ރިސޯޓާ އެކު ކާށިދު އަށް ސީޕްލޭން ޝެޑިއުލް އޮޕަރޭޝަންތައް ފެށޭނެ: ރައީސް
ރިސޯޓާ އެކު ކާށިދު އަށް ސީޕްލޭން ޝެޑިއުލް އޮޕަރޭޝަންތައް ފެށޭނެ: ރައީސް

ކ. ކާށިދޫ ފަޅުގައި ހަދަން ނިންމާފައިވާ ރިސޯޓާ އެކު، އެ ރަށުގައި ސީޕްލޭން ޝެޑިއުލް އޮޕަރޭޝަންތައް ފެށޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ރިސޯޓާ އެކު ކާށިދު އަށް ސީޕްލޭން ޝެޑިއުލް އޮޕަރޭޝަންތައް ފެށޭނެ: ރައީސް
ރިސޯޓާ އެކު ކާށިދު އަށް ސީޕްލޭން ޝެޑިއުލް އޮޕަރޭޝަންތައް ފެށޭނެ: ރައީސް

ކާށިދޫގެ ފަޅުގެ 10 ހެކްޓަރުގެ ސަރަހައްދެއްގައި ރިސޯޓު ހެދުމަށް ކަނޑައަޅައި، އެ ކަމަށް ކުރިމަތިލާން ހުޅުވައިލި ފުރަތަމަ ބުރުގައި އެއްވެސް ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފައެއް ނުވެ އެވެ. އެހެންވެ، ލުއިތަކަކާ އެކު އަލުން ވަނީ އިއުލާނުކޮށްފަ އެވެ.

ކ. އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ކާށިދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް މިއަދު ވިދާޅުވީ، އެ ރަށުގައި ޓޫރިޒަމް ފުޅާކުރުމަކީ އެ މަނިކުފާނުގެ ވައުދަކަށް ވާތީ ކާށިދޫ ފަޅުގައި ރިސޯޓެއް ހަދާނެ ބަޔަކު ހޯދަން އަނެއްކާ ވެސް އިއުލާނުކޮށްފައިވާ ކަމަށެވެ.

"ފުރަތަމަ އިއުލާންކުރި މަރުހަލާގައި އެއްވެސް ފަރާތަކުން ޝައުގުވެރިކަން ފާޅުނުކުރުމުން އެކަން ނުވެފައި އޮތީ. އެހެންވެ މި ރަށަށް ހާއްސަކޮށް ބޮޑެތި ލުއިތަކަކާ އެކު އަލުން ހުޅުވާލައިފިން،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވި ގޮތުގައި އެކަމަށް ދެވަނަ ފަހަރަށް ހުޅުވާލާފައި ވަނީ އިންވެސްޓަރުން ޝައުގުވެރިވާނެ އިތުރު ލުއިތަކަކާ އެކު އެވެ.

"އަޅުގަނޑު އުއްމީދު ކުރަނީ މި ލުއިތަކާ އެކު، ފަޅުތެރޭގައި ރިސޯޓު ހަދަން އިންވެސްޓަރުން ލިބޭނެ ކަމަށް،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެއީ ކާށިދޫގެ އިގްތިސާދީ ތަރައްގީ އާއި ވަޒީފާގެ ފުރުސަތުތަކަށް ލިބޭ ބޮޑު ކުރިއެރުމެއް ކަމަށެވެ. ދެހާހަށް ވުރެ ބޮޑު އާމާދީއެއް އޮންނަ، ކާށިދޫ ކައިރިން ވަޒީފާގެ ފުރުސަތުތައް ލިބުމަކީ ޒަރޫރީ ކަމެއް ކަމަށް ރައީސް ވިދާޅުވި އެވެ.

ކާށިދޫ ފަޅުގައި ރިސޯޓު ހެދި ނަމަވެސް އެ ރަށުގައި ލޯކަލް ޓޫރިޒަމް ކުރިއެރުވުމަށް ކައުންސިލުން ކުރަމުންދާ މަސައްކަތްތަކަށް ވެސް އެއްބާރުލުން ދެއްވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.

