27 އޮކްޓޯބަރ 2025 - 23:48

މުއައްސަސާތަކަށް ކަންކަން ނުކުރެވޭ ވާހަކަ އެ މަނިކުފާނު ވިދާޅުވަނީ ވެރިކަން ބޭނުންފުޅު ވެގެން ކަމަށް ބައެއް މީހުންނަށް ހީވެދާނެ ކަމަށާއި އެކަމަކު އެއްވެސް މީހަކު ވެރިކަން ބޭނުންވުމަކީ އޭގެ ޒާތުގައި އައިބު އަދި ކޮރުކަމެއް ވެސް ނޫން ކަަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެެއްޖެ އެވެ.
އެ މަނިކުފާނު އެހެން ވިދާޅުވީ، ހއ. ދިއްދޫގައި ބޭއްވި އެ އަތޮޅު ކައުންސިލް އެވޯޑު "ތިލައުތުރު އެވޯޑް 2025" ހަފުލާ ޝަރަފުވެރި ކޮށްދެއްވަމުންނެވެ.
ޔާމީން ވިދާޅުވީ، މުއައްސަސާތައް ކަންކަމަށް ޒިންމާ ނުވާ ނަމަ ނުވަތަ ހިދުމަތް ނުދޭ ނަމަ އަދި ވައުދުތައް ނުފުއްދާ ނަމަ އެ ވާހަކަތައް ދައްކަވަން އެނގިވަޑައިގަންނަވާ ކަމަށާއި އެ ކަން އެ މަނިކުފާނު ކުރައްވާނެ ކަމަށެވެ.
އެކަމަކު، އެ ވާހަކަތައް އެ މަނިކުފާނު ދައްކަވަނީ ވެރިކަން ބޭނުންފުޅުވެގެން ކަމަށް ބައެއް މީހުންގެ ހިތަށް އަރާފާނެ ކަމަށާއި ނަމަވެސް ވެރިކަން ބޭނުން ނުވާ މީހަކު ނުހުންނާނެ ކަމަށް ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ، ގައުމަށް ކަމެއް ކޮށްދެވޭނެ ކަމަށް އުންމީދު ކުރާ ބަޔަކަށް ވެރިކަން ކުރެވިދާނެ ކަމަށެވެ.
"އެއިރަށް ދެއްތޯ ކަންކަން މި ބުނާ ގޮތަށް ރަނގަޅު ކުރެވޭނީ. ކޮންމެ މީހެއްގެ ފަލްސަފާއެއް އޮންނާނެ، ކޮންމެ މީހެއްގެ ވިސްނުމެއް އޮންނާނެ. ކޮންމެ މީހަކު ރައްޔިތުންނަށް ވިއްކާ އެއްޗެހިތަކެއް އޮންނާނެ. އެހެންވީމާ ވެރިކަން މީހަކު ބޭނުންވުމަކީ އޭގެ ޒާތުގައި އައިބު ކަމެއް ނޫން، ކޮރު ކަމެއް ނޫން އަދި ނާތަހުޒީބު ކަމެއް ވެސް ނޫން އެއީ،" ޔާމީން ވިދާޅުވި އެވެ.
"އެއީ ދެއްތޯ ރައްޔިތުންނަށް ހިދުމަތް ކުރެވޭނެ ގޮތަކީ. އެއްވެސް މީހަކު ނޫޅޭ ލިއްލާހިއަށްޓަކައި. ހަމަ ކޮންމެ މީހަކު ވެސް އުޅެނީ ކޮންމެވެސް ކަމެއް ބޭނުންވެގެން."
ޔާމީން ވިދާޅުވީ، އެ މަނިކުފާނު ވެރިކަމަށް އުންމީދު ކުރައްވަނީ އަމިއްލަފުޅު މުހުތާދުތަކެއް ފުއްދަން ނުވަތަ މާލީ މަންފާއެއް ނުވަތަ ދިރިއުޅުއްވާނެ ގެކޮޅެއް ނެތިގެން ކަމަށް ވާ ނަމަ ރައްޔިތުންނަށް ސުވާލު ކުރެވޭނެ ކަމަށެވެ.
"މިއިން އެއްވެސް ކަހަލަ ކަމެއް އަޅުގަނޑެއް ބޭނުމެއް ނުވާނެ. އެކަމަކު އަޅުގަނޑު ބޭނުންވޭ ދިވެހިރާއްޖޭގެ ހާލަތު ބަދަލުކުރަން. އަޅުގަނޑު ބޭނުންވޭ ދިވެހިރާއްޖޭގައި ފަސްޖެހިފައި މި ހުރި ހުރިހާ ކަންތައްތަކެއް ނަގައި ކޮޅަށް ޖަހަން."
ޔާމީން ވިދާޅުވީ ފޮތްތަކުގައި ހުންނަ ހިސާބުތައް އަދި ރައްޔިތުންގެ ޖީބުގެ ފުންމިނާއި ތިޔާގިކަން ދޮގެއް ނުހަދާނެ ކަމަށެވެ. އެ އަށް ބާރު ދެއްވަމުން ޔާމީން ވިދާޅުވި ގޮތުގައި އެ މަނިކުފާނުގެ ވެރިކަން ނުވަތަ 2013 އިން 2018 އަކީ ރައްޔިތުން ތިޔާގި ފަސް އަހަރެވެ.
އެ މުއްދަތުގައި ރާއްޖޭގެ ތަރައްގީ ވޯލްޑް ބޭންކާއި އައިއެމްއެފް ފަދަ ޖަމާއަތްތކުން ފާހަގަކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.
"މިއީ ޑޮކިއުމަންޓް ކުރެވިފައިވާ ކަންކަން. އެހެން ނަމަވެސް އެއާ ހިލާފަށް އަޅުގަނޑުމެންނަށް ފަހުން ފެނިގެން މިދަނީ ހަމަ ވަރަށް ސޮރީ ސްޓޭޓް އޮފް އެފެއާޒް. ރައްޔިތުން ހަމަ ވަރަށް ލަދުގަންނަންޖެހޭ،" ޔާމީން ވިދާޅުވި އެވެ.