އެމްޑީޕީގެ މެމްބަރުންގެ ސިޔާސީ ސުވާލުތަކާ އެކު ސައީދުގެ ސިޔާސީ ރައްދުތައް!
އެމްޑީޕީގެ މެމްބަރުންގެ ސިޔާސީ ސުވާލުތަކާ އެކު ސައީދުގެ ސިޔާސީ ރައްދުތައް!

ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ފަހަކަށް އައިސް މަޖިލިހަށް ވަޑައިގަންނަވާ ދުވަސްތަކުގައި އިދިކޮޅު އެމްޑީޕީގެ މެމްބަރުންނަށް ސިޔާސީ ގޮތުން ރައްދު ދެއްވައި، އެ ޕާޓީގެ ވެރިކަމުގައި ފެއިލްވެފައިވާ ކަންކަން ހަނދާން ކޮށްދެއްވުން ވަނީ އާންމު ކަމަކަށް ހައްދަވައިފަ އެވެ.

އެމްޑީޕީގެ މެމްބަރުންގެ ސިޔާސީ ސުވާލުތަކާ އެކު ސައީދުގެ ސިޔާސީ ރައްދުތައް!
އެމްޑީޕީގެ މެމްބަރުންގެ ސިޔާސީ ސުވާލުތަކާ އެކު ސައީދުގެ ސިޔާސީ ރައްދުތައް!

މަޖިލިހަށް އެންމެ ފަހުން ހާޒިރުވެވަޑައިގެންނެވި ދުވަހާއި މިއަދު ވެސް ސައީދު ވަނީ ސިޔާސީ ރައްދުތަކާ އެކު، އެމްޑީޕީގެ ދެ ވެރިކަމުގެ ފެއިލިޔާސްތައް ވިދާޅުވެ ދެއްވައިފަ އެވެ.

އެމްޑީޕީގެ މެމްބަރުންގެ ސިޔާސީ ސުވާލުތަކާ އެކު ސައީދުގެ ސިޔާސީ ރައްދުތައް!
އެމްޑީޕީގެ މެމްބަރުންގެ ސިޔާސީ ސުވާލުތަކާ އެކު ސައީދުގެ ސިޔާސީ ރައްދުތައް!

މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް ސައީދު ވަޑައިގަތީ ކަނޑިތީމު ދާއިރާގެ އެމްޑީޕީ މެންބަރު އަމީން ފައިސަލާއި ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ކުރިން ފޮނުއްވާފައިވާ ސުވާލުތަކަކަށް ޖަވާބު ދެއްވުމަށެވެ. އޭޭގެ ތެރެއިން ފުރަތަމަ ސުވާލެއްގެ ގޮތުގައި މިއަދު ތާވަލުކޮށްފައި އޮތީ ބަންކަރިންގެ ހިދުމަތާ ބެހޭ ގޮތުން އަމީން ކުރެއްވި ސުވާލެވެ.

މީގެ ކުޑަ ދުވަސްކޮޅެއް ކުރިން ވެސް މިނިސްޓަރު މަޖިލިހަށް ޖަވާބު ދެއްވާފައިވާ އެ ސުވާލަށް ޖަވާބު ދެއްވަމުން ސައީދު މިއަދު ވިދާޅުވީ ފުރަތަމަ ޓޫރިޒަމް ތައާރަފްކުރި އިރު ވެސް އެކަން ކާމިޔާބުވެދާނެތޯ އެތައް ބަޔަކު ސުވާލު އުފެއްދި ކަމަށާއި ދޯނިފަހަރުގައި އިންޖީނު އެޅި އިރު ވެސް ބައެއް އޮޑިވެރިންގެ ކަންބޮޑުވުންތައް ހުރި ކަމަށެވެ.

