28 އޮކްޓޯބަރ 2025 - 06:59

ރެއާލް މެޑްރިޑްގެ ކޯޗު ޒަބީ އަލޮންސޯ އާއި އެ ޓީމުގެ ފޯވާޑް ވިނީޝިއުސް ޖޫނިއާގެ ގުޅުން ވަރަށް ބޮޑަށް ގޯސްވެއްޖެ އެވެ.
އާދިއްތަ ދުވަހު ބާސެލޯނާއާ ދެކޮޅަށް ކުޅުނު އެލްކްލެސިކޯ މެޗުގެ 71 ވަނަ މިނެޓްގައި ވިނީގެ ބަދަލުގައި ރޮޑިރިގޯ ގޮއިސް ކުޅެން ނެރުނެނެވެ.
ވިނީ ބަދަލުކުރުމުން އޭނާގެ މޫނުމަތިން އެ ހިތްހަމަނުޖެހުން ފެނުނެވެ. އަދި އަތުގެ އިޝާރާތުން އޭނާ ބަދަލު ކުރީ ކީއްވެތޯ ދަނޑުން ފައިބަމުން ޒަބީއާ ސުވާލު ކުރި އެވެ.
ބެންޗުގައި މަޑުނުކޮށް ވިނީ ސީދާ ދިޔައީ ޓީމުގެ ޗޭންޖިން ރޫމަށެވެ.
އީއެސްޕީންއިން ބުނީ ޒަބީ އާއި ވިނީގެ ގުޅުން ނުކެނޑޭ ކަމަށެވެ. ނަމަވެސް އެ ގުޅުމަށް މިހާރު އަސަރުކޮށްފައިވާ ކަމަށް މަސްދަރުތަކާ ހަވާލާދީ އީއެސްޕީންއިން ބުންޏެވެ.
ވިނީގެ އެޖެންޓުން ހިމެނޭ ކޭމްޕުން ގަބޫލު ކުރަނީ ޒަބީ އަކީ ވިނީގެ ސަޕޯޓަރެއް ނޫންކަމަށެވެ.
އެ މެޗަށް ފަހު ޒަބީ ބުނީ ވިނީގެ އިޝާރާތުން ފެނުނު ހިތްހަމަނުޖެހުމާ މެދު އޭނާއާ ވާހަކަ ދައްކާނެ ކަމަށެވެ.
ވިނީގެ ކޮންޓްރެކްޓް އާ ކުރުމުގެ ވާހަކަތައް ރެއާލުން މީގެ ކުރިން ވިނީއާ އެކު ދެއްކި އެވެ. އެކަމަކު އެންމެ ބޮޑު މުސާރަ ހޯދަން އޭނާ ޑިމާންޑް ކުރާތީ އެ ވާހަކަތައް ވެސް އޮތީ ހުއްޓިފަ އެވެ. އޭނާގެ ކޮންޓްރެކްޓް ހަމަވާނީ 2027 ގަ އެވެ.