28 އޮކްޓޯބަރ 2025 - 13:04

ކުރީގެ ރަައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި މާލެ ސަރަހައްދުން ހިލޭ ގޯތި ދިން ނިންމުމަކީ ވަރަށް ބޮޑު ބޭ އިންސާފެއް ކަމަށާއި އެ ގޯތިތައް ދައުލަަތަށް އަނބުރާ ނަގަން ޖެހޭ ކަމަށް، ވެރިކަންކުރާ ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ފަލާހު މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގައި މިއަދު ބޭއްވި ޖަލްސާގައި ފަލާހު އެ ވާހަކަ ދައްކަވަމުން ވިދާޅުވި ގޮތުގައި މިއީ އިނގުރައިދޫ ދާއިރާގެ މެންބަރުގެ ހައިސިއްޔަތުން ނުވަތަ ޕީއެންސީގެ ޕީޖީ ލީޑަރުގެ ހައިސިއްޔަތުން ވެސް ދެއްކެވި ވާހަކައެއް ނޫނެވެ.
"މިއީ އަޅުގަނޑު އެއްގޮތަަކަށް ވެސް މިތާ މެޖޯރިޓީ ލީޑަރުގެ ހައިސިއްޔަތުން ދަންނަވާ ވާހަކައެއް ނޫން. ދިވެހި ރައްޔިތެއްގެ ހައިސިއްޔަތުން މިއަދު އަޅުގަނޑުގެ ޝުއޫރެއް މި ހާމަކޮށްލަނީ. އަޅުގަނޑުގެ ހިޔާލަކީ އަދިވެސް، ހިލޭ ދީފައި އެހެރަ ބިންތައް، އެތާ ވަށާ ފާރެއް ރާނާފައި ހުރިއްޔާ ވަށާފާރުގެ ބަދަލު ދީފައި. ގޯއްޗެއް ރާނާފައި ހުރިއްޔާ ގޯއްޗެއްގެ ބަދަލުދީފައި ހުރިހާ އެއްޗެއް ދައުލަތަށް ނެގުން،" ފަލާހު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ދިވެހި ރައްޔިތުންގެ ތެރެއިން 99 ޕަސެންޓް މީހުން އެކަމަށް ތާއީދުކުރައްވާނެ ކަމަށާ އެއީ އެހާ ވެސް ބޭއިންސާފުން ކޮށްފައި އޮތް ކަމެއް ކަމަށެވެ.
"އެއީ އެކަކަށް ފްލެޓް މި ދެނީ ފައިސާ ދައްކާ ގޮތަށް. ބޮޑުސިންގާ 1،200 އަކަފޫޓުގެ ބިމެއް މި ދެނީ ހިލޭ. މިއީ ކޮން ކަހަކަ އިންސާފެއް މިއީ؟" އޭނާ ވިދާޅުވި އެވެ.
ބިޑް އުސޫލުން ވިއްކާ ނަމަ އެއިން ކޮންމެ ގޯއްޗަކަށް 12 މިލިޔަން ރުފިޔާ ޖެހޭނެ ކަމަށާއި ފްލެޓް ލިބޭ މީހުން ޖެހެނީ 25 އަހަރު ދުވަހުގެ ތެރޭގައި ހަތަރު މިލިޔަން ރުފިޔާ ދައްކަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ކޮށްފައި ހުރި ނަމަ ހުރި މަސައްކަތަކަށް އަގުދީފައި ގޯތިތައް ދައުލަތަށް ނަގަން ތަކުރާރުކޮށް ސަރުކާރަަށް ގޮވާލައްވަމުން ފަލާހު ވިދާޅުވީ އޭރުން ދައުލަތަށް 10 ވަރަކަށް ބިލިޔަން ރުފިޔާ ސަލާމަތްކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑު އަދިވެސް ސަރުކާރުގައި ހަމަ އެދެމޭ އެ ގޯތިތަކުގެ، ކޮށްފައި ހުރި މަސައްކަތެއް ހުރިއްޔާ އޭގެ ބަދަލު ދީފައި އެ ހުރިހާ ގޯއްޗެއް އަނބުރާ ދައުލަތަށް ނަގަން. އޭރަަށް ދައުލަތަށް ވެސް ދިވެހި ރައްޔިތުންނަށް ވެސް ގާތްގަނޑަކަށް 10 ވަރަކަށް ބިލިޔަން ރުފިޔާ އެ ސަލާމަތް ކުރެވެނީ،" ފަލާހު ވިދާޅުވި އެވެ.
