28 އޮކްޓޯބަރ 2025 - 11:51

ހައުސިން މަޝްރޫއުތަކަށް ދައުލަތުގެ މި އަހަރުގެ ބަޖެޓުގެ ޕީއެސްއައިޕީ މެދުވެރިކޮށް މިހާތަަނަށް ހޭދަކުރީ ކަނޑައެޅި އަދަދުގެ ނުވަ ޕަސެންޓު ކަން ފިނޭންސް މިނިސްޓްރީގެ ތަފާަސްހިސާބުތަކުން ދައްކައިފި އެވެ.
ހިސާބުތައް ދައްކާ ގޮތުން ގެދޮރުގެ މަޝްރޫއުތަކަށް މިހާތަނަށް 164 މިލިއަން ރުފިޔާ ހޭދަކޮށްފައި ވެ އެވެ. މި އަހަރުގެ ބަޖެޓުގަައި ހައުސިން އަށް ހާއްސަ އިސްކަމެއް ދީގެން ޕީއެސްއައިޕީގެ ދަށުން އެ ދާއިރާއަށް 1.8 ބިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ. އެހެންވެ، ހައުސިން އަށް ޕީއެސްއައިޕީގެ ބަޖެޓުން ކުރަން ކަނޑައެޅި ހަރަދުގެ 90 ޕަސެންޓު މިހާތަނަށް ބޭނުމެއް ނުކުރެ އެވެ.
ޕީއެސްއައިޕީއާ އެކު، ހައުސިން އަށް 4.8 ބިލިއަން ރުފިޔާ ބަޖެޓުގައި ކަނޑައަޅާފައިވެ އެވެ.
މި އަހަރުގެ ބަޖެޓަކީ ރާއްޖޭގެ ތާރީހުގައި އެއް އަހަރު ދުވަހުގެ ތެރޭގައި ގެދޮރުވެރިކަމަށް ހާއްސަކޮށްގެން ސަރުކާރަކުން އެންމެ ބޮޑު ހޭދައެއް ކުރުމަށް ހުށަހަޅާފައިވާ ބަޖެޓު ކަމަށް މިދިޔަ އަހަރުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި ދެއްވަމުން ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެފައިވެ އެވެ.
ހައުސިންގެ ބަޖެޓުން މާބޮޑު ހޭދައެއް ނުކުރާ އިރު، ސަރުކާރުން ދާދި ފަހުން ވަނީ އެމްއެމްއޭއާ ގުޅިގެން ރާއްޖޭގެ ބޭންކްތައް މެދުވެރިކޮށް ހާއްސަ ހައުސިން ފައިނޭންސިން ސްކީމެއް އިއުލާނު ކޮށްފަ އެވެ.
ހައުސިން ބަޖެޓުގެ އިތުރުން ޖުމްލަކޮށް ޕީއެސްއައިޕީ އަށް ދައުލަތުގެ ބަޖެޓުން ކުރި ހޭދަ ކުޑަ އެވެ. ޕީއެސްއައިޕީ އަށް ހޭދަކުރީ 5.9 ބިލިއަން ރުފިޔާ އެވެ. ބަޖެޓުގައި 12.4 ބިލިއަން ރުފިޔާ އެފަދަ މަޝްރޫތަކަަށް ކަނޑައަޅާފައިވެ އެވެ.