އެކްސިޑެންޓެއްވުމުން ބަދަލު ހޯދަން ކުރި ދައުވާ ކާމިޔާބެއް ނުވި
އެކްސިޑެންޓެއްވުމުން ބަދަލު ހޯދަން ކުރި ދައުވާ ކާމިޔާބެއް ނުވި

މާލޭގައި ހިނގި އެކްސިޑެންޓެއްގައި ކުޑަކުއްޖަކަށާއި ސައިކަލަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދަން ސިވިލް ކޯޓުގައި ކުރި ދައުވާއެއް ސާބިތުނުވާ ކަމަށް ކަނޑައަޅައި، ބަދަލު ނަގައިނުދޭން ނިންމައިފި އެވެ.

އަންހެނަކު ދައުވާކުރީ މާޗް، 2024 ގައި އޭނާ އާއި އޭނާގެ ދަރިފުޅު ސިނަމާލެ ބްރިޖުން ދަތުރުކޮށްފައި ގޮސް މާލެއަށް އަންނަނިކޮށް ސައިކަލެއްގައި މަޑުކޮށްގެން ހުރި މީހަކު ކުއްލިއަކަށް ލޭން ބަދަލުކުރުމުގެ ސަބަބުން، އަންހެން މީހާގެ ސައިކަލްގައި ޖެހި އެކްސިޑެންޓްވެ އަނިޔާވުމާ ގުޅިގެން އެކަމުގެ ބަދަލު ހޯދުމަށެވެ.

އެ އެކްސިޑެންޓްގައި އެ އަންހެން މީހާއަށާއި ސައިކަލުގެ ފަހަތުގައި އިން އޭނާގެ ދަރިފުޅަށް އަނިޔާވިއިރު ސައިކަލަށް ގެއްލުންވެފައިވެ އެވެ. އެހެންވެ، އޭނާ ދައުވާކުރީ ގެއްލުމުގެ ބަދަލުގެ ގޮތުގައި 41،000 ރުފިޔާ ހޯދުމަށެވެ. އެއީ ސައިކަލްގެ މަރާމާތާއި ބޭސްފަރުވާގެ ހަރަދާއި ގާނޫނީ ފީއަށް ކުރަން ޖެހުނު ހަރަދެވެ.

އެ މައްސަލާގައި ސިވިލް ކޯޓުން އިއްޔެ ކުރި ހުކުމްގައި ބުނީ ދައުވާކުރާ ފަރާތުން އެ ފައިސާ ހަރަދުކޮށްފައިވާ ކަމެއް ނުވަތަ އެ އަދަދަށް ފައިސާ ހަރަދު ކުރަންޖެހޭ ކަމެއް އެނގޭނެ އެއްވެސް ހެއްކެއް ހުށަހަޅާފައިނުވާ ކަމަށެވެ. އަދި ދައުވާ ކާމިޔާބުވާ ފަރާތުން ވަކި މިންވަރެއް ނަގައިދިނުމަށް އެދިފައި އޮތް އޮތުމަށް އެކަނި ބަލައި އެފަދައިން ހަރަދު ނަގައިދިނުމަކީ އިންސާފުގެ ތިލަފަތުން ކިރާއިރު އަދުލުވެރި ގޮތެއް ކަމަށް ނުފެންނަ ކަމަށް ހުކުމުގައިވެ އެވެ.

އެކްސިޑެންޓްތަކާ ގުޅިގެން ލިބޭ ގެއްލުމުގެ ތަފްސީލު އެނގޭނީ ފުލުހުން ތައްޔާރުކުރާ ސީން އޮފް ކްރައިމް އޮފިސާސް ރިޕޯޓާއި ތަހުގީގު ރިޕޯޓުން ކަމަށާއި އެފަދަ ރިޕޯޓެއް ދައުވާކުރާ ފަރާތުން ހުށަހަޅާފައިނުވާ ކަމަށް ހުކުމްގައިވެ އެވެ.

އެ ރިޕޯޓްތައް ދައުވާކުރާ ފަރާތަށް ލިބިފައިނެތް ކަމަށް ބުނެފައިވާއިރު، ހެކި ހާމަކުރުމުގެ އަމުރަކަށް އެދުމުގެ ފުރުސަތު ޝަރީއަތުން ދިން ނަމަވެސް، އޭގެ ބޭނުން ވެސް ހިފާފައި ނެތް ކަމަށް ވެސް ހުކުމްގައިވެ އެވެ. އަދި، އޭޑީކޭ ހޮސްޕިޓަލުން ފަރުވާދިން ކަމަށް ބުނާއިރު އެ ހޮސްޕިޓަލުން ބޭސްފަރުވާކުރި ކަމެއް، ބޭސް ފަރުވާއަށް ހަރަދު ކުރި ކަމެއް އެނގޭނެ އެއްވެސް ލިޔުމެއް ހުށަހަޅާފައިނުވާ ކަމަށް ވެސް ސިވިލް ކޯޓުގެ ހުކުމްގައިވެ އެވެ.

އެހެންވެ، ގެއްލުމުގެ ބަދަލުގެ ގޮތުގައި ހޯދަން އެދުނު ފައިސާ ނަގައިދެވެން ނެތް ކަމަށް ހުކުމުގައިވެ އެވެ.