މާލެ ސަރަހައްދުން ހިލޭ ގޯތި ދޭން ކުރީގެ ސަރުކާރުން ހުޅުވާލުމާ އެކު އޭރު ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އޮތް އެމްޑީޕީގެ ބައެއް މެންބަރުން ވެސް އެކަމާ ނުރުހުން ފާޅުކުރެއްވި އެވެ. އޭރު އަދި އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި ހުންނެވި ފޮނަދޫ ދާއިރާގެ އޭރުގެ މެންބަރު މޫސާ ސިރާޖު އެ މައްސަލަ މަޖިލީހަށް ހުށަހެޅުއްވި އެވެ.
ސިރާޖު އޭރު މަޖިލީހަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި އަޅާފައިވާ ހިޔާ ފްލެޓުތަކުގެ ތެރެއިން "އެޗް8" ކެޓަގަރީގައި ހިމެނޭ މާލޭ ރަށްވެހިންނާއި "އެޗް9" ކެޓަގަރީގައި ހިމެނޭ މާލޭ ދަފްތަރުގައި ޖެހިފައިވާ ފަރާތްތަކަށް އެ ފްލެޓުތައް ދީފައި ވަނީ ފައިސާ ދައްކާ ގޮތަށް ކަމަށެވެ.
މި ފަހުން މާލެ މީހުންނަށް ހާއްސަކޮށް ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން 60 ބިމެއް ވިއްކަން ހުޅުވާލި އިރު އަކަފޫޓެއް ހުރީ 7000ރ. އިން މަތީގައި ކަމަށާއި ނަމަވެސް އެ ގޯތިތަކަށް ވެސް މާލެ ރައްޔިތުންގެ ބޮޑު ޑިމާންޑެއް އޮތް ކަމަށް އެ ސިޓިގައި ބުނެފައި ވެ އެވެ.
"...ދައުލަތުގެ ދަަރަނި 100 ބިލިއަނަށް އަރައި ދަރަނި ނުދެއްކޭނެ ކަމުގެ ބަހުސް އިންތިހާއަށް ބޮޑުވެފައިވާ ހާލަތެއްގައި ހަތަރު ލައްކައެއްހާ މީހުންގެ އާބާދީގެ ތެރެއިން 5،000 އާއިލާ އަށް 48 ބިލިއަން ރުފިޔާގެ އަގު ހުރި ބިން ހިލޭ ދިނުމަކީ ބޮޑު ބޭއިންސާފެއް ކަމުގައި އަޅުގަނޑު ދެކެން،" އެ ސިޓީގައި ވިދާޅުވެފައި ވެ އެވެ.
މާލެ ސަރަހައްދުން ދޫކުރާ ގޯތިތައް 5000 އާއިލާ އަށް އިންސާފުވެރިކަމާއެކު ބެހޭނެ ކަމަށް ނުދެކޭތީ އާއި އެ ބިންތައް ބީލަމަށް ލައިގެން ވިއްކައިފި ނަމަ ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބިދާނެ ކަމަށް އަންދާޒާ ކުރެވޭ ފައިސާގެ އަދަދަކީ ކޮބައިތޯ ބަލަން އެދޭ ކަމަށް އެ ސިޓީގައި އޭނާ ވިދާޅުވި އެވެ.