ނޫސްވެރިންނަށް މައުލޫމާތު ލިބުނު ގޮތް ހާމަކުރަންޖެހޭ އިތުރު ހާލަތްތަކެއް ގާނޫނުގައި ހިމަނަން ހުށަހަޅައިފި
ނޫސްވެރިންނަށް މައުލޫމާތު ލިބުނު ގޮތް ހާމަކުރަންޖެހޭ އިތުރު ހާލަތްތަކެއް ގާނޫނުގައި ހިމަނަން ހުށަހަޅައިފި

ހެއްކާ ބެހޭ ގާނޫނުގައި ނޫސްވެރިން މަސްދަރު ނުވަތަ މައުލޫމާތު ލިބުނު ގޮތެއް ހާމަކުރަންޖެހޭ ހާލަތްތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ކަންކަމުގެ އިތުރުން ބައެއް ކަންކަން ހިމަނަން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފި އެވެ.

ނޫސްވެރިންގެ ކަންބޮޑުވުންތައް ފާޅުކުރަމުން ދަނިކޮށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި، ޖެނުއަރީ 2023 ގައި އަމަލުކުރަން ފެށި ހެއްކާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުގެ ފަރާތުން ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު އަސްލަމް ހުށަހެޅުއްވި ބައެއް ބަދަލުތަކުގެ ތެރޭގައި ނޫސްވެރިން މަސްދަރު ހާމަކުރަންޖެހޭ ހާލަތްތައް ވެސް ހިމެނޭއިރު ކުރިން އޮންނަ ގޮތުން ނަމަ މަސްދަރު ހާމަކުރުމަށް އެދި ކޮންމެ ކޯޓަކަށް ވެސް ހުށަހެޅިދާނެ އެވެ. އެކަމަކު މިހާރު ހުށަހަޅާފައި އޮތީ އެފަދަ އަމުރެއް ނެރެވޭނީ ހައި ކޯޓުން ކަމަށާއި ކޯޓަށް ހުށަހަޅާތާ 24 ގަޑިއިރު ތެރޭ އަމުރާ މެދު ގޮތެއް ނިންމަންޖެހޭނެ ކަމަށެވެ.

މީގެ އިތުރުން، މައްސަލަ ރައްދުވާ ނޫސްވެރިޔާ އާއި އޭނާ ވަޒީފާ އަދާކުރާ ތަނުން ހައި ކޯޓުގައި ޖަވާބުދާރީ ވުމަށް ފުރުސަތު ދިނުމާއި ހައި ކޯޓުގެ ނިންމުން 10 ދުވަސް ތެރޭ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރެވޭ ގޮތަށް ހިމެނުމަށް ވެސް ވަނީ ހުށަހަޅައިފަ އެވެ. މި އަމުރަށް އެދި ހައި ކޯޓަށް ހުށަހެޅޭނީ ގާނޫނުގައި ބުނާ ހާލަތްތަކުގައި ޕްރޮސިކިއުޓާ ޖެނެރަލް ނުވަތަ ތުހުމަތުކުރެވޭ ފަރާތަށް ނުވަތަ ދައުވާ ލިބޭ ފަރާތަށް ކަމަށް އިސްލާހުގައިވެ އެވެ.

ގާނޫނު މިހާރު އޮންނަ ގޮތުން، މަސްދަރު ހާމަނުކުރާނެ ކަމަށް ނޫސްވެރިޔާ ވެފައިވާ ވައުދެއް ނުވަތަ ދީފައިވާ ޔަގީންކަމެއްގެ މައްޗަށް، އެ މައުލޫމާތު ދިން ފަރާތެއްގެ ރުހުމާނުލައި އެ ފަރާތެއް ހާމަކޮށްދޭ ނުވަތަ ހާމަވުމަށް އެހީއަކަށް ވެދާނެ އެއްވެސް މައުލޫމާތެއް ހިއްސާކުރަން ނޫސްވެރިޔާ ނުވަތަ އޭނާ މަސައްކަތްކުރާ ތަނަށް މަޖުބޫރެއް ނުކުރެވޭނެ އެވެ.

އަދި 136 ވަނަ މާއްދާގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ޓެރަރިޒަމްގެ ކުށްތަކާއި ގައުމީ ސަލާމަތާ ގުޅުން ހުރި ކުށްތަކުގެ މައްސަލަތަކުގައި ތަހުގީގުކުރާ ފަރާތުން ނުވަތަ ޕްރޮސެކިއުޓާ ޖެނެރަލް ނުވަތަ ތުހުމަތުކުރެވޭ ފަރާތުން ނުވަތަ ދައުވާ ލިބޭ ފަރާތުން، ނޫސްވެރިޔާގެ މަސްދަރު ހާމަކުރުމަށް އެދި ހުށަހެޅުމުން ވަކި ހާލަތްތަކެއްގައި އެ މަސްދަރު ހާމަކުރުމަށް ޝަރީއަތުން އަމުރުކުރެވިދާނެ ކަމަށެވެ.

