ކަޕިލް ޝަރުމާގެ އަރާރުން: ލޯބީގެ ބަދަލުހިފުމެއް؟
ކަޕިލް ޝަރުމާގެ އަރާރުން: ލޯބީގެ ބަދަލުހިފުމެއް؟

މިދިޔަ ހަފުތާގައި ބޮލީވުޑްގައި ގުގުމާލާފައި އޮތީ އިންޑިއާގެ އެންމެ މަޝްހޫރު ދެ ކޮމޭޑިއަނުން ކަމަށްވާ ކަޕިލް ޝަރުމާ އާއި ސުނިލް ގްރޯވަރުގެ އަރާރުމުގެ ވާހަކައިންނެވެ. "ކަޕިލް ޝަރުމާ ޝޯ" ގައި ބައިވެރިވާ މީހުން އޮސްޓްރޭލިޔާ އިން އިންޑިޔާއަށް ދިޔަ މަގުމަތީގައި މަތިންދާބޯޓުގައި ތިބެގެން މަސްތުވެފައި ހުރެ ކަޕިލް ވަނީ ސުނިލްގެ ގަޔަށް ބޮލަށް އަރައި ހަޑި ހުތުރު އެއްޗެހި ގޮވައިފަ އެވެ. އެ ހިސާބުން ސުނިލް ނިންމީ ކަޕިލްގެ ޝޯ ގައި އިތުރަށް ބައިވެރިނުވާށެވެ.

ނަމަވެސް މި ހުރިހާ އަރާރުމެއްގެ ހަގީގީ ސަބަބު އޮތީ ނޭނގުމެއްގެ ތެރޭގަ އެވެ. ހަގީގަތުގައި މިއީ ކަޕިލްގެ ލޯބީގެ ހަޔާތާ ގުޅިފައިވާ ވަރަށް ވަރުގަދަ ބަދަލުހިފުމުގެ ވާހަކަ އެކެވެ. އެންމެ ފުރަތަމަ މި ވާހަކަތައް ދެކެވެން ފެށުމުން އެކަކުވެސް މިއީ ހަގީގީ ވާހަކަތަކެއް ކަމަކަށް ގަބޫލެއް ނުކުރެ އެވެ. ގިނަ ބަޔަކު ހީކުރީ އޭޕްރީލް ފޫލް ޖޯކެއް ކަމަށެވެ. ނަމަވެސް ކަޕިލްގެ ވަރަށް ގާތް މީހަކު ބުނި ގޮތުގައި މިއީ ކަޕިލްގެ ކުރީގެ ލޯބިވެރިޔާ ޕްރީތީ ސިމޯސްގެ ވަރުގަދަ ބަދަލު ހިފުމެއް ކަމަށެވެ.

ޕްރީތީ އަކީ "ދަ ކަޕިލް ޝަރުމާ ޝޯ"ގެ ކްރިއޭޓިވް ޑައިރެކްޓަރެވެ. އަދި ފާއިތުވީ ދެ އަހަރެއްހާ ދުވަހު ކަޕިލް އާއި ޕްރީތީ އުޅުނީ ވަރަށް ސީރިއަސްކޮށް ރައްޓެހިވެގެންނެވެ. ނަމަވެސް ކަޕިލްގެ މަޝްހޫރުކަން އެތައް ގުނައެއް އިތުރުވުމުން ޕްރީތީއާ ކައިވެނިކުރާކަށް ކަޕިލް ބޭނުމެއް ނުވި އެވެ. އެންމެ ފަހުން މި އަރާރުމުގެ ތެރޭގައި މީގެ ހަ މަހެއްހާ ދުވަސް ކުރިން ދެ މީހުން ރުޅިވީ އެވެ.

ކަޕިލް އާއި އޭނާގެ ލޯބީގެ ހަޔާތަށް ނިމުން އައުމުން ޕްރީތީ ހިތްހަލާކުވެފައިވީ ނަމަވެސް ކަޕިލްގެ ޝޯގެ ކްރިއޭޓިވް ޑައިރެކްޓަރުގެ ހައިސިއްޔަތުން އޭނާ ދިޔައީ އެ ޝޯގެ ކަންތައްތައް އިންތިޒާމްކޮށް އެކަމާ ގުޅިގެން ކުރަން ޖެހޭ ހުރިހާ ކަމެއް ކުރަމުންނެވެ.

