29 މާޗް 2017 - 14:09

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހަށް އިތުބާރު ނެތް ކަމަށް ހުށަހެޅި މައްސަލާގައި ރައްޔިތުންގެ މަޖިލީހުގައި ވޯޓު ނެގީ އުސޫލުތަކާ ޚިލާފަށް ކަމަށާއި އެކަމާ ކަންބޮޑުވާ ކަމަށް އިނގިރޭސި ވިލާތުން މިއަދު ބުނެފި އެވެ.
"ރައްޔިތުންގެ މަޖިލީހުގައި ރައްޔިތުންނާ ގުޅުން ހުރި މުހިންމު ކަންކަން ކުރިއަށް ގެންދާއިރު މަޖިލީހުގެ އުސޫލުތަކާ އެއްގޮތަށް، ހާމަކަން ބޮޑު ގޮތެއްގައި ކުރިއަށް ގެންދިއުމަކީ ފުރިހަމަ ޑިމޮކްރަސީއެއްގެ އަސާސެއް ކަމުގައި އިނގިރޭސި ވިލާތުން ގަބޫލުކުރަމެވެ." ހޯމަ ދުވަހު ނެގި ވޯޓާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.
އިނގިރޭސި އެމްބަސީން ނެރުނު ބަޔާނުގައި ބުނި ގޮތުގައި ނޫސްވެރިންނާއި ސިޔާސީ އިދިކޮޅު ފަރާތްތަކާއި މަދަނީ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކަށް ރާއްޖޭގައި ވަނީ ބިރުދެއްކުމާއި ފުރައްސާރައާ ކުރިމަތިވެފަ އެވެ.
"...ރައްޔިތުންގެ މަޖިލީހުގެ އުސޫލުތަކަށް އިހްތިރާމްކުރުމަށާއި ހިޔާލު ފާޅުކުރުމާއި އެއްވެ އުޅުމުގެ މިނިވަންކަން އިޔާދަކުރުމަށް ދިވެހި ސަރުކާރަށް ގޮވާލަމެވެ." ބަޔާނުގައިވެ އެވެ.
މަސީހުގެ ވޯޓާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް އެމެރިކާއިން ވެސް ވަނީ ބަޔާނެއް ނެރެފަ އެވެ. ނަމަވެސް ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނީ މަޖިލީހުގައި ކަންކަން ހިނގައި ދިޔައީ ޑިމޮކްރަސީގެ ހަމަތަކާ އެއްގޮތަށް، ހާމަކަން ބޮޑު ގޮތެއްގައި އަދި މަޖިލީހުގެ ގަވައިދާ އެއްގޮތަށް ކަމަށެވެ. އަދި މަޖިލީހުގެ ނިންމުންތަކަށް އިހްތިރާމް ކުރުމަށް ގައުމުތަކަށާއި ޖަމާއަތްތަކަށް ރާއްޖެއިން ވަނީ ގޮވާލައިފަ އެވެ.
މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި ވޯޓު ނަގާފައި ވަނީ، ވޯޓުލާ ސިސްޓަމްގައި މައްސަލަ އުޅޭ ކަމަށް ބުނެ ކޮންމެ މެންބަރަކާ ވަކިވަކިން ސުވާލުކޮށްގެންނެވެ. މިގޮތަށް ވޯޓު ނަގަން ފާސްކޮށްފައި ވަނީ މައްސަލަ ޖެހިފައިވާ ކަމަށް ބުނި ސިސްޓަމް ބޭނުންކޮށްގެން ކަމަށް ވާއިރު މަޖިލީހަށް ހާޒިރުވެ ވަޑައިނުގަންނަވާ ބައެއް މެންބަރުން ވެސް ވޯޓު ދެއްވި ކަމަށް ސިސްޓަމުން ދެއްކި އެވެ. އަދި ވޯޓުގައި ބައިވެރިވެ ވަޑައިނުގަންނަވާ ބައެއް ބޭފުޅުން ވޯޓު ދެއްވި ކަމަށް ވެސް ދައްކާފައިވެ އެވެ.