް އަހަރެން ކިޔައިދީފިން. އަހަންނަށް އެނގޭ ތަރާގެ ބަހަށް އަތީލާ ނުހެއްލޭނެކަން. ތަރާ އަބަދު ވެސް ބޭނުމީ ވެރިކަން. އޭގެ ބޭނުމުގަ ފާޑުފާޑުގެ ވަސްވާސް އެ ދެނީ. އަތީލާ ބައްޕަ ކައިރީގަ އަހަރެން ބުނިން އިންސާނުންގެ ތެރެއަށް އައުން ރައްކާތެރިއެއް ނޫނޭ! އެ މީހުން އަތުން އަހަރުމެން މަރުވާލެއް މަދެއް ނޫނެއްނު! އަހަރުމެންނަށް ފެންނަ އެއްޗެހި އެ މީހުންނަކަށް ނުފެންނާނެ. އިވޭ އެއްޗެހި އެ މީހުންނަކަށް ނީވޭނެ. އަތީލާއަށް ވެސް އެނގޭނެ އެ ކަން. އިންސާފުން ކަންތައް ކުރޭ އަތީލާ!"
އަތީލާ އެ ވާހަކަތައް އަޑު އެހިއެވެ. ވިސްނަން ވެސް ވިސްނިއެވެ. އަތީލާއަށް ހީވަނީ ބަރުގާންގެ ހިތުގައި އަމިއްލަ ވަޒަނަށާއި ތަނުގެ އަހުލުވެރިންނަަށް އޮތް ލޯބި ފަނޑުވާ ހެންނެވެ. ބަރުގާންގެ ވަފާތެރިކަން ގެއްލޭ ހެންނެވެ.
"އެނގެޔޭ! އެކަމަކު ބަރުގާނަކަށް ނޭނގޭ ބަރުގާން ނިސްބަތް ވަނީ ކޮން ރަށަކަށް ކަމެއް،" އަތީލާ ޖަޒުބާތުގައި ޖެހުނީ ތަންކޮޅެއް ބޮޑަށެވެ. "ބަރުގާންގެ ރަށަކީ މީ! މި ރަށުގެ ވެރިޔާ، ބަރުގާންގެ ވެރިޔާ، އަހަރެންގެ ބައްޕަ އެއްވެސް ކުށަކާ ނުލާ މަރާލީމަ ވެސް ބަރުގާން ކީއްވެތަ އިންސާނުންނަށް ތި ވަކާލާތު ކޮށްދެނީ؟ އަހަންނަށް ނުވިސްނިގެންނޭ މި އަހަނީ. ބުނެބަލަ! ނޭނގި ކުރެވުނު ކަމެކޭ ބުނާ އިރު، ބިންމަތީގަ އޮންނަ އެއްޗަކަށް ނޭނގި ފައިން އެރިދާނެ. އަނދިރީގެ ތެރެއަށް ހޫރާލާ އެއްޗަކުން އަހަރުމެންގެ ގައިގަ ޖެހިދާނެ. އެކަމަކު ތަނެއްގަ އިން އެއްޗެއްގަ ޖެހިޖެހީނުން ވައްޓާލާފަ، ސަލާމަތްވާން އުޅެން ފެށީމަ ޖެހިޖެހީނުން މަރާލީމަ ބުނާނީ އެއީ ގަސްތުގަ ކުރި ކަމެކޭ! މަރާލަން ބޭނުން ވެގެނެއް ނޫންތަ އެހެން ހަދާނީ؟ އެ ކަން ކުރި މީހެއްގެ ހިތުގަ ވެސް އެބަ ޖެހޭ އަހަރެންގެ ހިތުގަ މި އަޅާ ވޭން އަޅަން. ބައްޕަ ގެއްލުމަކީ ކިހާ ވަރެއްގެ ކަމެއްކަން އޭނައަށް ވެސް އެނގެން ޖެހޭނެ. އިންސާފަކީ އެއީ. މި ދޭތެރެއަށް ބަރުގާން ނުވަންނާތި! މީ ބަރުގާންއާ ބެހޭ ކަމެއް ނޫން. ވަދެއްޖެއްޔާ، އާއިލީ ގޮތުން އަހަރުމެންގެ މި އޮންނަ ގާތްކަން އަހަރެން ހަނދާން ނައްތާލާނަން."
