28 އޮކްޓޯބަރ 2025 - 18:02

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ އާ ޓާމިނަލުން ޔޫއޭއީގެ ބަޖެޓު އެއާލައިން، ފްލައިދުބާއީ އަށް ހިދުމަތް ދޭން ފަށައިފި އެވެ.

ވީއައިއޭގެ ޓާމިނަލް 1 ނުވަތަ އާ ޓާމިނަލުން ފްލައިދުބާއީ އަށް ހިދުމަތް ދޭން ފެށުން ފާހަގަކުރުމަށް، އެ އެއާލައިނުގެ ފުރަތަމަ ބޯޓަށް ވަނީ ވޯޓާ ސެލިއުޓެއް ދީފަ އެވެ.
އާ ޓާމިނަލްގައި އެ އެއާލައިނުގެ ޗެކިން ކައުންޓަރު ރަސްމީކޮށް ހުޅުވައި، މިއަދު އެ ފްލައިޓުން ދަތުރުކުރި ފަސިންޖަރުންނަށް ވަނީ ހިދުމަތް ދޭން ފަށައިފަ އެވެ.
ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ހުޅަނގުގެ ފިނި މޫސުމަށް ތައްޔާރުވުމަށް، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އަންނަނީ ރާއްޖެއަށް ދަތުރުކުރާ އެއާލައިންތަކަށް ހިދުމަތް ދިނުން، އާ ޓާމިނަލަށް ބަދަލުކުރުމުގެ މަސައްކަތް ހަލުއިކޮށްފަ އެވެ.
ފްލައިދުބާއީ އާއެކު ޓާމިނަލް 1 އިން މިހާރު އަންނަނީ 17 އެއާލައިނަކަށް ހިދުމަތް ދެމުންނެވެ.