30 މާޗް 2017 - 06:31

ދުނިޔޭގައި ބާއްވާ އެންމެ ބޮޑު އަދި އެންމެ މަގުބޫލު އެއް ފެސްޓިވަލް ކަމަށްވާ ކާންސް ފިލްމު ފެސްޓިވަލް ބާއްވާ ތާރީހު އިއުލާންކޮށް، ފެސްޓިވަލްގައި މި އަހަރު ވާދަކުރާ ފިލްމްތައް އަންނަ މަހުގެ 13 ގައި އިއުލާންކުރާ ގޮތަށް ނިންމައިފި އެވެ.

ފްރާންސްގައި އޮންނަ ކާންސް ފިލްމް ފެސްޓިވަލް މި ފަހަރު އޮންނާނީ މެއި މަހުގެ 17-28 އަށެވެ. މިއީ ފެސްޓިވަލް ބާއްވާތާ 70 ވަނަ އަހަރެވެ.
މި އަހަރުގެ ފެސްޓިވަލްގެ ރަސްމީ ޕޯސްޓަރު ވެސް މިހާރު ވަނީ ދައްކާލައިފަ އެވެ.
އެ ޕޯސްޓަރު ފަރުމާކޮށްފައި ވަނީ ފްރާންސްގެ އެކްޓިން ލެޖެންޑް ބަތަލާ ކްލައުޑިއާ ކާޑިނޭލް، 78، ގެ ފޮޓޯއަކާ އެކުގަ އެވެ.
ޕޯސްޓަރުގައި އޭނާ ފެންނަނީ ނެށުމުގެ ސްޓެޕެއް ދައްކައިލާ ތަނެވެ.
ކްލައުޑިއާ ބުނީ 70 ވަނަ ކާންސް ފިލްމް ފެސްޓިވަލްގެ ރަސްމީ ޕޯސްޓަރުން ފުރުސަތެއް ލިބުމަކީ ވަރަށް ބޮޑު ޝަރަފެއްގެ ގޮތުގައި ދެކޭ ކަމަށެވެ. އެހެންވެ އެކަމާ ވަރަށް އުފަލުން ހުރި ކަމަށް ބުންޏެވެ.
ކާންސް ފިލްމް ފެސްޓިވަލަކީ ކޮންމެ އަހަރަކު ވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުން މޮޅެތި ފިލްމްތައް ބައިވެރި ކުރާ ފެސްޓިވަލެކެވެ. މި ފެސްޓިވަލްގައިި ރިލީޒް ނުކުރާ ގިނަ ފިލްމްތަކެއް ކޮންމެ އަހަރަކު ވެސް ޕްރިމިއާ ކުރެ އެވެ.
މި ފަހަރުގެ ފެސްޓިވަލްގެ ޖޫރީގެ ރައީސަކަށް ހަމަޖައްސައިފައި ވަނީ ސްޕޭންގެ މަޝްހޫރު ޑައިރެކްޓަރު/ސްކްރީން ރައިޓަރު ޕެޑްރޯ އަލްމޮޑޯވަރް އެވެ.