28 އޮކްޓޯބަރ 2025 - 15:36

އާ މީޑިއާ ކޮމިޝަންގެ ނައިބު ރައީސަކަށް އިސްލާމިކް މިނިސްޓްރީގެ މީޑިއާގައި އެންމެ ފަހުން މަސައްކަތް ކުރެއްވި ޒަމްއަތު އަހުމަދު ވަހީދު މިއަދު ހޮވައިފި އެވެ.
އެ ކޮމިޝަންގެ ނައިބު ރައީސްގެ މަގާމަށް ޝައުގުވެރިވާ މެމްބަރުންނަށް ކޮމިޝަންގެ ދެވަނަ ބައްދަލުވުމުގައި ފުރުސަތު ހުޅުވާލުމުން ހުށަހެޅުއްވީ ބްރޯޑްކާސްޓިން ކެޓަގަރީން މީޑިއާ ކޮމިޝަނަށް ހޮވިވަޑައިގެންނެވި ޒަމްއަތާއި އެ ކޮމިޝަންގައި އޮންލައިން މީޑިއާތައް ތަމްސީލު ކުރައްވާ ހުސެއިން ސަގީފެވެ.
އެ މަގާމަށް ޒަމްއަތު ހޮވިވަޑައިގެންނެވީ ހަތަރު ވޯޓުންނެވެ. ސަގީފަށް ލިބިވަޑައިގަތީ ތިން ވޯޓެވެ.
އާ ގާނޫނުގެ ދަށުން އުފައްދާފައިވާ މޯލްޑިވްސް މީޑިއާ އެންޑް ބްރޮޑްކާސްޓިން ކޮމިޝަން (އެމްއެމްބީސީ) ގައި ޖުމްލަ ހަތް މެމްބަރުން ތިއްބަވަ އެވެ. އެއީ ރައްޔިތުންގެ މަޖިލީހުން އައްޔަންކުރި ތިން މެމްބަރުންނާއި މީޑިއާތަކުން ހޮވާ ހަތަރު މެންބަރުންނެވެ. ނަމަވެސް އެ ކޮމިޝަން އުފެއްދި އިރު މީޑިއާތަކުން ހޮވާ މެންބަރުކަމަށް ކުރިމަތިލެއްވީ އެންމެ ހަތަރު ބޭފުޅުން ކަމަށް ވުމުން އެ ބޭފުޅުން ކޮމިޝަނަށް ވަޑައިގަތީ އިންތިހާބަކާ ނުލަ އެވެ. އެއީ އަބްދުލްއަޒީޒް އިބްރާހީމާއި ޒަމްއަތާއި ސިމާހާ ނަސީމް އަދި ހުސައިން ސަގީފެވެ.
އެ ކޮމިޝަނަށް މަޖިލީހުން އައްޔަންކުރެއްވީ މުހައްމަދު ފަރުޝަތާއި ބްރޯޑްކާސްޓިން ކޮމިޝަންގެ ކުރީގެ ރައީސް ސޮފާ ޝަފީގާއި އެ ކޮމިޝަންގެ ކުރީގެ މެމްބަރު އައިމިނަތު ސަރާހަތު އިއްޒަތެވެ. އޭގެ ތެރެއިން ރައީސަކަށް އައްޔަންކުރެއްވީ ފަރުޝަތެވެ.