28 އޮކްޓޯބަރ 2025 - 00:57

ޅ. ނައިފަރުގައި 300 ހައުސިން ޔުނިޓް އިމާރާތް ކުރުމާއި އިތުރު 45 ހެކްޓަރުގެ ބިން ހިއްކުމުގެ މަޝްރޫއަކާ އެކު، ތަރައްގީގެ އިތުރު ކަންކަން ރޭ އިއުލާންކޮށްފި އެވެ.

އެެ މަޝްރޫއުތަކުގައި ސޮއިކޮށް، އަދި މަޝްރޫއުތައް އިއުލާންކުރީ ރައީސް ޑރ. މުހައްމަދު މުއިއްޒު ޅ. އާއި ކ. އަތޮޅަށް އިއްޔެ ފެއްޓެވި ދަތުރުފުޅުގެ ތެރެއިންނެވެ.

ނައިފަރުގެ ރައްޔިތުންނާ ރައީސް މުއިއްޒު ބައްދަލުކުރައްވަން ރޭ ބޭއްވި ޖަލްސާގައި ވަނީ 300 ހައުސިން ޔުނިޓް އެ ރަށުގައި އިމާރާތް ކުރުމުގެ މަޝްރޫއު އެޗްޑީސީއާ ހަވާލުކޮށްފަ އެވެ. އަދި ނައިފަރުގައި ސްލިޕްވޭއެއް އެޅުމަށް އަމިއްލަ ކުންފުންޏެއް ކަމަށްވާ ތްރީވޭ އެންޓަޕްރައިޒަސްއާ އެކު މަސްވެރިކަމާ ބެހޭ މިނިސްޓްރީން ސޮއިކުރި އެވެ. މީގެ އިތުރުން ނައިފަރުގައި މިހާރު ބޭނުންކުރާ ބަނދަރު އިތުރަށް ތަރައްގީ ކުރުމާއި އާ ބަނދަރެއް ހެދުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރި އެވެ.
ދެން ސޮއިކުރި އެއްބަސްވުންތަކުގެ ތެރޭގައި ނައިފަރުގައި 1،200 މީހުންގެ ޖާގައިގެ ސްޕޯޓްސް ކޮމްޕްލެކްސްއެއް ގާއިމް ކުރުން އެމްއޭސީއެލްއާ ހަވާލު ކުރުމާއި ކުނި މެނޭޖު ކުރުން ވެމްކޯއާ ހަވާލުކުރުން ހިމެނެ އެވެ. އަދި ނައިފަރުގައި 30 ޓަނުގެ އައިސްޕްލާންޓެއް ގާއިމް ކުރުމާއި މަގު ހެދުމުގެ މަޝްރޫއު ވެސް އިއްޔެ ހަވީރު ފެށި އެވެ.
ރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ނައިފަރަށް އެ މަނިކުފާނު ވައުދުވެވަޑައިގެންނެވި އަދި ރޭގެ ޖަލްސާގައި ސޮއިކުރި މަޝްރޫއުތަކާއި މިއަދު އަމަލީ މަސައްކަތް ފަށާ ކަންކަން ވެސް ރަނުންރަނަށް ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.
ރައީސް ވިދާޅުވީ، 2023 ގެ ރިޔާސީ އިންތިހާބުގައި އެ މަނިކުފާނު ނައިފަރުގެ ރައްޔިތުންނަށް ވައުދުވެވަޑައިގަތީ 300 ހައުސިން ޔުނިޓު މި ސަރުކާރުން އަޅައިދޭން ކަަމަށާއި ރޭ ސޮއިކުރި 300 ހައުސިން ޔުނިޓުގެ އިތުރުން ބާކީ 100 ޔުނިޓުގެ މަސައްކަތް ވަރަށް އަވަހަށް ބަޔަކާ ހަވާލު ކުރާނެ ކަމަށެވެ.
ރައީސް ވިދާޅުވީ، ނައިފަރުގެ މަގުތައް ހަދާނީ ފިޔަވަހިތަކަކަށް ބަހާލައިގެން ނޫން ކަމަށާއި އެއް ފިޔަވަހިން އެ މަސައްކަތް ނިންމާނެ ކަމަށެވެ.
