29 އޮކްޓޯބަރ 2025 - 10:37

މާލޭގައި ހުރި ބާ މިސްކިތްތަކުގެ ބަދަލުގައި އާ މިސްކިތްތައް އަޅާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ރޭ ވިދާޅުވެއްޖެ އެވެ.
ސޯޝަލް މީޑިއާގައި އޭނާ ކުރެއްވި ޕޯސްޓުގައި ވިދާޅުވީ މ. ބޮޑުގެ މިސްކިތް އަޅަން މާދަމާ ބިންގާ އަޅާނެ ކަމަށެވެ. އެ މަސައްކަތް ދެ އަހަރުގެ ތެރޭގައި ނިންމާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އޭގެ އިތުރުން، މިދިޔަ އަހަރުގެ ފަހުކޮޅު މަސައްކަތް ފެށި ބަރުބަރީ މިސްކިތް ނިންމައި އަންނަ ޑިސެމްބަރު މަހު ހުޅުވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި، ޒިކުރާ މިސްކިތް އަޅަން ވެސް އަންނަ ޖެނުއަރީ މަހު ފަށާނެ އެވެ. ޝަހީމް، އޭނާގެ ބްލޮގްގައި ލިޔުއްވާފައިވާ ގޮތުގައި އެތަން ވެސް ވަނީ ބަޔަކާ ހަވާލުކޮށްފަ އެވެ. މިހާރު ކުރިއަށް ދަނީ ޑިޒައިންކުރުމުގެ މަރުހަލާ އެވެ.
ޝަހީމް ވިދާޅުވެފައިވާ ގޮތުގައި ވިލިމާލެ ސަލާމް މިސްކިތް ތަޅާލައި އެ ތަނުގައި ޒަމާނީ ބޮޑު މިސްކިތެއް އަޅާނެ އެވެ. އެތަން ވަނީ ބަޔަކާ ހަވާލުކޮށް، ޑިޒައިންކުރުމުގެ މަރުހަލާގަ އެވެ.
ޝަހީމް ވިދާޅުވީ ހުޅުމާލެ 1 ގައި ހުރި ވަގުތީ މިސްކިތް ހުރި ތަނުގައި ވެސް ޒަމާނީ މިސްކިތެއް އަޅައި ނިމެމުންދާ ކަމަށެވެ. އެ ހުރިހާ މިސްކިތަކަށް ވެސް ސްޕޮންސާ ވަނީ ހަމަޖެހިފަ އެވެ.
"ދެން ބާކީ މާލެ ސިޓީގައި ހުންނާނީ ބާވެފައި ހުރި އެންމެ މިސްކިތެކެވެ. އެއީ ހެންވޭރު މަސްޖިދު އަފީފުއްދީނެވެ. ﷲ އިރާދަކުރެއްވިއްޔާ އެތަން ވެސް ޒަމާނީ ފެންވަރަށް ބިނާކުރެވޭނެ މަގު އަންނަ އަހަރު ފަހިވެގެންދާނެ އެވެ. މި ހުރިހާ މަޝްރޫއަކަށް ގާތްގަނޑަކަށް 200 މިލިއަން ރުފިޔާއާ ގާތްކުރާ އަދަދަކަށް ހަރަދުވާނެކަމަށް ލަފާކުރެވެ އެވެ." ޝަހީމްގެ ބްލޮގްގައި ލިޔުއްވާފައިވެ އެވެ.
މިނިސްޓަރު ވިދާޅުވީ މާލެގައި ބާވެފައި ހުރި މިސްކިތްތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރިއަސް، އާސާރީ މިސްކިތްތައް ހަމަ އެ ގޮތުގައި ދެމި އޮންނާނެ ކަމަށެވެ. ޒަމާނީ މިސްކިތްތައް ބިނާކުރަނީ އިލްމީ އަދި އިޖްތިމާއީ ގޮތުން ވެސް އެތަންތަން ބޭނުންކުރެވޭނެ ފަދަ ގޮތަކަށް ކަމަށް އޭނާ ވިދާޅުވި އެވެ.