ބޮލުގައި ދެ ފަހަރަކު ފުނާ ހިންގައިލުމަށް ފަހު އަނިލް ގަމީހަށް ސެންޓު ޖަހައިލިއެވެ. އެ މަންޒަރު ބަލަން އިން ނޫމާގެ މޫނުމަތިން ހީވަނީ، އެ އަށް ވުރެ ފޫހިވާ މަންޒަރެއް ދުވަހަކު ވެސް ނޫމާ ނުދެކޭ ހެންނެވެ. ވެގެންވާ ނަމަ، ދެ ފައި އައްސައިގެން ނަމަވެސް އަނިލް ހުއްޓުވަން ނޫމާ ބޭނުމެވެ.
"އެ ވަރަށް ބުނީމަ ވެސް ދަނީއޭ!" ނޫމާ ވަރަށް ހިތްހަމަނުޖެހިފައި ބުންޏެވެ. "އަނިލްއަށް ކަމެއް ވެއްޖެއްޔާ ހުވާ މި ބުނީ އަހަރެން ވެސް މަޑަކުން ނީންނާނަން. އެ އަންޖަލްގެ މަންމައަކީ ޖިންނިއަވަލެވި މީހެއް. އަންޖަލްއަކީ ޖިންނިއަވަލަވާފަ ހުރި ކުއްޖެއް. އިރުއިރުކޮޅާ އެބަ ގެއްލޭ!"
"ހާސްކަނޑާލާ!" އަނިލް ހަމަޖެހިލާފައި ބުންޏެވެ. "ގޮސް އެ ކޮޅުގަ ޖެހުމާ އެއްކޮށް މި ކޮޅަށް ނައްޓައިލާނަން. މި ރޭ ވާނެ ކާން ބޭރަށް ޖައްސާލަން. ރެޑީވެގެން އިނދޭ! ޖިންނިއަކަށް އަހަންނާ ވައި ވެސް ނޭޅެވޭނެ. ބިރުގަންނާނެ. އަހަންނަށް ވުރެ ބޮޑަށް ޖިންނީގެ ކަންތައް އެނގޭ މީހަކު ނުހުންނާނެ."
އެ ޖަވާބުން ނޫމާއަށް ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއްލިބުނެވެ. ރާއިފުގެ މޫނުމަތިން ފެންނަނީ ނުތަނަވަސްކަމެވެ. ބުނި ގަޑިއަށް އަންޖަލްގެ ގެއަށް އައިސް، ސޯފާގައި އެކަނިމާއެކަނި އިށީނދެލައިގެން އިން އިރު، ގައިގެ ހަލާކުވެފައި ހުރި ތަންތަނުގައި ހުރީ ބޭސްއަޅައިފައެވެ. ރާއިފު ބުނި ގޮތުގައި ކުޑަ އެކުސިޑެންޓެއްވީއެވެ. މާ ބޮޑު އަނިޔާއެއް ނުވެއެވެ. އަންޖަލް އުޅުނީ ކާން ހެދުމުގައެވެ. ރާއިފު ދެކެން ބައްޕަ އަންނާތީ، އެ ބައްދަލުވުން ވީހައި ވެސް އުފާވެރިކުރަން އަންޖަލް ބޭނުމެވެ. އަންޖަލްއަށް ބައްޕަ ނުފެންނަތާ އެތައް ދުވަހެއް ވެއްޖެއެވެ.
"އަންނާނެބާ؟" އަންޖަލް އިރުއިރުކޮޅާ ގަޑިއަށް ބަލާތީ މުހުސިނާ ބުންޏެވެ. "މާމަ ބުނަން ވާހަކައެއް؟ މާ ބޮޑު އުންމީދުތަކެއް ނުކުރާތި! އަޔަސް އެއީ ބޮޑު ވަރެއް. ހިޔެއް ނުވޭ އަންޖޫގެ ދޮންމަންމަ އަތްދަށުން ސަލާމަތްވާނެ ހެނެއް. ވަރެއްގެ އަންހެނެއް އެއީ."