"އެެހެންވީމާ އެއް ފޭހުން ހުރިހާ މަގެއް ހަދާ މަޝްރޫއުއެއް މިއަދު މި ރަށުގައި ފެށުނީ، އަޅުގަނޑު ވައުދުވީ އެ ގޮތަށް،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި ނައިފަރުން 45 ހެކްޓަރުގެ ބިމެއް ހިއްކަން މިއަދު ފަށަނީ އެއީ އާބަން ސެންޓަރެއްގެ ގޮތުގައި ސަރުކާރުން އިއުލާން ކޮށްފައިވާތީ އާއި ރާއްޖޭގެ ދެމެހެއްޓެވިނިވި ތަރައްގީ އަށް މުހިންމު ރަށަކަށް ވާތީ އެވެ. އަދި އެ މަސައްކަތް ނުހުއްޓި ބާރަށް ކުރިއަށް ދާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވި އެވެ.
އެ މަނިކުފާނު ވިދާޅުވީ، ނައިފަރުގައި މިހާރު ބޭނުންކުރާ ބަނދަރު އަޕްގްރޭޑްކޮށް އަދި އާ ބަނދަރު ހަދައި ނިމުމުން އެއީ އުތުރުގައި އޮންނާނެ އެންމެ ބޮޑު ބަނދަރަށް ވާނެ ކަމަށެވެ.
ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެއް ކަމަކީ އެ މަނިކުފާނުގެ ވައުދާ އެއްގޮތަށް ނައިފަރުގައި ގައުމީ ޔުނިވާސިޓީގެ ކެމްޕަހެއް ގާއިމް ކުރުމަށް ރޭ ސޮއިކުރި އެއްބަސްވުމަށެވެ. ރައީސް ވިދާޅުވީ އިސްލާމިކް ޔުނިވާސިޓީގެ ކެމްޕަހަކާއި ދަނާލެއްގެ މަސައްކަތް ވެސް ވަރަށް އަވަހަށް ބަޔަކާ ހަވާލު ކުރާނެ ކަމަށެވެ.
"އެހެންވީމާ ދެ ގައުމީ ޔުނިވާސިޓީގެ ދެ ކެމްޕަސް އެޅި، ދަނާލެއް އެޅިގެން އެބަދޭ. އޭގެ ސަބަބުން މި ތައުލީމީ ރަށަށް، ރާއްޖޭގެ ތައުލީމީ ހަޔާތުގައި، ތައުލީމީ ދާއިރާ އިން އެންމެ ވިދާ، އެންމެ ފަހުރުވެރި އެއް ރަށް މި ރަށަކީ. އެހެންވީމާ މިފަދަ މުހިންމު ރަށެއްގައި އެތައް ދަރިންނެއް އެތައް ފަރާތްތަކެއް އުފައްދާފައިވާ އަދި އުފައްދާފައިވާ ރަށެއްގައި މި ދެންނެވި މަތީ ތައުލީމުގެ ހުރިހާ މަރުކަޒުތަކެއް ގާއިމް ވެފައި ހުރުމަކީ އަޅުގަނޑު ހިތުން ވަރަށް މުހިންމު ކަމެއް،" ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ، ނައިފަރުގައި އިސްލާމީ މަރުކަޒެއް އިމާރާތް ކުރުމުގެ މަޝްރޫއު ވެސް މި އަހަރު ފަށާނެ އެވެ. އަދި ނައިފަރު ސްކޫލަށް 10 ކްލާސްރޫމް އިތުރުކޮށް، ލެބޯރެޓަރީތައް ހިމެނޭ އިމާރާތެއް ހެދުމުގެ މަސައްކަތް ވެސް މި އަހަރު ފަށާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ދެން އިއުލާން ކުރެއްވީ ނައިފަރުގައި 50 އެނދުގެ ޒަމާނީ ހޮސްޕިޓަލެއް އިމާރާތް ކުރުމުގެ މަޝްރޫއު އެވެ. ރައީސް ވިދާޅުވީ، އެ މަޝްރޫއުގެ އެއްބަސްވުމުގައި އާރުޑީސީއާ އެކު ސޮއިކޮށްފައި ވާތީ މި އަހަރުގެ ތެރޭގައި އަމަލީ މަސައްކަތް ފަށާނެ ކަމަށެވެ..
"މިހާރު ހިނގަނީ ޑީޓެއިލް ޑިޒައިން ހެދުމުގެ މަސައްކަތް،" އެންމެ ގިނަވެގެން ހަތަރު މަސް ތެރޭގައި ސީޓީ ސްކޭންގެ ހިދުމަތް ވެސް ނައިފަރު ހޮސްޕިޓަލްގައި ދޭނެ ކަމުގެ ޔަގީންކަން ދެއްވަމުން ރައީސް ވިދާޅުވި އެވެ.