28 އޮކްޓޯބަރ 2025 - 15:13

މާލޭ ދަފްތަރަކީ ސިޔާސީ ވެރިން ވޯޓު ހޯދަން އުފައްދާފައި އޮތް އެއްޗެއް ކަމަށް ވިދާޅުވެ، އެ ދަފްތަރު އުވައިލަން ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ ޕީއެންސީގެ މެމްބަރު މުހައްމަދު ޝާހިދު މިއަދު ގޮވާލައްވައިފި އެވެ.
ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާގައި އޭނާ އެހެން ވިދާޅުވީ، ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ހިންގި ގެދޮރުވެރިޔާ ސްކީމްގެ 4،000 ފްލެޓް ލިބުނު ގިނަ ބަޔަކަށް ފްލެޓް ލިބުން ލަސްވާތީ ކެންދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު މައުރޫފް ޒާކިރު ހުށަހެޅުއްވި ގަރާރަށް ކުރެއްވި ބަހުސްގަ އެވެ.
ޝާހިދު ވިދާޅުވީ އޭނާ ނިސްބަތްވެވަޑައިގަންނަވާ ހުޅުދޫގެ ގިނަ ބަޔަކު ދަފުތަރުގައި ޖެހިފައިވާ ކަަމަށާއި އެ ހުރިހާ ރައްޔިތުން އަނބުރާ އެ ރަށުގެ ރަޖިސްޓަރީ އަށް ބަދަލުކުރަން ޖެހޭ ކަމަށެވެ.
މިދިޔަ ހޮނިހިރު ދުވަހު އައްޑޫގައި ބޭއްވި ރިފަރެންޑަމަށް އިޝާރާތް ކުރައްވަމުން އޭނާ ވިދާޅުވީ، އުފަން ރަށާ ގުޅޭ ނިންމުންތައް ނިންމާއިރު، އެ މީހުންނަށް އެ ރަށަށް ވޯޓު ނުލެވޭ ކަމަށާއި އެކަމަކު އެ މީހުންނަށް މާލެ ސަރަަހައްދުން ފްލެޓެއް ވެސް ނުލިބޭ ކަމަށެވެ.
"މިފަދަ ވޯޓެއް އަންނައިރު އެއްކަލަ ދަފްތަރެއްގައި ތިބޭ މީހުންނަށް، އެ ނިންމުން ނިންމުމަށް ޓަކައި ވޯޓެއް ނުއެއް ލެވޭ. އެކަމަކު ފްލެޓެއް ވެސް ނުލިބޭ، ބޭހެއް ވެސް ނުކުރެވޭ، ބޭރަކަށް ވެސް ނުދެވޭ ދަފްތަރެއް. އެހެންވީމާ ފުރަތަމަ ފެށުމަކީ ވަގުތުން ވަގުތަށް އުވާލަން ޖެހޭ މި ދަފްތަރު،" ޝާހިދު ވިދާޅުވި އެވެ.
ދަފުތަރު އުވާލުމާ އެކު، ފްލެޓާއި ގޯތި ދިނުން ބޭރު ބަޔަކާ ހަވާލުކުރަން ވެސް އޭނާ ގޮވާލެއްވި އެވެ. އެއީ ޝާހިދު ވިދާޅުވި ގޮތުގައި "ސިޔާސީ ފްލެޓް" ލިބޭ މީހުން ކަނޑައެޅުމުގެ ޕްރޮސެސް ސިޔާސީ ނުފޫޒުން ސަލާމަތް ކުރުމަށް އަޅަން ޖެހޭ ފިޔަވަޅެކެެވެ.
"އޭރުން މިކަން ހަމައަކަށް އަންނާނީ. މިހާރު މި އޮންނަ ގޮތަކުން މިކަމެއް ހަަމައެއް ނުޖެހޭ. އެއީ ވާ ގޮތަކީ ޕާޓީގެ އޮފީހުން ފްލެޓް ލިސްޓް ތައްޔާރު މިކުރަނީ،" ޝާހިދު ވިދާޅުވި އެވެ.