އިންޓަގެ ކީޕަރު ދުއްވި ކާރުން ޖެހި ފުރޮޅުލީ ގޮނޑިއެއްގައިއިން އުމުރުން 81 އަހަރުގެ މީހަކު މަރުވެއްޖެ
އިންޓަގެ ކީޕަރު ދުއްވި ކާރުން ޖެހި ފުރޮޅުލީ ގޮނޑިއެއްގައިއިން އުމުރުން 81 އަހަރުގެ މީހަކު މަރުވެއްޖެ

މިލާން (އޮކްޓޫބަރު 29) - އިންޓަ މިލާނުގެ ގޯލްކީޕަރު ޖޯސެޕް މާޓިނޭޒް ދުއްވި ކާރުން ޖެހި ހިނގި އެކްސިޑެންޓުގައި، ވީލްޗެއާގައި އިން 81 އަހަރުގެ ފިރިހެނަކު މަރުވެއްޖެ އެވެ.

މި އެކްސިޑެންޓް ހިނގީ އިއްޔެ ކޯމޯ ޕްރޮވިންސްގަ އެވެ. ފުލުހުން ބުނި ގޮތުގައި ގޮތުގައި މި ހާދިސާ ހިނގީ މާޓިނޭޒް ކާރު ދުއްވި ލޭނަށް ފުރޮޅުލީ ގޮނޑި ދުއްވާލުމުންނެވެ.

ކުރިން ޖެނޯއާ އަށް ކުޅުނު މާޓިނޭޒް އިންޓަ އަށް ބަދަލުވީ މިދިޔަ އަހަރު އެވެ. އޭނާ އަކީ އިންޓަގެ ދެވަނަ ކީޕަރެވެ. ސްޕެއިންގެ ގައުމީ ޓީމަށް ވެސް ކުޅެފައިވާ އުމުރުން 27 އަހަރުގެ ގޯލްކީޕަރު، ބާސެލޯނާގެ އެކަޑަމީން ތަމްރީނުވެގެން ސީނިއާ ކެރިއަރު ފެށީ ލަސް ޕަލްމަސް އިންނެވެ. ޖެނޮއާ އަށް ބަދަލުވުމުގެ ކުރިން އޭނާ ވަނީ އާރުބީ ލައިޕްޒިގަށް ވެސް ކުޅެފަ އެވެ. އިންޓަ އަށް އޭނާ ވަނީ މިހާތަނަށް ޖުމްލަ 12 މެޗު ކުޅެދީފަ އެވެ.

އެކްސިޑެންޓް ހިނގުމާ އެކު އެމަޖެންސީ ސާވިސަސް އަށް މާޓިނޭޒް ގުޅި އެވެ. ކުޑަ ވަގުތުކޮޅެއްގެތެރޭ އެމްބިއުލާންސަކާއި ހެލިކޮޕްޓަރެއް އެ ސަރަހައްދަށް ދިޔަ އެވެ. ނަމަވެސް އެ މީހާގެ ފުރާނަ ސަލާމަތް ކުރަން ކުރި މަސައްކަތް ނާކާމިޔާބުވީ އެވެ.

ފުލުހުންގެ ފަރާތުން މައްސަލަ ތަހްގީގު ކުރާ އޮފިސަރުން ބުނި ގޮތުގައި މި އެކްސިޑެންޓްގައި މާޓިނޭޒް އަށް އެއްވެސް އަނިޔާއެއް ނުވެ އެވެ. ނަމަވެސް އޭނާ ކާރު ދުއްވީ މަސްތުގެ ހާލަތުގައި ހުރެގެންތޯ ޓެސްޓް ކުރާނެ ކަމަށް ފުލުހުން ބުންޏެވެ.

އިންޓައިން މިރޭ އިޓާލިއަން ސެރީ އޭގައި ފިއޮރެންޓީނާއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން، އިއްޔެ އޮތް ޕްރެސް ކޮންފަރެންސް ވެސް އެ ކްލަބުން ކެންސަލް ކުރީ އެ ހާދިސާއާ ގުޅިގެން ކަމަށް ވެއެވެ. އަދި އެ އެކްސިޑެންޓާ ގުޅޭ އެއްވެސް ވާހަކަ ދައްކަން އެ ކްލަބުން އުޒުރުވެރިވެ އެވެ.