ޕްރީތީ އާއި ކަޕިލްގެ ގުޅުން ކެނޑުނުކަން ކަޕިލްގެ މަންމައަށް އެންގުމުން އެމީހުންގެ އާއިލާއާ ގުޅުން އޮތް މީހެއްގެ ދަރިއެއް ކަމަށްވާ ގިނީ ޗަތުރާތުއާ ކަޕިލްގެ ކައިވެނީގެ ކަންތައް ހަމަޖައްސަން ފެށި އެވެ. ގިނީ އާއި ކަޕިލް އަކީ ކުޑައިރުއްސުރެ ދެ އެކުވެރިންނެވެ. އަދި ކަޕިލްގެ މަންމަ ގިނީއާ ވަރަށް ހިތްހަމަޖެހެ އެވެ. މަންމަގެ އާދޭހަށް އެންމެ ފަހުން ކަޕިލް ވެސް އެ ކައިވެންޏަށް ވަނީ އެއްބަސްވެފަ އެވެ.

ކަޕިލްގެ މަންމަ ކައިވެންޏަށް ތައްޔާރުކުރަމުން ދިޔައިރު ކަޕިލް އުޅެނީ އޮސްޓްރޭލިއާގައި ޝޯއެއް ދިނުމަށް ޓީމު ގޮވައިގެން ގޮހެވެ. ޕްރީތީ ވެސް މި ޓީމުގައި ހިމެނެ އެވެ. އަދި ކަޕިލް އާއި ސުނިލް ފްލައިޓް ތެރޭގައި ވީ އަރާރުން ވެސް އެންމެ ރަނގަޅަށް ފެނުނު އެކަކީ ޕްރީތީ އެވެ.

ކަޕިލް އަކީ މަސްތުވުމުގައި ހައްދުން ނެއްޓޭ މީހެއްކަން ޕްރީތީއަށް އެނގެ އެވެ. ފްލައިޓް ތެރޭ ވެސް ކަންތައް ވީ އެހެންނެވެ. އަދި ސުނިލް އާއި ދެން ވެސް އެތާ ތިބި ޓީމުގެ އެހެން މެމްބަރުންނާ ދިމާލަށް ހިތަށް އެރިހާ އެއްޗެއް ގޮވައި ގަޔަށް ބޮލަށް އަރާ ހެދީ ކަޕިލް އެވެ. ޕްރީތީ ވެސް ކަޕިލް މައިތިރި ކުރެވޭތޯ ވަރަށް މަސައްކަތް ކުރި އެވެ.

އިންޑިއާގައި ފްލައިޓް ޖައްސައި، ގެޔަށް ދެވުނު އިރު ހޭވެރިކަންވެ، ކުރެވުނު ކަންތައްތައް ކަޕިލްއަށް އިހްސާސް ކުރެވެން ފެށި އެވެ. އެހެންވެ ސުނިލް އާއި އޭނާގެ އަރާރުން މީޑިއާއަށް ފެންމަތިވެދާނެތީ މޮޅު އުކުޅެއް ހަދާލުމުގެ ގޮތުން ގިނީ އަކީ އޭނާގެ ލޯބިވެރިޔާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ހާމަކޮށްލި އެވެ. އަދި ގިނީގެ ފޮޓޯއެއް ވެސް އޭނާ ކުރި ޓުވީޓްގައި ހިމަނާފައިވެ އެވެ. މިއީ އަރާރުމުގެ ޚަބަރު މަރާލައި، މީޑިއާގެ ސަމާލުކަން އޭނާގެ ކައިވެންޏަށް ހުއްޓުވާލަން ކަޕިލް ޖެހި މަޅިއެކެވެ. އެހެންނޫން ނަމަ މި ހުރިހާ ދުވަހަކު ޒާތީ ދިރިއުޅުމުގެ ވާހަކަތައް ދައްކަން އިންކާރު ކުރަމުން އައި ކަޕިލް ކުއްލިއަކަށް މިކަހަލަ ކަމެއް ނުކުރީހެވެ.

