28 އޮކްޓޯބަރ 2025 - 12:44

ރާއްޖޭގެ ހޮސްޕިޓަލިޓީ ދާއިރާއަށް މިވަގުތު އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކީ މި ދާއިރާގައި މަސައްކަތްކުރަން ނުކުންނަ ދިވެހިން މަދުވުމެވެ. މި ދާއިރާއަށް ދިވެހި ޒުވާނުންގެ ޝައުގުވެރިކަން ފަނޑުވުމެވެ. އެކަމަކު، މި ފަނޑުވަމުންދާ ޝައުގުވެރިކަން އިޔާދަކުރެވިދާނެ ކަމުގެ އުންމީދު، ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ރިސޯޓްތައް ހިންގާ ކްރައުން އެންޑް ޗަމްޕާ ރިސޯޓްސް (ސީސީއާރު) އަށް އެބައޮތެވެ.

ސީސީއާރު އިން ގަބޫލުކުރާ ގޮތުގައި، އެކަން ބަދަލުކުރެވެން އޮތީ މި ދާއިރާއަށް ޒުވާން ކުދިން ހޭލުންތެރިކޮށް، ޝައުގުވެރިކަން އުފައްދައިގެންނެވެ. ވަޒީފާގެ މާހައުލަށް ނުކުތުމުގެ ކުރިން ޒުވާން ކުދިންނަށް މި ދާއިރާގައި ކުރިއަށް ދިއުމަށް ހުރި ފުރުސަތުތައް ބުނެދީގެންނެވެ. މި ދާއިރާގެ ކަންކަން ތަޖުރިބާކޮށްލުމުގެ ފުރުސަތު ފަހިކޮށްދީގެންނެވެ.

އެ ރިސޯޓް ޗެއިންގެ ސީއެސްއާރު އިނީޝިއޭޓިވްތަކުގެ ދަށުން ހިންގާ "ޑިސްކަވާ ޓޫރިޒަމް" އަކީ އެ މަގުސަދު ހާސިލްކުރުމަށް ހިންގާ މިފަދަ ވަރަށް މުހިންމު ޕްރޮގްރާމެކެވެ. މިއީ، ސްކޫލް ނިންމާ ކުދިން މި ދާއިރާއަށް ނުކުތުމަށް މަގުކޮށައިދޭ، ވަރަށް ޝައުގުވެރި ޕްރޮގްރާމެކެވެ.
އއ. އަތޮޅުގައި އޮންނަ ސީސީއާރުގެ ވެލިގަނޑު މޯލްޑިވްސް ރިސޯޓުގައި، އެ ޕްރޮގްރާމްގެ ދަށުން މި އަހަރުގެ މިހާތަނަށް ވަނީ އެކި ސްކޫލްތަކުގެ ދަރިވަރުންނަށް ފަސް ސެޝަނެއް ބާއްވައިފަ އެވެ. ޓޫރިޒަމް އަދި ހޮސްޕިޓަލިޓީ ދާއިރާގެ މަސައްކަތްތައް ތަޖުރިބާކޮށްލުމުގެ ފުރުސަތު އއ. އަތޮޅު ތައުލީމީ މަރުކަޒު (ރަސްދޫ) އާއި ތޮއްޑޫ ސްކޫލްގެ ދަރިވަރުންނަށް އެ ޕްރޮގްރާމްގެ ދަށުން ވަނީ ފަހިކޮށްދީފަ އެވެ. އަދި މި އަހަރު އުކުޅަހު ސްކޫލް ކުދިންނަށް ވެސް އެ ފުރުސަތު ދޭން ވަނީ ނިންމައިފަ އެވެ.
އެ ޕްރޮގްރާމްގެ ހަތަރުވަނަ ސެޝަން އިން ފަށިގެން އެ ރިސޯޓުން އަންނަނީ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)އާ ގުޅިގެން މި ޕްރޮގްރާމް އިތުރަށް ފުޅާކުރުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.
