އެއާޕޯޓް ޓާމިނަލުން ޑޮލަރު ފޭރުނު މީހުން ދިޔައީ ހުރައަށް، ބަލައިފާސްކުރަނީ!
އެއާޕޯޓް ޓާމިނަލުން ޑޮލަރު ފޭރުނު މީހުން ދިޔައީ ހުރައަށް، ބަލައިފާސްކުރަނީ!

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ޓާމިނަލަށް ރޭ ފަތިހު ވަންނަން ދިޔަ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ދެ މުވައްޒަފަކަށް ބިރުދައްކައި ސޫޓްކޭހުގައި ހުރި ލައްކައަކަށް ވުރެ ގިނަ ޑޮލަރު ފޭރިގަތް މީހުން ލޯންޗުގައި ދިޔައީ ކ. ހުރަ އަށް ކަން އެނގިއްޖެ އެވެ.

އެ މައްސަލާގައި ހަތަރު މީހަކު ހައްޔަރުކޮށް، އެ މީހުން އެއާޕޯޓުން ފުރައިގެން ދިޔަ ލޯންޗު ވެސް ހޯދާފައިވާ ކަމަށް މިއަދު މެންދުރު 1:30 ވާން އުޅެނިކޮށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވި އެވެ. އެކަމަކު ފައިސާ ފެނުނު ކަމެއް ތަހުގީގީ އިދާރާތަކުން އަދި ނުބުނެ އެވެ.

"މި މައްސަަލައިގެ ތަހުގީގުކޮށް ވީހާ ވެސް އަވަސްކޮށް، ތުހުމަތު ކުރެވޭ މީހުން ހޯދުމަށް ފުލުހުން ކުރި މަސައްކަތަށް ތައުރީފުކުރަން،" އިހުސާން ވިދާޅުވި އެވެ.

"މިހާރު" އާ މައުލޫމާތު ހިއްސާކުރި ފަރާތަކުން މިރޭ ބުނީ، ބީއެމްއެލްގެ މުވައްޒަފުންގެ އަތުން ޑޮލަރު ފޭރިގަތް މައްސަލާގައި ހައްޔަރުކުރި ހަތަރު މީހުން ވެސް ހުރާގައި ހައްޔަރު ކޮށްފައިވާ ކަމަށެވެ. އަދި އެ މީހުންނާ ގުޅުން ހުރި ގެއެއް ކޯޓު އަމުރެއްގެ ދަށުން މިހާރު ފާސްކުރަމުން އަންނަ ކަމަށް ބުންޏެވެ.

"އެ ހަތަރު މީހުންގެ ތެރެއިން ދެ މީހުންނަކީ ގުރައިދޫގެ ދެ މީހުން، އެ ދެ މީހުން ވަރަށް ގިނައިން ހުރައަށް ގޮސް އުޅޭ. އެއީ އެ މީހުންގެ ބޭބެއަކު ހުރާގައި ދިރިއުޅޭތީ. އަނެއް ދެ މީހުންގެ ރަށެއް ނޭނގޭ،" މައުލޫމާތު އެނގޭ މީހާ ބުންޏެެވެ.

އޭނާ ބުނިގޮތުގައި މޫނު ނިވާކޮށްގެން، ވަޅިން ބިރު ދައްކައި ރާއްޖޭގެ މައި އެއާޕޯޓުގެ އާ ޓާމިނަލްގެ ތެރެއިން ބީއެމްއެލްގެ ދެ މުވައްޒަފެއްގެ އަތުން ފައިސާ ފޭރިގަތް މީހުން ދަތުރުކުރި 12 މީހުންގެ ޖާގައިގެ ލޯންޗު ހުރައަށް ދިޔައީ މިއަދުގެ ހެނދުނު 8:45 ހާއިރު އެވެ.

މިހާރު ފުލުހުންގެ ބެލުމުގެ ދަށުގައި ތިބި ހަތަރު މީހުން ހައްޔަރުކުރީ ހުރާގައި ތިބި ފުލުހުން ކަމަށް އެ މީހާ ބުންޏެވެ.

"އޭގެ ފަހުން ވަރަށް ގިނަ އަދަދެއްގެ ފުލުހުން މި ރަށަށް އައިސް އެބަ ހަރަކާތްތެރިވޭ. ފާސްކުރުން ކުރިއަށް އެބަގެންދޭ. އެ ލޯންޗު ވެސް އެބައޮތް ބަނދަރުގައި އަޅާފައި،" މައުލޫމާތު ހިއްސާކުރި މީހާ ކިޔައިދިނެވެ.

ބީއެމްއެލްގެ ދެ މުވައްޒަފުންނަށް ވަޅިން ބިރު ދައްކައި އެ ސޫޓް ކޭސް ފޭރިގަތީ ކުރީގެ ޓާމިނަލްގެ ތެރެއިން އާ ޓާމިނަލަށް ދާން ހަދާފައިވާ "ވޯކްވޭ" އިންނެވެ.

ސޫޓް ކޭހުގައި ހުރީ އެނގިފައިވާ ގޮތުގައި މިއަދުގެ ހެނދުނުގެ ތިން ފްލައިޓަކުން ފުރި ދިވެހިންނަށް ދޫކުރާ ޑޮލަރުތަކެކެވެ. އެ ފައިސާ ފޭރިގަތީ އާ ޓާމިނަލްގެ ޑޮލަރު ކައުންޓަރަށް ގެންދަނިކޮށެވެ.

ނަމަވެސް އެއްލައްކަ ޑޮލަރު ސޫޓް ކޭހުގައި ބީއެމްއެލްގެ ދެ މުވައްޒަފުން ގެންދިޔައިރު ފުލުހުންގެ އެހީތެރިކަން ހޯދާފައި ނުވާ ކަމަށް ފުލުހުން ބުނެފައި ވެ އެވެ.

ޑޮލަރު ފޭރިގަތް ވަގުން ޓާމިނަލަށް ފޭބީ ކާރަކުން ކަމަށް ވެ އެވެ. އޭރު ހުޅުލޭ ޖެޓީގައި ތައްޔާރީ ހާލަތުގައި ހާއްސަ ލޯންޗެއް އޮތް ކަމަށް އެނގިފައި ވެ އެވެ. އެއާޕޯޓުގެ ސެކިއުރިޓީ ކަންކަން ބަލަހައްޓާ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ މީހުންނަށް ވެސް ވަޅިން ބިރު ދައްކައި، ލޮލަށް ސްޕްރޭކޮށް، ފައިސާ ސޫޓް ކޭސް ފޭރިގަނެގެން އެ މީހުން ދުވެ ގޮސް އެރީ އެ ލޯންޗަށް ކަމަށް މައުލޫމާތު އެނގޭ މީހަކު ބުންޏެވެ.

ވީއައިއޭގެ އާ ޓާމިނަލަށް ވަންނަން ދިޔަ ބީއެމްއެލްގެ ދެ މުވައްޒަފެއްގެ އަތުގައި އޮތް ސޫޓް ކޭސްއެއް، މޫނު ނިވާކޮށްގެން ތިބި ބަޔަކު ފޭރިގަތް މައްސަލައިގެ ރިޕޯޓު ލިބުނީ ރޭ ފަތިހު 4:45 ހާއިރު ކަމަށް ފުލުހުން ބުނެފައި ވެ އެވެ.