"މާމާ!" ނިކަން ލޯބިން މާމަ ގައިގައި ބައްދައިލަމުން އަންޖަލް ބުންޏެވެ. "އަހަރެން ހަމަ އެކަނި ބޭނުމީ ބައްޕަގެ ރުހުން. އެ ނިމުނީ. މިރޭ ބައްޕަ ނައިއްސިއްޔާ ދެން ވަރިހަމަ ދުވަހަކު ނަޔަސް."
އަނިލްގެ ސައިކަލު އިސްޓާޓު ނުވެގެން އަންޖަލްގެ ގެއަށް ދިޔުން ކެންސަލު ކޮށްލަން އުޅެނިކޮށް ފާއިދު އަންނަ ތަން ފެނުނެވެ. އޭނައަކީ އަނިލްއާ އެއްކޮށް އެއް އޮފީހެއްގައި އުޅުނު ރައްޓެއްސެކެވެ. ހައެއްކަ އަހަރު ކޮށްފައި އަނިލް އެ އޮފީހުން ކެނޑުނު އިރު ވެސް ފާއިދަކީ އަނިލްގެ ގާތް ރައްޓެއްސަކަށެއް ނުވެއެވެ. މަގުމަތިން ފެނުނަސް ފާއިދު ނިތް ވެސް އެއްލައެއް ނަހަދައެވެ. އެ ކަމާ އަނިލް ޝަކުވާއެއް ނުކުރެއެވެ. ފާއިދުއަކީ، ކުރަން ފެށި ވިޔަފާރިއެއްގެ ސަބަބުން ކުށުގެ ދިގު ރިކޯޑެއް އޮންނަ މީހަކަށް ވީތީއެވެ. އެހެނަސް، އެ ރޭ ފާއިދު އައި ގޮތަށް އަނިލް ގާތަށް މަޑުކޮށްލިއެވެ.
"ބްރޯ! ސްޓާޓު ނުވީ؟" ފާއިދު ސުވާލުކުރިއެވެ. "ކޮން ތާކަށް ޑޮރޮޕް ކޮށްލަންވީ؟"
އަނިލް ހިތަށް އެރިއެވެ. ފާއިދުއަށް ކޮން ދިމާއަކުން އިރުއެރި ދުވަހެއްބާއެވެ؟ އަހަރެން ފެނުނީ ކީއްވެގެން ހެއްޔެވެ؟ އޭނަ ހުރީ ހަމަހެއިގައިބާއެވެ؟
"ނޫނޭ!" އަނިލް ޖަވާބު ދިނެވެ. "އިރުކޮޅަކު މަޑުކޮށްލީމަ ސްޓާޓް ވާނެ. ތެންކްސް."
އަނިލް އެހެން ބުނީމައި ވެސް ފާއިދު ދާކަށް ނޫޅެއެވެ. އަނިލްއަކަށް ސައިކަލު އިސްޓާޓެއް ނުވިއެވެ.
"ނުވާނެ ތި ކަމެއް،" ފާއިދު ބުނެލިއެވެ. "ހިނގާބަލަ! ބްރޯ ބިރުގަންނަނީތަ؟ އަހަރުމެންނަކީ އޮފީސް ބަޑީސްއެއްނު!"
އަނިލް ވަރަށް ގިނަ ބަހަނާ ދެއްކިއެވެ. ފާއިދު ކުރެއް ނުކުރިއެވެ. އެންމެ ފަހުން އަނިލް އެއްބަސްވިއެވެ. ސައިކަލު ފަހަތަށް އަނިލް އަރައި ރަނގަޅަށް ހަމަޖެހިނުލެވިގެން އުޅެނިކޮށް ފާއިދު ސައިކަލު ދުއްވައިލިއެވެ. އަނިލް ނުވެއްޓުނީ ކިރިޔާއެވެ. ފާއިދު ހީވަނީ ލައިނުގަނެގެން އުޅޭ ހެންނެވެ. އެ ސައިކަލަށް ނޭރުނު ނަމަ މާ ރަނގަޅުވީސްއޭ އަނިލް ހިތަށް އެރިއެވެ.
"ހަމަޖެހިލައިގެން ދިޔަސް އޯކޭވާނެ އިނގޭ!" ފާއިދުގެ ކޮނޑުގައި ޖަހައިލާފައި އަނިލް ބުންޏެވެ. "ގަޑިއެއްނުޖެހޭނެ."