• ރިސޯޓުގެ މެނޭޖުމަންޓާއި ޑިޕާޓްމަންޓުތަކުގެ އިސްވެރިންގެ ތަޖުރިބާ އަޑުއެހުމުގެ ފުރުސަތު
• ރިސޯޓުގެ ފްރޮންޓް އޮފީސް، އެފްއެންޑްބީ އަދި ހައުސިން ކީޕިންގެ މަސައްކަތްތައް ބަލައި ތަޖުރިބާކޮށްލުމުގެ ފުރުސަތު
• އެ ރިސޯޓުގައި ހިންގާ ސޯލާ އެނާޖީ ޕްރޮޖެކްޓުގެ މަސައްކަތް ކުރިއަށް ގެންދާ ގޮތް ބަލައިލުމުގެ ފުރުސަތު
• ގުދުރަތީ މާހައުލާއި ތިމާވެއްޓާ ގުޅޭ ފިލާވަޅުތައް
• ޕޭސްޓްރީ މޭކިން ވޯކްޝޮޕް
ވެލިގަނޑު ރިސޯޓުގެ ޖެނެރަލް މެނޭޖަރު ފަތުހުﷲ އިބްރާހިމް ވިދާޅުވީ މި ޕްރޮގްރާމްގެ އެންމެ ބޮޑު އެއް ބޭނުމަކީ މި ދާއިރާއަށް "ޔަންގް ޖަނެރޭޝަން މޮޓިވޭޓްކުރުން" ކަމަށެވެ. މިއީ ގިނަ ފުރުސަތުތަކެއް އޮތް ދާއިރާއެއްކަން އެ ކުދިންނަށް ބުނެދީ، މި ދާއިރާއިން ދިވެހިން ބިނާކުރުމަކީ ވެސް މަގްސަދެއް ކަމަށް އޭނާ ވިދާޅުވި އެވެ.
މި ޕްރޮގްރާމްގައި ކުދިންނަށް ދަސްކޮށްދެނީ ޓޫރިޒަމާއި ހޮސްޕިޓަލިޓީ އެކަނި ނޫން ކަމަށާއި މި ދާއިރާގައި އުޅޭއިރު ހިފަހައްޓަން ޖެހޭ އަހުލާގައި ވަށައިގެންވާ ރާއްޖޭގެ ގުދުރަތީ މާހައުލާއި ވެއްޓަށް ދޭން ޖެހޭ ލޯބި ވެސް އުނގަންނައިދޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"މި ޕްރޮގްރާމްގައި އަޅުގަނޑުމެންގެ މެރިން ބަޔޮލޮޖިސްޓުން ފޮނުވައިގެން ކުދިންނަށް ދައްކައިދެން ރާއްޖޭގެ ގުދުރަތީ މުއްސަނދިކަން އެބައޮތް ކަމާއި އެ ހިމާޔަތްކުރަން ޖެހޭ ކަމާއި، ހިމާޔަތްކުރަން ތިބި ބަޔަކީ މިއަދުގެ ޖެނެރޭޝަންކަން،" ފަތުހުﷲ ވިދާޅުވި އެވެ.
ހޮސްޕިޓަލިޓީ ދާއިރާގެ 30 އަހަރު ދުވަހުގެ ތަޖުރިބާކާރެއް ކަމަށްވާ ފަތުހުﷲ ވިދާޅުވީ ހޮސްޕިޓަލިޓީއޭ ބުނުމުން އެއީ ރިސޯޓެއްގައި ވަޒީފާއެއް އަދާކުރުން އެކަނި ކަމަށް ބައެއް މީހުންނަށް ހީވާ ކަމަށެވެ. ނަމަވެސް، ހަގީގަތުގައި ހޮސްޕިޓަލިޓީއަކީ މިތަނަށް އަންނަ މެހުމާނުންނަށް އަދާކުރާ އިހުތިރާމާއި ބަހައްޓާ ގާތްކަން ކަމަށް އޭނާ ވިދާޅުވި އެވެ.
