28 އޮކްޓޯބަރ 2025 - 14:44

ސިޓީސް މިނިސްޓްރީން ރަށްރަށުގައި ހިންގާ މަޝްރޫއުތައް ކުރިއަށް ގެންދަނީ ރައްޔިތުން ބޭނުންވާ ގޮތަށް ކަން ކަށަވަރު ކުރުމަށާއި ކުރާ މަސައްކަތުގައި ރައްޔިތުންގެ ބައިވެރިވުމާއި ޝާމިލުވުން އިތުރުކުރުމަށް ޓަކައި ހާއްސަ މޮނިޓަރިން ކޮމިޓީތަކެއް އެކުލަވައިލަން ނިންމައިފި އެވެ.
ސިޓީސް މިނިސްޓަރު އާދާމް ޝަރީފް "މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އެ ކޮމިޓީތައް އެކުވަލަވައިލުމުގެ ބޭނުމަކީ ރަށްރަށުގައި މަޝްރޫއުތައް ހިންގުުމުގައި ސިވިލް ސޮސައިޓީތަކާއި އިސްރަށްވެހިންގެ ހިޔާލާއި މަޝްވަރާ ހިމެނުން ކަމަށެވެ.
"އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި މުޖުތަމައުތަކުގައި މިހެން ކުރެވޭ މަސައްކަތްތަކުގައި ވަަރަށް މުހިއްމު ކަމެއް، އަދި ވަރަށް ބޮޑަށް ސަމާލުކަން ދޭން ޖެހޭ ކަމެއް ސިވިލް ސޮސައިޓީ ޕާޓިސިޕޭޝަން ނުވަތަ އިސްރަށްވެހިންގެ ހިއްސާ މި ކަންކަމުގައި އިތުރު ކުރުމަށް މަސައްކަތް ކުރުމަކީ،" އާދަމް ޝަރީފް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި "ރަށު ޕްރޮޖެކްޓް މޮނިޓަރިން ކޮމިޓީ" ގެ ނަމުގައި އެ ކޮމިޓީތައް އެކުލަވައިލަން އުސޫލެއް ހަދައި، ކައުންސިލްތަކަށް އެ އުސޫލު މިހާރު ވަނީ ފޮނުވައިފަ އެވެ. އެ އުސޫލުގެ ދަށުން އެކުލަވާލާ ކޮމިޓީގެ ދައުރަކަށް ވާނީ ސިޓީސް މިނިސްޓްރީން ހިންގާ ޕްރޮޖެކްޓްތަކުގެ މަސައްކަތްތައް ކުރިއަށް ގެންދަނީ ރާވާފައިވާ ގޮތަށް ކަމާއި އެކަން ކުރިއަށްދާ ގޮތް ރައްޔިތުންނަށް ރަނގަޅަށް އެނގޭކަން ކަށަވަރު ކުރުމެވެ.
"މިސާލަކަށް މިހާރު މިދަނީ ކައުންސިލް އިދާރާތަކެއް އަޅަމުން. އަދި ކުރިއަށް އޮތް ތާނުގައި އިތުރު މި ކަހަލަ މަސައްކަތްތަކެއް ކުރާނެ. އަދި. ކުޑަކުދިންގެ ޕާކްތަކެއް ވެސް ހަަމަ ހެދުމުގެ މަސައްކަތްތަކެއް ހަމަ ކުރިއަށް ދާނެ،" އާދަމް ޝަރީފް ވިދާޅުވި އެވެ.
- ރަށު ކައުންސިލުން އައްޔަންކުރާ މެންބަރެއް.
- ޑަބްލިއުޑީސީ އިން އައްޔަންކުރާ މެންބަރެއް.
- ކައުންސިލްގެ ސިވިލް މުވައްޒަފުންގެ ތެރެއިން އައްޔަންކުރާ މެންބަރެެއް.
- އާއްމުންގެ ތެރެއިން ކަނޑައަޅާ މެންބަރެއް.
- ކްލާބް ޖަމިއްޔާތަކުން ނަގާ މެންބަރެއް.
- އިސްރަށްވެހިންގެ ތެރެއިން ކަނޑައަޅާ މެންބަރެއް.
- ޒުވާނުންގެ ތެރެއިން ކަނޑައަޅާ މެންބަރެއް.
- ހިންގާ ޕްރޮޖެކްޓްގައި ކުރާ މަސައްކަތް އެނގޭ [ކޮންސްޓްރަކްޝަން ދާއިރާގެ] މެންބަރެއް.
މިނިސްޓަރު ވިދާޅުވި ގޮތުގައި ޕްރޮޖެކްޓްގައި ކުރާ މަސައްކަތުގެ ދާއިރާގެ މެންބަރަކު ކޮމިޓީގައި ހިމަނަނީ މަސައްކަތުގެ ފެންވަރު ރަނގަޅުކަން ކަށަވަރު ކުރުމަށެވެ.
"މިސާލަކަށް ޓައިލްސް ބޭނުންކުރަނީ ރަނގަޅު ކޮލިޓީގެ ޓައިލްސްތޯ. އެކަށީގެންވާ ވަަރަށް ދަގަނޑު ބޭނުންކުރޭތޯ، ބޭނުންކުރަނީ ރަނގަޅު ސައިޒްގެ ދަގަނޑުތޯ، މިހެން ހުރި ކަންކަމުގެ މައުލޫމާތު އެނގޭ ބޭފުޅަކު ހުރެއްޖެއްޔާ އެ ބޭފުޅަކު ވެސް އެ ކޮމިޓީގައި ހިމެނޭނެވެ،" އާދަމް ޝަރީފު ވިދާޅުވި އެވެ.
ޕްރޮޖެކްޓް މޮނިޓަރިން ކޮމިޓީތަކަށް ފާހަގަވާ މައްސަލަަތައް ކައުންސިލްތަކަށާއި މިނިސްޓްރީއަށް ވެސް ހުށަހަޅާނެ އެވެ.
ސިޓީސް މިނިސްޓްރީން ވަނީ 55 ކައުންސިލެއް އިމާރާތްކުރުމުގެ މަސައްކަތް އާރްސީސީއާ ހަވާލުކޮށްފަ އެވެ. އެ ޕްރޮޖެކްޓް ކުރިއަށް ގެންދާ ހުރިހާ ރަށެއްގައި މިހާރު ކޮމިޓީ އެކުލަވާލާފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.