ރައީސް ވަނީ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާ ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގައި އެ ރަށުގައި ވެސް އާރުޓީއެލް ފެރީގެ ނިޒާމު ގާއިމުކުރާނެ ކަމަށާއި އެކަމަކު ވައިގެ މަގުން ވެސް ފަސޭހައިން ދަތުރުކުރެވޭނެ ނިޒާމެއް ގާއިމުކުރެވޭނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ސަރުކާރުގެ ސިޔާސަތަކީ ސީޕްލޭން ޝެޑިއުލް ދަތުރުތައް ކުރުން ކަމަށާއި އެހެންވެ، ސީޕްލޭންގެ ހިދުމަތް އޮޕަރޭޓްކުރާ ދެ ކުންފުންޏަށް ވެސް ދާއިމީ ގޮތެއްގައި އެ މަސައްކަތް ކުރެވޭނެ ގޮތަކަށް އެކަން ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

"ސީޕްލޭންގެ ޝެޑިއުލް ދަތުރުތަކެއް މި ރަށުގައި ގާއިމުކުރުމަކީ ސަރުކާރުގެ ސިޔާސަތު. ސީޕްލޭންގެ ޝެޑިއުލް ދަތުރުތައް ކުރުމަށް ޕްލެޓްފޯމެއް ގާއިމުކޮށް، އެކަން ކުރަން ބަލާއިރުގައި މި ދެންނެވިހެން ޓޫރިޒަމް ވަރަށް މުހިއްމުވޭ،" ރައީސް ވިދާޅުވި އެވެ.

ސީޕްލޭންގެ ހިދުމަތް ކާށިދޫގައި ފެށުމަށް ބަލާއިރު އެކަމަށް ޓޫރިޒަމްގެ ހިދުމަތް މުހިއްމު ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި މަސައްކަތްކުރަނީ ރިސޯޓު ހަދާނެ ފަރާތެއް ހޯދުމާ އެކު ދާއިމީ ގޮތެއްގައި މިތަނުގައި ސީޕްލޭން އޮޕަރޭޝަން ވެސް ގެނެވޭ ގޮތަށް މިކަން ކުރަން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި އެކަންކަން ހާސިލުވުމުން ރަށުގެ ވިޔަފާރިތަކަށް ވެސް ބޮޑު ހިތްވަރަކަށް ވާނެ އެވެ.

ފުޅާދާއިރާއެއްގައި ދަނޑުވެރިކަން ކުރާ ކާށިދޫގައި ފުޑް ސެކިއުރިޓީ ޕްރޮގްރާމެއް ހިންގުމަށް ވެސް ވަނީ ދަނޑުވެރިކަމާ ބެހޭ މިނިސްޓްރީ އާއި އެ ރަށު ކައުންސިލާ ދެމެދު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފަ އެވެ.

ކާށިދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސް ވިދާޅުވި ގޮތުގައި ކ. އަތޮޅުގެ އެހެން ރަށްތަކާ ވަކިން އޮންނަ ކާށިދޫގައި ސިއްހީ ހިދުމަތް ފުޅާކުރުމަކީ މުހިއްމު ކަމަކަށް ވާތީ ހެލްތު ސެންޓަރުގެ އާ އިމާރާތެއްގެ މަސައްކަތް ވެސް ކުރިއަށް ދާނެ އެވެ. އެއާ އެކު، ރަށުގައި ތިބެގެން ސްކޭން ހެދުމާއި އެކްސްރޭގެ ހިދުމަތް ވެސް ލިބޭނެ ކަމަށާއި ފިޒިއޮތެރަޕީ ހިދުމަތް ވެސް ފެށުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.

ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓުގެ ދަށުން އެ ރަށުގެ ބަނދަރުގެ މަސައްކަތް ވެސް ފެށޭނެ ކަމުގެ އުއްމީދު ރައީސް މިއަދު ދެއްވި އެވެ.