އަސީރެއްގެ ހަށިގަނޑުގެ މައްސަލައިގައި އިޒްރޭލުގެ އިންޒާރެއް
އަސީރެއްގެ ހަށިގަނޑުގެ މައްސަލައިގައި އިޒްރޭލުގެ އިންޒާރެއް

އިޒްރޭލާއި ހަމާސް އިން ހަމަލާ ބަދަލުކުރުން ހުއްޓާލަން ވެފައިވާ އެއްބަސްވުމުގެ ދަށުން ހަމާސް އިން އިޒްރޭލާ އެންމެ ފަހުން ހަވާލުކުރި ހަށިގަނޑެއްގެ ބަޔަކީ މީގެ ދެ އަހަރު ކުރިން މަރުވި އަދި ހަމާސް އިން ކުރިން ހަވާލުކުރި ހަށިގަނޑެއްގެ ބައެއް ކަމާއި މިއީ އެއްބަސްވުމާ ވަރަށް ބޮޑަށް ހިލާފުވުން ކަމަށް ބުނެ އިޒްރޭލުން އިންޒާރު ދީފި އެވެ.

ޣައްޒާގައި ހަމަލާދޭތާ ދެ އަހަރު ފަހުން ހަމަލާތައް ހުއްޓުމަކަށް ގެނުވި އެއްބަސްވުމާ ހަމާސް އިން ހިލާފުވެ، 28 ހަށިގަނޑު ހަވާލުކުރުމުގެ ސުންގަޑި ވެސް ހަމަވެފައިވާ ކަމަށް ބުނެ އިޒްރޭލުން ގެންދަނީ އިންޒާރުތައް ދެމުންނެވެ. އިޒްރޭލުން ބުނި ގޮތުގައި އެންމެ ފަހުން ހަވާލުކުރި، 16 ވަނަ ހަށިގަނޑަކީ، މީގެ ދެ އަހަރު ކުރިން ހަވާލުކުރި އެހެން އަސީރެއްގެ ހަށިގަނޑުގެ ބައިތަކެވެ.

މިއީ މި މަހުގެ 10 ވަނަ ދުވަހު ހަމާސް އާއި އިޒްރޭލުން އަމަލުކުރަން ފެށި އެއްބަސްވުމާ ހިލާފް އަމަލެއް ކަމަށް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި އިޒްރޭލުގެ އަސީރުންގެ އާއިލާތަކުގެ ޖަމިއްޔާއިން ދަނީ ބުނަމުންނެވެ. އަދި އެ ޖަމިއްޔާއިން ގެންދަނީ މިކަމާ ގުޅިގެން އިޒްރޭލުން ފިޔަވަޅު އަޅަންޖެހޭނެ ކަމަށް ބުނެ ޕްރެޝަރުކުރަމުންނެވެ.

ނަތަންޔާހޫގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ މި މައްސަލައިގައި ދެން އަޅާނެ ފިޔަވަޅާ މެދު މަޝްވަރާކުރުމަށް ސަލާމަތީ ބާރުތަކުގެ ވެރިންގެ މެދުގައި ބައްދަލުވުމެއް ބާއްވާނެ ކަމަށެވެ.

އޮކްޓޫބަރު 7، 2023 ގައި އިޒްރޭލަށް ހަމާސް އިން ހަމަލާދީ 1،221 މީހަކު މަރާލި އިރު އަސީރުންގެ ގޮތުގައި 251 މީހަކު ވެސް ގެންދިޔަ އެވެ. އޭގެ ތެރެއިން ބައެއް މީހުން ކުރިން މިނިވަންކުރުމަށް ފަހު ބާކީ ތިބި 20 މީހުން މިނިވަންކުރީ މިފަހަރުގެ އެއްބަސްވުމުގެ ދަށުންނެވެ.

އަސީރުންގެ ތެރެއިން މަރުވި މީހުންގެ ހަށިތައް ހަވާލުކުރުމަކީ ވެސް އެއްބަސްވުމުގެ ބައެކެވެ. ހަމާސް އިން ވަނީ 28 މީހެއްގެ ހަށިގަނޑު ހަވާލުކުރާނެ ކަމަށް ބުނެފަ އެވެ. އެކަމަކު އިޒްރޭލުގެ ހަމަލާތަކުގެ ސަބަބުން ޣައްޒާ ބިމާ ހަމަވެފައި އޮތުމުން ހަށިތައް ހޯދައި ނެގުމުގެ މަސައްކަތް ވަރަށް އުނދަގޫ ކަމަށާއި އެކަމަށް ވަގުތު ބޭނުންވާނެ ކަމަށް ހަމާސް އިން ތަކުރާރުކޮށް އަންނަނީ ބުނަމުންނެވެ.

ހަމާސް އިން ބުނަމުން އަންނަނީ އެއްބަސްވުމަށް އަމަލުކުރާނެ ކަމަށާއި އެކަމަކު ހަށިތައް ހޯދުމުގައި ހުރި ގޮންޖެހުންތަކާ ހެދި ވަގުތައް އެކަން ނުވަނީ ކަމަށެވެ. -- އޭއެފްޕީ