އެގްޒޯޓިކް ކުންފުނިން ގެއްލުވާލި ސިނގިރޭޓަށް 14 ދުވަސް ތެރޭ 47 މިލިއަން ދައްކަން ހުކުމްކޮށްފި
އެގްޒޯޓިކް ކުންފުނިން ގެއްލުވާލި ސިނގިރޭޓަށް 14 ދުވަސް ތެރޭ 47 މިލިއަން ދައްކަން ހުކުމްކޮށްފި

އެގްޒޯޓިކް އެންޓަޕްރައިސަސް އިން ރާއްޖެ އެތެރެކުރި ގިނަ އަދަދެއްގެ ސިނގިރޭޓް އެ ކުންފުނީގެ ބޮންޑެޑް ވެއާހައުސްއެއްގައި ހުއްޓާ "ގެއްލުނު" މައްސަލައިގައި އެ ކުންފުނިން 47 މިލިއަނަށް ވުރެ ގިނަ ރުފިޔާ 14 ދުވަސް ތެރޭ ދައްކަން ސިވިލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.

ކަސްޓްމަސް އިން ކުރި ދައުވާގައި ބުނެފައިވަނީ ވައިގެ މަގުން 180 ކޭސް ކެމަލް ޔެލޯ، 300 ކޭސް މެންޗެސްޓާ ރޯޔަލް ރެޑް ފިލްޓާ އަދި 110 ކޭސް އެމެރިކަން ލެޖެންޑް އެގްޒޮޓިކްގެ ބޮންޑެޑް ވެއާހައުސްގައި ބެހެއްޓި ކަމަށެވެ. މިގޮތަށް ބަހައްޓާ ތަކެއްޗަކީ ކަސްޓަމްސްގެ ހުއްދަ ލިބިގެން، ޑިއުޓީ ދެއްކުމަށް ފަހުގައި ނޫނީ ނެރެގެން ވާނެ އެއްޗެހި ނޫން ކަމަށް ވިޔަސް އެ ތަނުން ނެރުނު ކަމަށް ރެކޯޑްތަކުން ދައްކަނީ 15 ކޭސް ކެމަލް ޔެލޯ އެކަނި ކަމަށް ދައުވާގައި ބުނެފައިވެ އެވެ.

އެކަމަކު އެ ވެއާހައުސްގައި ދެން ހުރި ހުރިހާ ސިނގިރެޓެއް ވަނީ ގެއްލިފަ އެވެ. އެހެންވެ، ކަސްޓަމްސް އިން މިދިޔަ ޖުލައި މަހު ދައުވާކޮށްފައި އޮތީ، ވެއާހައުސް އިން ގެއްލިފައިވާ ސިނގިރޭޓަށް އެގްޒޮޓިކް ކުންފުނިން ޑިއުޓީގެ ގޮތުގައި 47،182،011.86ރ. ދައްކަން ޖެހޭނެ ކަމަށް ކަނޑައަޅައި، އެ ކުންފުނީގެ ޣައިރު ހާޒިރުގައި ހުކުމް ކޮށްދިނުމަށެވެ.

ކަސްޓަމްސް އިން ދައުވާގައި ބުނެފައިވާ ގޮތުގައި ޑިިއުޓީގެ ގޮތުގައި ދައްކަންޖެހޭ 47 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދެއްކުމަށް އެގްޒޮޓިކް ކުންފުންޏަށް އެންގުމުން ވެސް އެ ފައިސާ ދައްކާފައެއް ނުވެ އެވެ. އެހެންވެ، އެ ފައިސާ ދައްކަން ހުކުމްކޮށްދިނުމަށް ކޯޓުގައި އެދުނީ އެވެ.

ދައުވާގެ ލިޔެކިޔުންތައް އެގްޒޮޓިކް ކުންފުންޏަށް ރައްދު ކުރުމުން ވެސް އެ ލިޔުންތަކާ ހަވާލުވި ކަމުގެ ލިޔުމެއް ވެސް އަދި ދައުވާއަށް ރައްދެއް ވެސް، ގާނޫނުގައި ބުނާ 14 ދުވަސް ތެރޭ ހުށަހަޅާފައި ނުވާ ކަމަށް ހުކުމުގައިވެ އެވެ. އެހެންވެ މިއީ ޣައިރު ހާޒިރުގައި ނިންމޭނެ މައްސަލައެއް ކަމަށް ކަނޑައަޅުއްވައި ގާޒީ އާއިޝަތު އަޒުފާ އަބްދުލްޣަފޫރު ވަނީ ކަސްޓަމްސް އިން އެދުނު ގޮތަށް ހުކުމް ކުރައްވައިފަ އެވެ.

އެގްޒޮޓިކްގެ ބޮންޑެޑް ވެއާހައުސް އިން ސިނގިރެޓް ގެއްލުނުކަން އެނގުނީ ކަސްޓަމްސް ކުރިން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު، ސިނގިރެޓް އެތެރެކުރި އިރު ކުންފުނީގެ ހިއްސާދާރުގެ ގޮތުގައި ތިބި މީހުން ބަދަލުވެ، ވެއާހައުސްގެ ސްޓޮކް ގުނައިދޭން އެދި ހުށަހެޅުމުންނެވެ. ފަހުން ގޮސް ބެލި އިރު ވެއާހައުސްގައި ސިނގިރޭޓެއް ނެތެވެ.

މި މައްސަލަ ފަޅާއަރައި ކޯޓާ ހިސާބަށް ދިއުމުގެ ކުރިން ކުންފުނީގެ ހިއްސާ ބަދަލުކޮށްފައި އޮތީ މިހާ ގިނަ އަދަދެއްގެ ސިނގިރެޓް އެތެރެކޮށް މިވަރުގެ ވިޔަފާރިއެއް ކުރުމުގެ ގާބިލްކަމެއް އެއްވެސް ވަރަކަށް ހުރި ބަޔަކަށް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން ބުނެފައިވެ އެވެ.