ބްލޫ ލެގޫން ކޮމާޝަލް އާކޭޑަށް ހުއްދަތައް ލިބިއްޖެ, އަންނަ މަހު މަސައްކަތް ފަށަނީ
ބްލޫ ލެގޫން ކޮމާޝަލް އާކޭޑަށް ހުއްދަތައް ލިބިއްޖެ, އަންނަ މަހު މަސައްކަތް ފަށަނީ

އިންޑިއާގެ މަޝްހޫރު ކޮންސްޓްރަކްޝަން ކުންފުނި، ވަރިންދަރާ ކޮންސްޓްރަކްޝަންސް އިންޓަނޭޝަނަލް ލިމިޓެޑް (ވީސީއެލް) ގްރޫޕުން ރާއްޖޭގައި ހަދާ ލަގްޒަރީ އެޕާޓްމަންޓް ކޮމްޕްލެކްސް, ބްލޫ ލެގޫން ޕްރޮޖެކްޓުގެ ދަށުން ހަދާ ބްލޫ ލެގޫން ކޮމާޝަލް އާކޭޑަށް ބޭނުންވާ ހުއްދަތައް ލިބިފައިވާ ކަމަށް އެ ގުރޫޕުން ބުނެފި އެވެ.

މި ކޮމާޝަލް އާކޭޑަކީ ރާއްޖޭގައި ހަދާ ފުރަތަމަ އޯޕަން ކޮންސެޕްޓް މޯލް އެވެ.

ތިން ފްލޯ އަށް ހުޅުމާލެ 2 ގައި ހަދާ އެ މޯލްގައި ވިޔަފާރި ކުރުމާއި ކެއިންބުއިމުގެ އިތުރުން މުނިފޫހިފިލުވުމާއި ދުޅަހެޔޮކަމަށް ހާއްސަ އެކި ތަންތަން ހުންނާނެ އެވެ.

ވީސީއެލް އިން ނިންމާފައި ވަނީ ބްލޫ ލެގޫން އެޕާޓްމަންޓުތަކުގެ ކުރިމައްޗަށް ވާ ގޮތަށް އިމާރާތްކުރާ ބްލޫ ލެގޫން ކޮމާޝަލް އާކޭޑުގެ މަސައްކަތް އަންނަ މަހު ފަށާށެވެ.

ބްލޫ ލެގޫން ޕްރޮޖެކްޓަކީ ލަގްޒަރީ ދިރިއުޅުމަކަށް ބޭނުންވާ ހުރިހާ ހިދުމަތެއް ހިމަނައި, މިހާތަނަށް ރާއްޖޭގައި ހަދާ އެންމެ ތަފާތު އެއް ޕްރޮޖެކްޓެވެ. މިއީ ރާއްޖޭގެ ލަގްޒަރީ ދިރިއުޅުން މާނަކުރާ ގޮތް ބަދަލުކޮށްލާނެ ޕްރޮޖެކްޓަކަށް ވާނެ ކަމަށް ވީސީއެލް އިން ވަނީ ބުނެފަ އެވެ. އެ ތަނުގެ ކުރެހުމަށް ބަލާއިރު، ގިނަ ހިދުމަތްތަކެއް ހިމަނާފައިވަނީ ގުދުރަތީ ރީތިކަން ތަޖުރިބާކޮށް، ދިރިއުޅުން އިތުރަށް ފަސޭހަކޮށްދޭނެ އެކި ވަސީލަތްތަކާ އެކު ހިތްފަސޭހަ ދިރިއުޅުމަކަށް ބޭނުން ވާނެ ކަންކަމާ އެކުގަ އެވެ.

ދެ ޓަވަރަކަށް ބަހާލައިގެން 18 ފްލޯ އަށް ހަދާ މި އެޕާޓްމަންޓު ކޮމްޕްލެކްސްގައި 35،000 އަކަފޫޓަށް ވުރެ ބޮޑު ޖާގައެއް އޮންނާނެ އެވެ. އަދި އެ ޖާގައިގައި އެކި ވަސީލަތްތައް ގާއިމް ކުރަން ވަނީ ނިންމައިފަ އެވެ.

އެގޮތުން އެ ތަނުގައި 15،000 އަކަފޫޓުގެ ބޮޑު ކްލަބް ހައުސްއަކާއި 2،638 އަކަފޫޓުގެ ޖިމަކާއި 1،713 އަކަފޫޓުގެ ފެމިލީ އެންޓަޓެއިންމަންޓް ސެންޓަރެއް ހަދާނެ އެވެ. އަދި 1،900 އަކަފޫޓުގެ މަލްޓިޕާޕަސް ހޯލަކާއި 2،638 އަކަފޫޓުގެ ކުޑަކުދިންގެ ޕްލޭ އޭރިއާއަކާއި 15 ސީޓުގެ ތިއޭޓަރަކާއި ޑޭ ކެއާއެއް އަދި 4،564 އަކަފޫޓުގެ ގާޑަންއެއް ވެސް ހުންނާނެ އެވެ.

ވީސީއެލް އިން ބުނި ގޮތުގައި، ބްލޫ ލެގޫންގައި ހަދާ 24،000 އަކަފޫޓުގެ ރޫފްޓޮޕް ގާޑަންގައި ޖޮގިން ޓްރެކްތަކާއި މޭވާ ބަގީޗާތަކާއި ކަބާނާތަކާއި ބީބީކިއު ޒޯންތައް ހުންނާނެ އެވެ. މި ތަނުގެ ރޫފްޓޮޕްގައި ރާއްޖޭގައި މިހާތަނަށް ހަދާ އެންމެ ބޮޑު ރޫފްޓޮޕް ސްވިމިން ޕޫލް ވެސް ގާއިމް ކުރާނެ އެވެ. މި ތަނުގައި އިލެކްޓްރިކް ވެހިކަލް ޗާޖިން ސްޓޭޝަންތަކާއި ޕްރައިވެޓް ޕާކިން ފެސިލިޓީތައް ގާއިމުކޮށް 24 ގަޑިއިރު ސަވައިލެންސް ކުރާނެ އެވެ.

"ބްލޫ ލެގޫން"ގައި ހެދުމަށް ހަމަޖެހިފައި ވަނީ 1،035 އަކަފޫޓުގެ ދެ ކޮޓަރީގެ އެޕާޓްމަންޓާއި 1،280 އަކަފޫޓުގެ ދެ ކޮޓަރީގެ އެޕާޓްމަންޓާއި 1،340 އަކަފޫޓުގެ 1+2 ކޮޓަރީގެ އެޕާޓްމަންޓާއި 1،795، 1،825 އަދި 1،875 އަކަފޫޓުގެ 3 ކޮޓަރީގެ އެޕާޓްމަންޓެވެ.

"ބްލޫ ލެގޫން"ގެ މަސައްކަތް ކުރާ ވީސީއެލް ގްރޫޕަކީ 175 އަށް ވުރެ ގިނަ ޕްރޮޖެކްޓުތައް އިންޑިއާގެ އިތުރުން މޮރިޝަސް ފަދަ އެކި ގައުމުތަކުގައި ހިންގާފައިވާ ކުންފުންޏެކެވެ. މިއީ ރާއްޖޭގައި އެފްޑީސީގެ އަމަން ދޯދި ޓަވަރުގެ 1،400 ހައުސިން ޔުނިޓްގެ މަސައްކަތް ކާމިޔާބު ކަމާއެކު ނިންމާ، ދިވެހިންގެ އިތުބާރު ވެސް ހޯދާފައިވާ ކުންފުންޏެކެވެ.