29 އޮކްޓޯބަރ 2025 - 05:42

ދުނިޔޭގެ އެންމެ މުއްސަނދި މީހާ ކަމަށްވާ އީލޮން މަސްކްގެ އެކްސްއޭއައި އިން، އޮންލައިން އެންސައިކްލޮޕީޑިއާ ވިކިޕީޑިއާއާ ވާދަޔަށް "ގްރޯކިޕީޑިއާ" ތައާރަފުކޮށްފި އެވެ.
މަސްކް މި ހިދުމަތް ފެށީ ވިކިޕީޑިއާ އަކީ ސިޔާސީ ވާތުފިޔައިގެ ފިކުރާ އެއްގޮތަށް މައުލޫމާތު ފަތުރާ ބައެއް ކަމަށް ބުނެ ފާޑުކިޔަމުން ދިއުމަށް ފަހުގަ އެވެ.
ގްރޯކިޕީޑިއާ ލޯންޗުކުރީ ވާޝަން 0.1 ގެ ގޮތުގަ އެވެ. ފެށި އިރު އެ ސައިޓުގައި 885،000 އަށް ވުރެ ގިނަ އާޓިކަލް ޝާއިއުކޮށްފައިވެ އެވެ. ވިކިޕީޑިއާގައި ހަތް މިލިއަނަށް ވުރެ ގިނަ އާޓިކަލް އިނގިރޭސި ބަހުން ލިޔެފައިވެ އެވެ.
މި ރިލީޒަށް ފަހު އަޕްޑޭޓް ވާޝަން 1.0 ނެރޭނެ ކަމުގެ ވައުދާ އެކު، މަސްކް ބުނީ މިހާރު ލައިވްކޮށްފައިވާ ސައިޓަށް ވުރެ 1.0 10 ގުނަ ރަނގަޅު ވާނެ ކަމަށެވެ. އަދި މިހާރު ވެސް ވިކިޕީޑިއާއަށް ވުރެ މައުލޫމާތު ރަނގަޅުވާނެ ކަމަށް ބުންޏެވެ.
"ގްރޯކް އަދި Grokipedia.com ގެ އަމާޒަކީ ހަގީގަތް ހާމަކުރުން. އަހަރެމެންނަކީ އެއްވެސް އިރެއްގައި އެއްވެސް އުނިކަމެއް ނެތް ބައެއް ނޫން. އެކަމަކު އެ މަގްސަދު ހާސިލް ކުރުމަށް އަބަދުވެސް މަސައްކަތް ކުރާނަން،" މަސްކް ބުންޏެވެ.
މަސްކް ބުނީ "ގްރޯކިޕީޑިއާ" ރިލީޒް ކުރަން ތާވަލްކުރީ މިދިޔަ މަހުގެ ފަހުކޮޅަށް ކަމަށާއި އެކަމަކު ޕްރޮޕަގެންޑާ އަށް ފުރުސަތު ނުދޭން ފަސްކުރީ ކަމަށެވެ.
މަސްކް ވަނީ ވިކިޕީޑިއާއަށް އަބަދުވެސް ވަރަށް ބޮޑަށް ފާޑު ކިޔަ އެވެ. މިދިޔަ އަހަރު އޭނާ ވަނީ އެ ސައިޓަކީ ވާތު ފިޔައިގެ އެކްޓިވިސްޓުންގެ ކޮންޓްރޯލް އޮންނަ އެއްޗެއް ކަމަށް ބުނެ އެ ސައިޓަށް ފައިސާ ހަދިޔާ ކުރުން ހުއްޓާލުމަށް ވެސް ގޮވާލައިފަ އެވެ.
ގްރޯކިޕީޑިއާގެ ކޮންޓެންޓް އުފައްދާފައި ވަނީ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އާއި ޖެނަރޭޓިވް އޭއައި އެސިސްޓެންޓް ގްރޯކް އިންނެވެ.
ގްރޯކިޕީޑިއާ ލޯންޗް ކުރުމަށް ކަނާތު ފިޔައިގެ ނުފޫޒު ގަދަ މީހުންގެ ތައުރީފު ދަނީ ލިބެމުންނެވެ. އޭގެ ތެރޭގައި ރަޝިޔާގެ އެލެގްޒެންޑާ ޑުގިން ބުނެފައިވަނީ ވިކިޕީޑިއާގައި އޭނާއާ ބެހޭ ގޮތުން އޮތް ޕޭޖަކީ "ވަކި ފަރާތަކަށް ޖެހިފައިވާ އަދި އަބުރު ކަތިލުމެއް" ކަމަށާއި އެކަމަކު ގްރޯކިޕީޑިއާގައި އޮތީ ވަރަށް އިންސާފުވެރިކޮށް ކަމަށް ބުނެފަ އެވެ. -- އޭއެފްޕީ