"ރާއްޖޭގައި ފަތުރުވެރިކަން ފެށުނީ 1972 ގައި، 72 ގައި ފަތުރުވެރިކަން ފެށުނު އިރުގައި އޭރުގައި ވެސްް ހަމަ ފަތުރުވެރިކަމުގެ ސިނާއަތް މިހާރު 2025 އައިސްފައި މިއޮތް ހިސާބަށް ދެވިދާނެތޯ ނޫންތޯ، ވަރަށް އުނދަގޫވާނެ ކޮންކްލޫޝަަނަކަށް ދާން. ހަމަ އެގޮތަށް ރާއްޖޭގައި ފުރަަތަމަ މަހަށް ނުކުތް ދޯނި ފަހަރުގައި ފުރަތަމަ އިންޖީނު އެޅީމާ ލިޔެކިއުންތަކުން ފެންނަން އެބަހުރި، އޮޑިވެރިން ވެސް ބިރުން، މަސްއައިން ފިލައިގެން ހިނގައިދާނެ ވާހަކައާ މިކަހަލަ ވާހަކައެއް ވެސް ހުރި" ސައީދު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އިގުތިސާދީ ކޮންމެ އާ ހިދުމަތެއް ފަށާ އިރު ކަންބޮޑުވުންތަކެއް ނުވަތަ ސުވާލުތަކެއް ހުންނާނެ ކަމަށެވެ.

އޭގެ ފަހުން، މަރަަދޫ ދާއިރާގެ އެމްޑީޕީ މެންބަރު އަހުމަދު ދީދީ ކުރެއްވި ސުވާލުގައި އެއްސެވީ، ބަންކަރިން މަސައްކަތް ފަށާތާ އަހަރެއްހާ ދުވަހުގެ ތެރޭގައި އެ މަސައްކަތުން ރާއްޖެ އަށް 400 މިލިޔަން ޑޮލަރު ވަންނާނެ ކަމަށް ސައީދު ވިދާޅުވެފައި ވާއިރު އެކަން ހާސިލުނުވީ ކީއްވެތޯ އެވެ.

"މަނިކުފާނުގެ އެ ފޯކާސްޓް ނޫނީ ޕްރެޑިކްޝަނާ ރިއަލް ފިގާސްއާ މިހާ ބޮޑު ފަރަގެއް ދިމާވެގެން މިއުޅެނީ ކީއްވެގެންތޯ؟ މާކެޓް ނުކުރެވެނީތޯ ނޫނީ ރިސާޗް ނަހައިދައި މި މަސައްކަތް ފެށުނީތޯ؟" އަހުމަދުދީދީގެ ސުވާލުގައި އެއްސެވި އެވެ.

ސައީދު ވިދާޅުވީ 400 މިލިއަން ޑޮލަރުގެ ވާހަކަ ދައްކަވާފައި ވާނީ ބަންކަރިންގެ ހިދުމަތުގެ ތެރެއިން ރާއްޖެ އަށް ޖިއޮގްރަފިކް ގޮތުން އޮތް "ކޮމާޝަލް އެޑްވާންޓޭޖް" ފުރިހަމައަށް ނެގިއްޖެ ނަމަ އިގުތިސާދީ ގޮތުން އުފެދޭނެ ވޮލިއުމްގެ މަފްހޫމުގައި ކަމަށެވެ.

"އެ މާނާގައި އަޅުގައި އެވާހަކަ ދައްކާފައި އެ އޮތީ. ދެން ސިޔާސީ ސަބަބުތަކާ ހުރެ އެކި ފަހަރު އެކި ގޮތަށް، އެކި ޓީވީ ޗެނަލްތަކުން ވެސް އެބަ ރިޕޯޓްތައް ގެނެސްދޭ [އެކަމާ ބެހޭގޮތުން]. ދެން އަޅުގަނޑަށް އެއީ މައްސަލައެއް ވެސް ނޫން،" ސައީދު ވިދާޅުވި އެވެ.

މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމުގައި އޭގެ ފަހުން ސައީދު ތަކުރާރުކޮށް އެމްޑީޕީއަށް ފާޑުވިދާޅުވި އެވެ. އޭނާ ސިފަކުރެއްވި ގޮތުގައި ރާއްޖެ އަށް އާމްދަނީ ވަންނާނެ އެއްވެސް އާ ކަމެއް އެމްޑީޕީގެ ސަރުކާރުތަކުގައި ކޮށްފައެއް ނެތެވެ. އެއާ އެކު، ރާއްޖޭގެ ދަރަނި 125 ބިލިޔަން ރުފިޔާ އަށް އެރީ އެމްޑީޕީގެ ވެރިކަމުގައި ކަމަށް ވެސް ވިދާޅުވި އެވެ.

އެ ސުވާލުތަކަށް ގޮން ޖައްސަވައި މެމްބަރު އަމީން ފައިސަލް ސުވާލު ކުރެއްވީ 125 ބިލިއަން ރުފިޔާގެ ދަރަނީގެ އެއްވެސް މިންވަރެއް ސައީދު ކުރިން ވަޒީރަަކަށް ހުންނެވި ޕީޕީއެމްގެ ސަރުކާރުގެ ދުވަސްވަރު އުފެދިފައި ވާނެ ތޯ އެވެ. އެ ސުވާލަށް ޖަވާބު ނުދެއްވައި ސައީދު އެހެން ވާހަކަތަކެއް ދެއްކެވުމުން ރިޔާސަތުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވެސް އިންޓަވިން ކުރެއްވި އެވެ.

އެމްޑީޕީގެ މެންބަރުންނަށް ސިޔާސީ ގޮތުން ރައްދު ދެއްވަން ސައީދު ދެއްކެވި އަނެއް ވާހަކައަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ބޮޑުކޮށް، ޒަމާނީ ކުރަން މަސައްކަތް ކުރުމުގެ ބަދަލުގައި އިންޑިއާގެ ޖީއެމްއާރު ކުންފުންޏާ އެ ޕާޓީގެ ވެރިކަމުގައި އެއާޕޯޓް ހަވާލުކުރި ކުރުމެވެ.

އޭނާ ތުހުމަތު ކުރެއްވި ގޮތުގައި އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި އެގޮތަށް ކަންތައް ކުރީ އެއާޕޯޓް ބޮޑުކުރަން ޖެހޭ ކަމަށް އޭރުގެ ސަރުކާރަށް ގަބޫލު ނުކުރެވިގެންނެވެ.

"މި ބޭފުޅުންނެއް އެ ދުވަހު ގަބޫލެއް ނުކުރިއޭ ދެވަނަ ރަންވޭއެއް ހުޅުލޭގައި އޮންނަ ޖެހޭނެ ކަމަކަށް. އެހެންވީމާ ނޫންތޯ ކުރިން އައި ޖީއެމްއާރުން އައިސް އެ ތާނގައި ކުނި ވަޅުލާފައި އޮތީ. އެ ދުވަހު އަޅުގަނޑުމެން އެ ވާހަކަ ދެއްކީމާ އެެމްޑީޕީން ބުނީ މި ދިވެހިރާއްޖެ އަށް ކޮން ދެވަނަ ރަންވޭއެއް ހޭ ބޭނުންވަނީ،" ސައީދު ވިދާޅުވި އެވެ.

އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި އޭރުގެ ރައީސް މުހއްމަދު ނަޝީދު ފެއްޓެވި ފްލޯޓިން ސިޓީ މަޝްރޫއު އާއި އެ ޕާޓީގެ ދެވަނަ ވެރިކަމުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ފައްޓަވަން އުޅުއްވި ފްލޯޓިން ހޮސްޕިޓަލް މަޝްރޫއު ވެސް ކާމިޔާބު ނުވެ، ފެއިލް ވެފައިވާތީ ސައީދު އެ ކަަމަށް ވެސް ހަޖޫ ޖެއްސެވި އެވެ.

އޭނާ ވިދާޅުވީ ފްލޯޓިން ސިޓީގެ އެއް ރޫމް ހުޅުމާލޭ ފަރަށް މިހާރު އުރިފައިވާ ކަމަށެވެ.