28 އޮކްޓޯބަރ 2025 - 13:13

އެންމެ ކުރު މުއްދަތެއްގެ ތެރޭގައި ސްޓެލްކޯއިން ހުރިހާ މަސައްކަތެއް ނިންމި އިންޖީނުގެ މިއަދު ކ. ދިއްފުށީގައި މިއަދު ހުޅުވައިފި އެވެ.

އެ އިންޖީނުގެ ހުޅުއްވައިދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ކ. އަތޮޅުގެ ބައެއް ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގަ އެވެ.
އެ މަނިކުފާނު އަރިހުގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސަމާހު އާއި އެ ކުންފުނީގެ އިސް ބައެއް ވެރިން ބައިވެރިވެޑައިގަތެވެ.
ދިއްފުށީ އިންޖީނުގެ އެޅުމުގެ މަސައްކަތް އެ ކުންފުނިން ފެށީ ޖޫން 26، 2024 ގަ އެވެ. އަދި އެ މަސައްކަތް އޭޕްރީލް 30، 2025 ގައި ވަނީ ނިންމައިފަ އެވެ. މިއީ މި ސަރުކާރު ހަވާލުވި ފަހުން ސްޓެލްކޯއިން މަސައްކަތް ފަށައި ނިންމި ފުރަތަމަ ޕްރޮޖެކްޓެވެ.
އެ ރަށުގައި މީގެ ކުރިން ބޭނުން ކުރަމުން އައި އިންޖީނުގޭގެ ކަރަންޓު ކެޕޭސިޓީއަކީ 2،200 ކިލޯވޮޓެވެ. ނަމަވެސް އާ އިންޖީނުގެއާ އެކު ތިން ގުނަ އިތުރަށް ކަރަންޓު ކެޕޭސިޓީ ލިބޭނެ ކަމަށް ދިއްފުށީގެ ސްޓެލްކޯ އޮފީހުގެ ސްޓޭޝަން މެނޭޖަރު ހުސައިން ޝާފިއު މީގެ ކުރިން ވިދާޅުވެފައިވެ އެވެ.
އެ އިމާރާތުގެ ބިމުގައި 30،000 އަކަފޫޓު ހުންނައިރު އޮފީހަކާއި ކައްކައި ކެވޭ ގޮތަށް ބަދިގެއަކާއި ކޮފީ ކޯނާގެ އިތުރުން ނަމާދު ކޮޓަރިއެއް ވެސް ހުރެ އެވެ.
ސްޓެލްކޯގެ އެކި ބޭނުންތަކަށް މާލެއިން ދިއްފުއްޓަށް ދާ މުވައްޒަފުން ތިބުމަށް ބޮޑު އަގުގައި ގެތައް ކުއްޔަށް ނަގަންޖެހޭ މައްސަލައަށް ވެސް ވަނީ އާ އިންޖީނުގެއިން ދާއިމީ ހައްލެއް ހޯދައިފަ އެވެ. އެ ތަނުގެ ގޯތިތެރޭގައި ވަނީ ދެ ކޮޓަރީގެ އެކޮމޮޑޭޝަން ބްލޮކެއް ހަދާފައިވާތީ އެއީ ހަރަދުގެ ގޮތުން ބޮޑު ލުޔެއް ކަމަށް ސްޓެލްކޯ އިން ބުންޏެވެ.
ކޮންޓްރޯލް ރޫމް ވެސް އާ އިމާރާތުގައި ވަރަށް ބޮޑެވެ. އަދި ފިއުލް ލައިން ފިލް ސްޓޯރޭޖު އިތުރު ކުރުމަށް ދެ ތާނގީ ބަހައްޓާފައި ހުރެ އެވެ.