އެއާކްރާފްޓް އުފައްދަން އިންޑިއާއިން ސޮއިކުރީ ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ ރަޝިޔާގެ ކުންފުންޏަކާ އެކު
އެއާކްރާފްޓް އުފައްދަން އިންޑިއާއިން ސޮއިކުރީ ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ ރަޝިޔާގެ ކުންފުންޏަކާ އެކު

އެއާކްރާފްޓް އުފެއްދުމުގެ އެއްބަސްވުމެއްގައި، އިންޑިއާ ސަރުކާރުގެ ހިންދުސްތާން އެއަރޮނޯޓިކްސް ލިމިޓެޑް (އެޗްއޭއެލް) އިން ރަޝިއާގެ ޔުނައިޓެޑް އެއާކްރާފްޓް ކޯޕަރޭޝަން އާ އެކު ސޮއިކޮށްފައިވާކަން އިންޑިއާއިން ހާމަކޮށްފި އެވެ.

ރަޝިޔާގެ މި ކުންފުންޏަކީ އެމެރިކާ އާއި ޔޫރަޕުން ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ ބަޔަކަށް ވުމުން އިންޑިއާގެ މި ޑީލުން އެމެރިކާ އާއި ޔޫރަޕްގެ ނުރުހުން އިތުރުވާނެ ކަމަށް ވަނީ ބެލެވިފަ އެވެ. ރަޝިޔާގެ ތެޔޮ އިންޑިއާއަށް ގަންނާތީ އެއީ ރަޝިޔާއިން ޔުކްރެއިނާ ދެކޮޅަށް ކުރާ ހަނގުރާމައަށް އެހީވަނީ ކަމަށް ވެސް އެމެރިކާ އާއި ޔޫރަޕުން ދެކެ އެވެ. އަދި ހަނގުރާމައިގެ މައްސަލައިގައި އިންޑިއާއިން ރަޝިޔާއާ މެދު ގެންގުޅޭ ސިޔާސަތަށް ވެސް އެ ގައުމުތަކުން ވަރަށް ބޮޑަށް ފާޑު ކިޔަ އެވެ.

ރަޝިޔާއާ އޮންނަ ގުޅުމާ މެދު އަމާޒުވާ ފާޑުކިޔުމަށް ރައްދު ދީ އިންޑިއާއިން ބުނަމުން އަންނަނީ ގައުމުތަކުން އަމިއްލައަމިއްލައަށް އަޅާފައި ހުންނަ ފިޔަވަޅުތަކަށް އިންޑިއާއިން ތަބާވާން ނުޖެހޭނެ ކަމަށެވެ.

މި އެއްބަސްވުން ގާއިމުކުރިކަން ހާމަކުރައްވަމުން އިންޑިއާގެ ޑިފެންސް މިނިސްޓަރު ރާޖްނާތު ސިންހް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއީ އިންޑިއާގެ ސިވިލް އޭވިއޭޝަން ދާއިރާގެ ކުރިއެރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ.

މޮސްކޯގައި ސޮއިކުރި އެއްބަސްވުމުގައިވާ ގޮތުން އެޗްއޭއެލް އިން ރަޝިއާގެ ޔުނައިޓެޑް އެއާކްރާފްޓް ކޯޕަރޭޝަނާ ގުޅިގެން އެސްޖޭ-100 ޓްވިން އިންޖީން، ނެރޯ ބޮޑީ މަތިންދާބޯޓު، އިންޑިއާގެ ކަސްޓަމަރުންނަށް އުފައްދާނެ އެވެ.

އެޗްއޭއެލް އިން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނި ގޮތުގައި މިއީ އިންޑިއާގައި "ފުރިހަމަ، ފަސިންޖަރު އެއާކްރާފްޓް" އުފައްދާ ފުރަތަމަ ފަހަރު ކަމަށެވެ.

އެޗްއޭއެލް އާއި ސިންހް ވެސް ވަނީ މިއީ ކުރު ރާސްތާގެ ދަތުރުތަކަށް ބޮޑު ބަދަލެއް ގެނުވާނެ ކަމެއްގެ ގޮތުގައި ސިފަކޮށްފަ އެވެ.

މި އެއްބަސްވުމާ އެކު އިންޑިއާ އިން ރަޝިއާގެ ތެޔޮ އެތެރެކުރުމާއި ދިފާއީ އަދި ހަކަތައިގެ ކަންކަމުގައި ރަޝިޔާއާ އެކު ބާއްވާ ގުޅުމަށް، ބޮޑެތި ބާރުތަކުގެ ފާޑުކިޔުމުން އެއްވެސް އަސަރެއް ނުކުރާކަން ވަނީ ހާމަވެފަ އެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ޔޫކްރެއިނާ ދެކޮޅަށް ރަޝިޔާއިން ކުރާ ހަނގުރާމައަށް އިންޑިއާއިން ތާއީދުކުރާ ކަމަށް ވިދާޅުވެ، އިންޑިއާގެ އެކްސްޕޯޓުން ނަގާ ޓެރިފް 50 ޕަސެންޓަށް ބޮޑުކޮށްފަ އެވެ. އަދި ދާދި ފަހުން ޓްރަމްޕު ވަނީ ރަޝިޔާގެ ތެޔޮ ގަތުން އިންޑިއާއިން ހުއްޓާލަން އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އެއްބަސްވެ ވަޑައިގެންފައިވާ ކަމަށް ވެސް ވިދާޅުވެފަ އެވެ. -- އޭއެފްޕީ