ކަޕިލް އާއި ގިނީގެ ވާހަކަ އިންޑިއާގެ ނޫސްތަކުގައި ވަރަށް ގަދަޔަށް ލިޔުނެވެ. އެއާއެކު ޕްރީތީގެ ހިތްހަމަނުޖެހުން އިތުރުވި އެވެ. ގިނީއާ ކައިވެނިކުރަން އުޅޭކަމަށް ކަޕިލް އިއުލާން ކުރުމަކީ ޕްރީތީ އަށް އެއްގޮތަކަށް ވެސް ކެތްވާވަރުގެ ކަމަކަށް ނުވި އެވެ. ކަޕިލް އާއި ސުނިލްގެ އަރާރުމުގެ ވާހަކަ ވީވަރަށް ވުރެ ވެސް ބޮޑުކޮށް ނޫސްވެރިންނަށް ކިޔައިދީފައި ވަނީ ކަޕިލްގެ ޓީމުގައި ހިމެނޭ މެންބަރެކެވެ. އެއީ ކާކުކަމެއް ނޭނގެ އެވެ. ހަމައެކަނި އެނގެނީ އެއީ ކަޕިލްގެ ވަރަށް ގާތް މީހެއް ކަމެވެ.

އިސާހިތަކު މި ޚަބަރު ވައިގައި ހިފި އެވެ. ހިނދުކޮޅެއްގެ ތެރޭގައި ކަޕިލްގެ މި ސިއްރު އެންމެންނަށް އެނގުނެވެ. އޭނާއަށް މަލާމާތާއި ފުރައްސާރަ ރައްދުވާން ފެށި އެވެ.

މިމައްސަލަ އޮއްބާލަން ކަޕިލް ވަރަށް މަސައްކަތް ކުރި އެވެ. ސުނިލްގެ ކިބައިން މައާފަށް އެދި ސޯޝަލް މީޑިއާގައި ވަރަށް ވަރުގަދަ ލިޔުމެއް ވެސް ޕޯސްޓްކުރި އެވެ. ނަމަވެސް ސުނިލް ވެސް ހުރީ ކަޕިލް އަށް މައާފުކުރާ ވަރަށް ވުރެ ހިތްދަތިވެފަ އެވެ. އެހެންވެ އެކަމެއް ވެސް ވާ ގޮތެއް ނުވި އެވެ. ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ކަޕިލްގެ މަގްބޫލުކަން އަނެއްކޮޅަށް ބަދަލުވި އެވެ.

ސުނިލް އާއި ޓީމުގެ ގިނަ މެމްބަރުން ކަޕިލް ޝޯގެ މި ހަފުތާގެ އެޕިސޯޑް ޝޫޓްކުރަން އޮތް ދުވަހު އެތަނަށް ނުދިއުމުން އެންމެ ފަހުން އެހެން ބައެއް ކޮމޭޑިއަނުން ގެންގޮސްގެން އެ ޝޯ ޝޫޓްކުރި އެވެ. ނަމަވެސް ސުނިލްއާ ނުލައި "ކަޕިލް ޝަރުމާ ޝޯ" ގައި ފުރާނަ އެއް ނެތެވެ. މިދިޔަ ހޮނިހިރު އަދި އާދިއްތަ ދުވަހުގެ ޝޯގެ ޓީއާރުޕީ ވެއްޓިފައި ވަނީ ޚިޔާލަށް ވެސް ނުގެނެވޭހާ ބޮޑަށެވެ. ކުރިން މި ޝޯއަކީ އިންޑިއާގައި އެންމެ ގިނަ މީހުން ބަލާ ފަސް ޝޯގެ ތެރޭގައި އަބަދުވެސް ހިމެނެމުން އައި ޝޯ އެކެވެ. ނަމަވެސް މިދިޔަ ހަފުތާގައި ޝައުގުވެރިކަމެއް ނުދިނެވެ.