ނަމަވެސް، ގާނޫނުގައި އޮންނަނީ އެ ގޮތަށް އަމުރުކުރެވޭނީ ޓެރަރިޒަމްގެ ކުށެއް ނުވަތަ ގައުމީ ސަލާމަތާ ގުޅުން ހުރި ކުށެއް ކޮށްފިކަން ނުވަތަ ކުރަމުންދާކަން ނުވަތަ ކުރަން އުޅޭކަން އެނގޭ ނަމަ އެވެ. އޭގެ އިތުރުން؛

- ފުރާނައަށް ނުވަތަ ޖިސްމަށް ނުވަތަ މުދަލަށް ކުއްލި ނުރައްކަލެއް އޮތުން

- ނޫސްވެރިޔާގެ މަސްދަރު ހާމަނުކުރުމުގެ މަސްލަހަތަށް ވުރެ އެ މަސްދަރު ހާމަކުރުމުގެ އާއްމު މަސްލަހަތު މާ ބޮޑު ހާލަތެއް ކަމަށް އެ ހާލަތުވުން

- ނޫސްވެރިޔާގެ މަސްދަރު ހާމަނުކުރުމުގެ ސަބަބުން، ކުށުގެ ތުހުމަތުކުރެވޭ ނުވަތަ ދައުވާ ލިބޭ މީހެއްގެ މައްޗަށް ކޮށްފައިވާ ކުށުގެ ތުހުމަތުން އޭނާއަށް ބަރީއަވެވޭނެ ގޮތް ނުވެ، އޭނާގެ މައްޗަށް ނާއިންސާފު ހުކުމެއް ކޮށް ނުހައްގު އަދަބެއް ލިބުމުގެ ފުރުސަތު ބޮޑުވުން

އެ ކަންކަމުގެ އިތުރުން، މަސްދަރު ހާމަކުރެވޭނެ އިތުރު ހާލަތްތައް، ގާނޫނުގައި ބަޔާންކޮށްފައި ވާއިރު ނޫސްވެރިންގެ އެންމެ ބޮޑު ކަންބޮޑުވުމަކަށް އޭރު ވެސް އޮތީ ގައުމީ ސަލާމަތަކީ ކޮބައިކަން ގާނޫނުގައި ބަޔާންކޮށްފައި ނެތުމެވެ. ކުމިފަހަރު ހުށަހެޅި ބަދަލުގައި ވެސް ގައުމީ ސަލާމަތް މާނަކުރާނެ ގޮތެއް ނެތެވެ.

ގާނޫނަށް ބަދަލު ގެނައުމުގެ ބިލުގައި މަސްދަރު ހާމަކުރަންޖެހޭނެ އިތުރު ހާލަތްތަކުގެ ގޮތުގައި؛

- ބާރުގެ ބޭނުންކޮށްގެން ސަރުކާރު ވައްޓާލުމާއި

- ހަތިޔާރު ބޭނުންކޮށްގެން ހިންގާ އުދުވާނީ ހަރަކާތްތަކާއި

- ގާނޫނުލް އުގޫބާތުގެ ދަށުން ކުށް ކަމުގައި ކަނޑައަޅާފައިވާ ހުއްދަ ނޫން ސިއްރު މައުލޫމާތު ހާމަކުރުމާއި

- ރާއްޖޭގެ ސިޔާދަތާއި އިސްތިގުލާލަށް ގެއްލުން ލިބޭނެ އަމަލުތައް ހިމެނޭއިރު، ބިލް ހުށަހަޅާފައިވަނީ ކުރިން ގާނޫނުގައި ހުރި ކަންކަން ވެސް ހަމަ އެގޮތަށް ބާއްވާށެވެ.

އަސްލަމް ހުށަހެޅުއްވި އިސްލާހުގައި ވެސް ވަނީ، ނޫސްވެރިޔާއަށް މައުލޫމާތު ދީފައިވަނީ މަސްދަރު ސިއްރުކުރާނެ ކަމުގެ ޔަގީންކަމުގައި ވާނަމަ، އެ މަސްދަރެއް ހާމަކުރަން މަޖުބޫރު ނުކުރެވޭނެ ކަމަށެވެ. ނަމަވެސް، އެ މަސްދަރު ހާމަކުރުމަކީ ބައެއް ކުށްތަކާ ގުޅިގެން ތުހުމަތުކުރެވޭ މީހަކު ދެނެގަތުމަށް ނުވަތަ އެ ފަރާތެއް ހުއްޓުވުމަށް ކޮންމެހެން މުހިއްމު ކަމެއްކަމުގައިވާ ނަމަ ނޫސްވެރިޔާގެ މަސްދަރު އަންގައިދޭ މައުލޫމާތު ހާމަކުރުމުގެ އަމުރެއް ނެރެދިނުމަށް ޕީޖީ ނުވަތަ ތުހުމަތުކުރެވޭ ފަރާތަށް ނުވަތަ ދައުވާ ލިބޭ ފަރާތަށް ހައި ކޯޓަށް ހުށަހެޅޭނެ ކަމަށް އެ މާއްދާއަށް ގެނައި އިސްލާހުގައިވެ އެވެ.

މަސްދަރު ހާމަކުރުން މަޖުބޫރުވާ ގޮތަށް ހެއްކާ ބެހޭ ގާނޫނު ހަދާތީ ކުރީގެ ވެރިކަމުގައި ނޫސްވެރިން އިހުތިޖާޖު ކުރުމުން އޭރު ވަނީ ބައެއް ބަދަލުތައް ގެނެސްފަ އެވެ. އެކަމަކު ބިލް ފާސްކުރި އިރު، ކުރިއަށްވުރެ ގޯސްކޮށް ބައެއް ކަންކަން ބަދަލުކުރި އެވެ. އޭގެ ފަހުން ބިލް ތަސްދީގު ވެސް ކުރެއްވި އެވެ.

އެމްޑީޕީގެ ވެރިކަން ބަދަލުވީ ގާނޫނު އިސްލާހުކުރުމުގެ ބިލް ކުރިއަށް ނުގޮސް އޮއްވަ އެވެ.