28 އޮކްޓޯބަރ 2025 - 21:35

ކަސްޓަމްސް އަށް ފައިސާ ނުދައްކާ މީހުންގެ މައުލޫމާތު އާއްމުކުރަން ފަށައިފި އެވެ.
އެ އިދާރާއިން މިދިޔަ ހޮނިހިރު ދުވަހު ވަނީ ފައިސާ ދައްކަންޖެހޭ 680 ނަމެއް ހާމަކޮށްފަ އެވެ. އޭގެ ތެރޭގައި އަމިއްލަ މީހުންނާއި ކުންފުނިތައް ހިމެނެ އެވެ.
ކަސްޓަމްސް އިން މި މަހުގެ 16 ވަނަ ދުވަހު އާއްމުކުރި އުސޫލުގެ ދަށުން ނެރުނު ފުރަތަމަ ލިސްޓުގައިވާ ގޮތުން، އެ ތަނަށް އެންމެ ގިނަ ފައިސާ ދައްކަންޖެހެނީ މީގެ ކުރިން އެކި މައްސަލަތަކުގެ ތެރޭގައި ތާށިވި ސަލްޓަންސް އޮފް ދަ ސީ އިންނެވެ. އެ ކުންފުނިން އިމްޕޯޓު ޑިއުޓީ އާއި ޖޫރިމަނާގެ ގޮތުގައި 110 މިލިއަނަށް ވުރެ ގިނަ ރުފިޔާ ނުދައްކާ އެބައޮތެވެ. އެ ފައިސާ އަކީ ސަލްޓަންސް ކުންފުނިން މީގެ 12 އަހަރު ކުރިން ރާއްޖެ ގެނައި ދެ ލޯންޗެއްގެ އަގު އޮޅުވައިލި މައްސަލައިގައި ދައްކަން ކޯޓުން ހުކުމްކޮށްފައިވާ ފައިސާއެކެވެ.
ދެ ވަނައަށް އެންމެ ގިނަ ފައިސާ ދައްކަންޖެހެނީ ވޭޕް އެތެރެކޮށްގެން ޖޫރިމަނާކުރި މީހެކެވެ. އެއީ އަޝްރަފު ވަހީދު ކިޔާ މީހެކެވެ. އެޑްރެހަކަށް އޮތީ މާފިނިވާގެ، މާލެ އެވެ. ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނާ ހިލާފުވުމުން ޖޫރިމަނާގެ ގޮތުގައި އޭނާ 72 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކަންޖެހެ އެވެ.
ތިން ވަނައިގައި ވެސް ހިމެނެނީ ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނާ ހިލާފުވުމުން ކޮށްފައިވާ 48 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ޖޫރިމަނާއެކެވެ.
ކަސްޓަމްސް އިން އޭރު އާއްމުކުރި އުސޫލުގައި ބުނީ ނަން ހާމަކުރާނީ ނުދައްކާ ހުރި ފައިސާގެ އަަދަދު 10،000.ރ އަށް ވުރެ މަތިވުމުން ކަމަށެވެ. އަދި އެ ހިސާބަށް ދާނީ ވެސް އޭގެ ކުރިން ފުރިހަމަ ކުރަންޖެހޭ ގިނަ މަރުހަލާތަކެއް ފުރިހަމަކުރުމަށް ފަހުގައި ކަމަށް ވެސް އެ އުސޫލުގައި ވެ އެވެ.
އެ ލިސްޓުގައި އެންމެ ގިނައިން ހިމެނެނީ ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނާ ހިލާފުވުމުން ކޮށްފައިވާ ޖޫރިމަނާތައް ނުދައްކާ މީހުންނެވެ. އެ ފަދަ ބާވަތްތައް އެތެރެކޮށްގެން އެތައް ބަޔަކު ވަނީ މިލިއަނުން ޖޫރިމަނާކޮށްފަ އެވެ. އޭގެ ތެރޭގައި ގިނަ އަދަދެއްގެ ބިދޭސީން ވެސް ހިމެނެ އެވެ.
ކަސްޓަމްސް އިން ވަނީ، ފައިސާ ނުދައްކާ މީހުންގެ މައުލޫމާތު، ކޮންމެ ދެ މަހަކުން އާއްމުކުރަން ނިންމައިފަ އެވެ.