"ބްރޯ ހާދަ ބިރެކޭ ތި ގަންނަނީ،" ހީނގެންފައި ފާއިދު ބުންޏެވެ. "ހާސްކަނޑާލާ! އަހަރެން ސައިކު ދުއްވާތާ ކިތައް އަހަރުކަން އެނގޭތަ؟ ޓެން؟ ދުވަހަކު ވެސް ނޯންނާނެ އެކްސިޑެންޓެއް ވެފައެއް. ސްޓިކާއެއް ވެސް ނޯންނާނެ. އަހަރެންގެ ރެކޯޑް ވަރަށް ކްލީން ވާނެ."
އެއީ ކަނޑައެޅިގެން ދޮގެއްކަން އަނިލްއަށް އެނގެއެވެ. އެހެނަސް، އެ ވާހަކަގަނޑުގެ ތެރެއަށް ވަންނާކަށް އަނިލް ބޭނުމެއް ނޫނެވެ. އެހެންވެ އެއްޗެއް ނުބުނެ އިނެވެ. ފާއިދު ދުއްވީ ނިކަން ބާރަށެވެ. ކުއްލިއަކަށް ފާއިދުގެ ލޯ ފުސްވާން ފެށިއެވެ. ފުސްވެލާފައި ރަނގަޅުވެއެވެ. ބައެއް ފަހަރު އަވަހަށެވެ. ބައެއް ފަހަރު ލަހުންނެވެ. އެ ވަރުން ވެސް ދުވެލި މަޑުކުރުމުގެ ވިސްނުމެއް ފާއިދުގެ ނެތެވެ. ސައިކަލު ދުއްވަމުން ދިޔަ އިރު، މަގުގެ ދެ ފަރާތުގައި ހުރި ގަސްތަކުގެ ތެރެއިން އަލިފާންކަނި ބުރައިގެންދާހެން ފާއިދުއަށް ހީވެއެވެ. ފާއިދުގެ ސައިކަލާ އެއްވަރަށް، އެއް ގަހުން އަނެއް ގަހަށް އެއްޗެއް ފުންމަމުންދާ ތަނެއް ފާއިދުއަކަށް ނުފެނެއެވެ. އަނިލް ބުނި މަގުތަކުން ދުއެްވަމުން ގޮސް އަންޖަލްގެ ގެ ކައިރިއަށް ސައިކަލު މަޑުކޮށްލިއެވެ. އަނިލް ސައިކަލުން ފޭބި ވަގުތު، ނިކަން ބާރަށް އަނިލްގެ ހިތްތެޅިގަތެވެ. އަނިލްއަށް ހިތުގައި އަތްއެޅުނެވެ. ދުވަހަކު ވެސް ނުވާ ގޮތެއް ވުމުން، އޭގެ ހަގީގަތެއް އަނިލްއަކަށް ނޭނގުނެވެ. ފާއިދުއަށް ޝުކުރު އަދާކޮށްފައި ގެއަށް ވަނެވެ.
އަނިލްއަށް މަރުހަބާކިއީ، ހަގު ދަރިފުޅު ޝާފިޔާއެވެ. އެހެން މީހުން ވެސް އަނިލްގެ އިންތިޒާރުގައި ތިއްބެވެ. އަނިލް ފެނުމުން ރާއިފު ވަރަށް ހައިރާންވިއެވެ. ގެއާ ހަމައަށް އަނިލް ފޯރާނެ ކަމަކަށް ރާއިފު ހިއެއް ނުކުރެއެވެ. އަނިލް އައީތީ އަންޖަލް ހުރީ އުފާވެފައެވެ. މުހުސިނާއަށް އަނިލް ފެނުމުން ވެސް އެއީ އަނިލް ކަމަކަށް ގަބޫލެއް ނުކުރެވުނެވެ. އެ ވަގުތު ނޫމާ ގުޅިއެވެ. އަނިލްއަށް ގެއަށް ދެވުނުތޯ ބަލާށެވެ.
"ހަމަ މި ވަނީ!" އަނިލް ބުންޏެވެ.
"ދެން އާދޭ އަވަހަށް،" ނޫމާ އެދުނެވެ. "ތި ގޭން އެއްޗެއް ނުކާތި! ފެންފޮދެއް ވެސް ނުބޯތި!"