ހަމަ އެގޮތަށް ޓޫރިސްޓުންނަށް ރަނގަޅު މެހުމާންދާރީއެއް އަދާކުރެވޭނީ ރިސޯޓުގައި މަސައްކަތްކުރާ މުވައްޒަފުންނަކީ ވެސް ހިތްހަމަޖެހިގެން، ކުރާ މަސައްކަތަށް ލޯބި އޮވެގެން މަސައްކަތްކުރާ ބަޔަކަށް ވެގެން ކަމަށް އޭނާ ވިދާޅުވި އެވެ.
"މިތަނަށް އަންނަ މެހުމާނުން، ގެސްޓުން އެމީހުން ފުރައިގެން ދިއުމުން މިތަނުގެ ކޮޓަރިތަކާއި ތަންތަން ހުރިގޮތް ދުވަސްކޮޅަކުން ހަނދާން ނެތިދާނެ. އެކަމަކު، މިތަނުން އަދާކުރާ މެހުމާންދާރީ އެމީހުން ދުވަހަކު ވެސް ހަނދާން ނުނެތޭނެ. އެހެންވީމަ، އަޅުގަނޑު ގަބޫލުކުރަނީ އަ ހެޕީ ޓީމް ކްރިއޭޓްސް ހެޕީ ގެސްޓްސް ކަމަށް،" ފަތުހުﷲ ވިދާޅުވި އެވެ.
"ޑިސްކަވާ ޓޫރިޒަމް" ޕްރޮގްރާމްގައި ކުދިންނަށް ދަސްކޮށްދެނީ އެ ފިލާވަޅުތައް ކަމަށް އޭނާ ވިދާޅުވި އެވެ.
"ހަމަ ބޮޑަށް ބޭނުންވަނީ ލޯކަލް ޓެލެންޓް އެމްޕަވާކުރަން. ވަރަށް ޓެލެންޓެޑް ކުދިން އެބަތިބި. އެ ކުދިންނަށް އެ ފުރުސަތު ދޭން ބޭނުންވޭ،" އޭނާ ވިދާޅުވި އެވެ.
ފަތުހުﷲ ވިދާޅުވީ މިހާތަނަށް ބޭއްވި ސެޝަންތަކުން ވެސް ރަނގަޅު ނަތީޖާއެއް ފެންނަން ފަށާފައިވާ ކަމަށެވެ. ކުދިންގެ ޝައުގުވެރިކަން ބޮޑުވާތީ މިފަދަ އިތުރު ފުރުސަތުތައް ކުދިންނަށް ފަހިކޮށްދޭން ސްކޫލްތަކުން އެދޭ ވަރު އިތުރުވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރާއްޖެ އަންނަ ޓޫރިސްޓުންނަށް ހަގީގީ "ހޮސްޕިޓާލިޓީއެއް" ނުވަތަ މެހުމާންދާރީއެއް އަދާކުރެވޭނީ މި ދާއިރާއިން ރަނގަޅު މީހުން ބިނާކުރުމުގެ އިތުރުން ތިމާވެށި ހިމާޔަތްކޮށް އަދި އާންމު މުޖުތަމައު ވެސް ބާރުވެރިކުރެވިގެން ކަމަށް އެ ރިސޯޓުން ގަބޫލުކުރެ އެވެ. "ޑިސްވަކާ ޓޫރިޒަމް" ކަހަލަ ޕްރޮގްރާމްތަކާ އެކު، ވެލިގަނޑު ރިސޯޓުން ޒުވާން ޖީލުގެ ހިތަށް މި ލޯބި ޖައްސުވައި، އާންމު މުޖުތަމައު އޮންނަ ގުޅުން ވަރުގަދަކުރަނީ އެ ބޭނުމުގަ އެވެ.