27 އޮކްޓޯބަރ 2025 - 23:09

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގައި އެންމެ އިސްކަމެއް ދޭނީ ސިއްހީ ދާއިރާއަށް ކަމަށާއި ރާއްޖޭގައި ސިއްހީ އެންމެ މަތީ ހިދުމަތްތައް ގާއިމް ކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ޅ. އަތޮޅާއި ކ. އަތޮޅަށް މިއަދު ހެނދުނު ފެއްޓެވި ދަތުރުފުޅުގައި ނައިފަރު ރައްޔިތުންނާ ބައްދަލުކުރައްވަން އެ ރަށުގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ ބޮޑެތި ހަރަދުތައް ކޮށްގެންނާއި އާސަންދައިން ރާއްޖޭން ބޭރަށް ގޮސް ސިއްހީ ފަރުވާ ހޯދަން ޖެހޭ ޖެހުން އަންނަ އަހަރު ކުޑަކޮށް، ރާއްޖޭގައި މަތީ ފެންވަރުގެ ސިއްހީ ހިދުމަތްތައް ގާއިމް ކުރާނެ ކަމަށެވެ.

އެހެންވެ، އަންނަ އަހަރުގެ ބަޖެޓްގައި އެންމެ އިސްކަމެއް ދީފައިވަނީ ސިއްހީ ދާއިރާއަށް ކަމަށް ރައީސް ވިދާޅުވި އެވެ.
"އިރާދަކުރެއްވިއްޔާ މީގެ ސަބަބުން ރައްޔިތުންނަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް އަދި ސިއްހަތު ސަލާމަތުން ހުރުމުން އެ ލިބޭ ކުރިއެރުން ލިބިގެންދާނެ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެ މަނިކުދާނުގެ ސިޔާސަތަކީ ސިއްހީ ދާއިރާ އަށް ބޮޑު އިންވެސްޓްމެންޓެއް ކުރުން ކަމަށެވެ. ބަލި ޖެހުނަ ނުދިނުމަށް ކުރަންޖެހޭ ކަންކަން ކުރުމާއި އަދި ބަލިތަކަށް ފަރުވާދިނުމަށް ރާއްޖޭގައި ހިދުމަތްތައް ގާއިމް ކުރަން ކުރަންޖެހޭ މަސައްކަތްތައް މި ސަރުކާރުން އެކުއެކީގައި ކުރާނެ ކަމަށް ވިދާޅުވި އެވެ.
އެހެންވެ، މިހާރު ވެސް އެކަމަށް އިސްކަންދީގެން ވަރަށް ގިނަ މަޝްރޫއުތައް ކުރިއަށްދާ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި، ރައްޔިތުން ރައްކާތެރި ރަނގަޅު ސިއްހަތެއް ލިބިގެންވާ ބަޔަކަށް ހެދުމަކީ ވަރަށް ބޮޑު އިންވެސްޓްމެންޓެެކެވެ. އެއީ އިޖުތިމާއީ އަދި އިގުތިސޯދީ ގޮތުން ވެސް މުހިންމު ކަމެއް ކަމަށް ވިދާޅުވި އެވެ.
ރައީސް މުއިއްޒު ވިދާޅުވީ އެންމެ ބޮޑަށް ބަލި ޖެހޭ އެއް ކަމަކީ ދުންފަތުގެ އިސްތިއުމާލުކުރުން ކަމަށާއި އެކަމުން ރައްޔިތުން ދުރުކުރަން ގިނަ ފިޔަވަޅުތަކެއް މިހާރު ވެސް އަޅާފައިވާ ކަމަށެވެ. އެގޮތުން ޖެނަރޭޝަން ބޭން ރައީސް ފާހަގަކުރެއްވި އެވެ.
އެ މަނިކުފާނު ވިދާޅުވީ ސިނގިރޭޓާއި ދުންފަތުގެ އިސްތިއުމާލު ކުރަން ބޭނުންކުރާ އާލަތްތަކުގެ އަގު ބޮޑުކުރީ އެކަމުން ރައްޔިތުން ދުރުކޮށް، ސިއްހަތު ރަނގަޅު މުޖުތަމައުއެއް ބިނާކުރަން ކަމަށެވެ. ރައީސް ވިދާޅުވީ އިސްކަން ދޭންވީ އަމިއްލައަށް ވެސް ސިނގިރޭޓް ބުއިމާ ދުރަށް ދިޔުމަށް ކަމަށެވެ.
ވަގަށް ސިނގިރޭޓް އެތެރެކުރުމާއި އޭގެ ވިޔަފާރިއަށް ވަނުމަކީ އެއްގޮތަކަށް ވެސް ކޮށްގެންވާނެ ކަމެއް ނޫން ކަމަށް ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑު ހަމަ ހުރިހާ ލޮބުވެތި ރައްޔިތުންނަށް އިލްތިމާސްކުރަން މިކަމުން ދުރުވާން. އޭރަށް އަޅުގަނޑުމެންގެ މުޖުތަމައު ސިއްހީ ގޮތުން ދުޅަހެޔޮ މުޖުތަމައުއަކަށް ވާނީ،" ރައީސް ވިދާޅުވި އެވެ.
ސިއްހީ ދާއިރާއަށް ފަހު ދެން ބަޖެޓްގައި އެންމެ އިސްކަމެއް ދީފައިވަނީ ތައުލީމީ ދާއިރާއަށް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އެ މަނިކުފާނު ވިދާޅުވީ ތައުލީމީ ގޮތުން ވަރަށް ބޮޑަށް ކުރިއަރާފައިވާ ސިކުނޑިތަކެއް ތަރައްގީ ކުރުމަކީ ކުރަންޖެހޭ ކަމެއް ކަމަށެވެ.