28 އޮކްޓޯބަރ 2025 - 17:52

ތައުލީމާއި މީހުން ބިނާކުރުމުގެ މަސައްކަތަށް ހާއްސަވެފައިވާ ދަ ނޯޓިލަސް ފައުންޑޭޝަނުން މިއަހަރު ވެސް ސްކޮލަޝިޕްގެ ހަތަރު ފުރުސަތެއް ހުޅުވާލައިފި އެވެ.
ނޯޓިލަސް ފައުންޑޭޝަނުން ބުނި ގޮތުގައި މިއަހަރުގެ ހަތަރު ސްކޮލަޝިޕް ހާއްސަކޮށްފައި ވަނީ މެޑިސިން އާއި އެއާކްރާފްޓް އިންޖިނިއަރިން އަދި ކޮމާޝަލް ކުކަރީ ދާއިރާއަށެވެ. ސްކޮލަޝިޕް ފުރުސަތު ދޭން އެ ދާއިރާތައް އިހުތިޔާރުކުރީ އެއީ ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްގީއަށް މުހިއްމު ދާއިރާތައް ކަަމަށް ވާތީ ކަމަށް އެ ފައުންޑޭޝަނުން ބުންޏެވެ.
ކިޔެވުުގެ ހުރިހާ ހަރަދެއް ނޯޓިލަސް ފައުންޑޭޝަނުން ދޭ އެ ސްކޮލަޝިޕް ޕްރޮގްރާމްތައް ޑިޒައިންކޮށްފައި ވާނީ އެ ފައުންޑޭޝަނުން ބުނި ގޮތުގައި ކުރިމަގުގެ ޕްރޮފެޝަނަލުންނަކީ އީޖާދީ އަދި ލީޑްކުރާ ބަޔަކަށް ހެދުމަށެވެ.
މިއީ ބައިނަލްއަގުވާމީ އަދި ގައުމީ ފެންވަރުގައި ހޮސްޕިޓަލިޓީ އިންޑަސްޓްރީއަށް ކުރިއެރުން ހޯދައިދޭން ކަލިނަރީ ދާއިރާގައި މަސައްކަތްކުރަން ޝައުގުވެރިވާ ފަރާތްތަކަށް ހާއްސަކޮށް ޑިޒައިންކޮށްފައިވާ ޕްރޮގްރާމެކެވެ. އަދި މިއީ ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީއާ ގުޅޭ ގޮތަށް ކެއްކުމުގެ ދާއިރާގެ ކުރިއެރުމަށް އެހީތެރިވެދޭނެ ޕްރޮގްރާމެކެވެ.
މަތިންދާބޯޓްތަކުގެ މެއިންޓެނެންސް މަސައްކަތްތައް ކުރާ މީހުން ތަމްރީނުކުރާ އީއޭއެސްއޭ ޕާޓް 66 ސްކޮލަޝިޕަކީ ރާއްޖޭގެ ކުރިއެރުމަށް ވަރަށް މުހިއްމު ދާއިރާއެއް ކަމަށްވާ ވައިގެ ދަތުރުފަތުުރުގެ ދާއިރާގައި އޮޕަރޭޝަނަލް އަދި ސަލާމަތީ މިންގަނޑުތައް މަތިކުރުމަށް ޓަކައި ދަރިވަރުން ތަމްރީނުކޮށް، ސެޓިފައިކުރާ ޕްރޮގްރާމެކެވެ.
މިއީ ރާއްޖެއަށް ވަރަށް ބޮޑަށް ބޭނުންޖެހިފައިވާ ބައެއް ކަމަށްވާ ސްޕެޝަލައިޒްޑް ޑޮކްޓަރުން ތަމްރީނުކުުރުމަށް ޓަކައި މެޑިކަލް ޕްރޮފެޝަނަލުންނަށް ހުޅުވާލާ ސްކޮލަޝިޕެކެވެ.
ނޯޓިލަސް ފައުންޑޭޝަންގެ މި ސްކޮލަޝިޕްތަކަށް ކުރިމަތިލުމުގެ ގައިޑްލައިން، އެ ފައުންޑޭޝަންގެ ވެބްސައިޓުން ލިބޭނެ އެވެ.
ސްކޮލާޝިޕްތަކަށް ޝައުގުވެރިވާ މީހުން ނޯޓިލަސް ފައުންޑޭޝަންގެ ވެބްސައިޓުން މައުލޫމާތު ސާފުކޮށް އިރުޝާދީފައިވާ ގޮތަށް އެޕްލިކޭޝަން ހުށަހަޅަން ވަނީ އެދިފަ އެވެ.
ނޯޓިލަސް ފައުންޑޭޝަނަކީ ގައުމަށް އަގުހުރި ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ޑރ. އިބްރާހީމް އުމަރު މަނިކުގެ ހަނދާނާއި ޒިކުރާ އާކުރުމުގެ ގޮތުން އުފައްދާފައިވާ ޖަމިއްޔާއެކެވެ.