"އާނ އޯކޭ! ބޭއްވީ!" ގާތުގައި އެހެން މީހުން ތިބުމުން އަނިލް ބުނެލިއެވެ.
ކެއުމުގެ ކުރިން ސޯފާގައި ވާހަކަ ދައްކަން ތިބި ތިބުމުގައި، ރާއިފުގެ ތައާރަފެއް ނިޒާރު ދިނެވެ. ރާއިފު ވެސް އަނިލްއާ ވާހަކަ ދެއްކިއެވެ. އަނެއްކާ ވެސް އަނިލްގެ ހިތްއަވަސްވިއެވެ. އެ ފަހަރު އަނިލް ދެނަހުރި ކަމަކަށް ނަހަދައެވެ.
"މި ކައިވެންޏާ ދޭތެރޭ ދަރިފުޅު ކީކޭ ބުނަނީ؟" އިރުކޮޅަކު ވާހަކަ ދެއްކުމަށް ފަހު ނިޒާރު އެހިއެވެ.
"ހަމަ ކުރިޔަށް ގެންދަންވީ!" އަނިލް ބުންޏެވެ. "އަހަރެން ފުރަން މި އުޅެނީ. ފަހަރެއްގަ ރަށުގަ ނޫޅެދާނެ. އެހެންވިޔަސް ލަސް ކުރާނެ ކަމެއް ނެތް."
"ބައްޕަ ކޮން ތާކަށް ދަނީ؟" އަންޖަލް އެހިއެވެ.
"ޕާޓީގެ ކަންތައް ހަމަޖައްސާފަ އަހަރެން ފުރާނީ،" އަނިލްއަށް އަންޖަލްގެ ސުވާލު އިވުނު ކަމަކަށް ނަހަދައެވެ. "ކޯޓުގަ އަހަރެންގެ ރައްޓެހިން އުޅޭނެ. އެ ކަމާ ވެސް ވިސްނާނެ ކަމެއް ނެތް."
އަންޖަލްގެ ސުވާލު ނީވޭ ކަމަށް އަނިލް ހެދުނުކަން އެންމެނަށް ވެސް އެނގުނެވެ. ތަނަށް ހަމަހިމޭންކަން ވެރިވި ސަބަބަކީ އެއީއެވެ. އަނެއްކޮޅުން، ރާއިފު ގައިގަ ބޭސް އަޅައިފައި ހުރި ތަން އަނިލްއަށް ފެނުނެވެ. އެހެނަސް، އެ ތަނުން ނުކުންނަން ބޭނުން ވެފައި ހުރި ވަރުން، އެ ކަމާ ސުވާލެއް ނުކޮށް، ދަނޑިވަޅުގެ ފައިދާ ނަގަމުން އަނިލް ތެދުވިއެވެ.
"ދެން ގޮސްލަނީއޭ!" އަނިލް ބުންޏެވެ. "ވަރަށް ބިޒީކޮށް އުޅެމުން މި އައީ ވެސް."
"ކައިގެން ދާން ވާނީ،" އަނިލްގެ ބުރަކަށީގައި އަތްޖައްސާލަމުން ނިޒާރު ބުންޏެވެ. "ބައްޕަ އަންނާތީ އަންޖޫ ހާދަ އެއްޗިއްސެއް ހެދިޔޭ! ރަހަބަލައިލަން ވާނެއްނު!"
އަނިލް ކުރިޔަށް ހިނގައިގަތެވެ. އަނެއްކާ ނޫމާ ގުޅިއެވެ. އަނިލް ފޯނަށް ބަލައިލާފައި އަޑު ކަނޑައިލިއެވެ. އެއީ ތިންވަނަ ފަހަރަށް ހިތުގެ ހިނގުން އަވަސްވެ، އަނިލްގެ މެޔަށް ތޫނު ތަދެއް އެރި ވަގުތެވެ. ހީވީ ހަށިގަނޑުގެ އެތެރެއިން ތަނެއް ވީދައިލި ހެންނެވެ. މޫނުމައްޗަށް އަނދިރިވަމުންދިޔަ އިރު، އަންޖަލް ނިކަން ބާރަށް ބައްޕާއޭ ކިޔާފައި ގޮވައިލި އަޑު އަނިލްއަށް އިވުނެވެ. (ނުނިމޭ)