ކްރިސް އެވަންސްއަށް ކުއްޖަކު ލިބިއްޖެ
ކްރިސް އެވަންސްއަށް ކުއްޖަކު ލިބިއްޖެ

ހޮލީވުޑްގެ އެކްޓަރު ކްރިސް އެވަންސް އާއި އޭނާގެ އަންހެނުން އެލްބާ ބެޕްޓިސްޓާއަށް ކުއްޖަކު ލިބިއްޖެ އެވެ.

ޓީއެމްޒީން އިއްޔެ ރިޕޯޓްކުރި ގޮތުގައި، އެލްބާ ވިހެއީ މިދިޔަ ހޮނިހިރު ދުވަހު އެވެ. ނަމަވެސް، އެއީ އަންހެން ނުވަތަ ފިރިހެން ކުއްޖެއް ކަން އަދި ކަށަވަރު ނުވާ ކަމަށް އެ ނޫހުގައި ބުންޏެވެ.

ކުއްޖަކު ލިބުނުކަން ކްރިސް ވެސް މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.

ކްރިސް އާއި އެލްބާ ސެޕްޓެމްބަރު 2023 ގައި ކައިވެނިކުރީ ވަރަށް ސިއްރުންނެވެ. އޭރު މީޑިއާގެ ސަމާލުކަން އެކަމަށް ވަރަށް ބޮޑަށް ލިބުނެވެ.

ހަމައެކަނި ގާތް ރައްޓެހިންނާއި އާއިލާއާ އެކު ބޭއްވި އެ ކައިވެނީ ހަފުލާއަށް ފޯނު ވެއްދުން ވެސް މަނާކުރި އެވެ. އެހެންވެ، މިހާތަނަށް ވެސް އެ ހަފުލާގެ އެއްވެސް ފޮޓޯއެއް ސޯޝަލް މީޑިއާއަށް ލީކުވެފައި ނުވެ އެވެ. ކައިވެނިކުރިކަން ވެސް އެ ދެމީހުން އިއުލާނެއް ނުކުރެ އެވެ.

މާވެލްގެ ކެޕްޓަން އެމެރިކާގެ ރޯލު ކުޅެގެން ގިނަ ބައެއްގެ ލޯބި ހޯދި ކްރިސް އާއި އެލްބާ ކައިވެނިކުރީ ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ އަހަރުތަކެއް ފަހުންނެވެ.

ކްރިސް އާއި އެލްބާ ރައްޓެހިވެގެން އުޅޭ ކަމުގެ އަޑުތައް އެންމެ ފުރަތަމަ ފެތުރުނީ 2022 ވަނަ އަހަރުގެ ނޮވެމްބަރު މަހުގަ އެވެ. އެ އަޑުތައް ފެތުރުނު އިރު، އެ މީހުން ރައްޓެހިވެގެން އުޅޭތާ އަހަރަކަށް ވުރެ ގިނަ ދުވަސްވެފައިވާ ކަމަށް ވެސް އޭރު ރިޕޯޓްތައް ބުންޏެވެ.