މިއަދަކީ ހިންނަވަރުގެ ތަރައްގީގެ ސަފުހާ އެއްލުނު ދުވަސް: ރައީސް
މިއަދަކީ ހިންނަވަރުގެ ތަރައްގީގެ ސަފުހާ އެއްލުނު ދުވަސް: ރައީސް

މިއަދަކީ ޅ. ހިންނަވަރުގެ ތަރައްގީ ސްޕީޑް ކުރިއަށް ގެންދިޔަ މަޑުދުވެލި ނިމުމަކަށް ގެނެސް އެ ރަށުގެ ތަރައްގީގެ ސަފުހާ އެއްލުނު ދުވަސް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

މިއަދަކީ ހިންނަވަރުގެ ތަރައްގީގެ ސަފުހާ އެއްލުނު ދުވަސް: ރައީސް
މިއަދަކީ ހިންނަވަރުގެ ތަރައްގީގެ ސަފުހާ އެއްލުނު ދުވަސް: ރައީސް

ޅ. އަތޮޅާއި ކ. އަތޮޅަށް މިއަދު ހެނދުނު ފެއްޓެވި ދަތުރުފުޅުގައި ހިންނަވަރަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މިއަދަކީ އެ ރަށުގެ ރައްޔިތުން ބޭނުން ވަރަށް އެންމެ ބާރު ސްޕީޑުގައި ތަރައްގީ ގެންނަން ސަފުހާ އެއްލައިލި ދުވަސް ކަމަށެވެ.

މިއަދަކީ ހިންނަވަރުގެ ތަރައްގީގެ ސަފުހާ އެއްލުނު ދުވަސް: ރައީސް
މިއަދަކީ ހިންނަވަރުގެ ތަރައްގީގެ ސަފުހާ އެއްލުނު ދުވަސް: ރައީސް

"އިރާދަކުރެއްވިއްޔާ އަޅުގަނޑު ވީ ހުރިހާ ވައުދެއް ފުއްދައި ދޭނަން މިއަދު ސޮއިކުރެވުނު މަޝްރޫއުތަކުގެ ތެރެއިން. އަދި އަމަލީ ގޮތުން މަސައްކަތް ފެށިގެން ދިޔަ މަޝްރޫއުތަކުގެ ތެރެއިން މި ހުރިހާ ވައުދެއް ފުދިގެން އެބަދޭ،" ރައީސް ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވިދާޅުވީ ހިންނަވަރަކީ ވަރަށް ގިނަ ބަޔަކު ހާލުގައި ދިރިއުޅެންދާ ރަށެއް ކަމަށެވެ. އާބާދީގައި 5،000 އަށް ވުރެ ގިނަ މީހުން ހިންނަވަރުގައި ދިރިއުޅޭއިރު އެއީ ވަރަށް ބައިބޯ އަދި ތޮއްޖެހިފައިވާ ރަށެއް ކަމަށް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި ހިންނަވަރަށް އިތުރު ކުރި އާ ބިމުގެ ބޭނުން ނުހިފި ވެސް އެތައް ދުވަހެއް ވަނީ ވެފަ އެވެ. އެހެންވެ، އެ ބިމުގެ ބޭނުން ހިފުމަށްޓަކައި ހާއްސަ އިސްކަމެއް މި ސަރުކާރުން ދޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ހިންނަވަރުގައި އަލަށް ހިއްކި ބިމުގެ ސަރަހައްދަށް ފެނާއި ނަރުދަމާގެ ހިދުމަތް ފޯރުކޮށްދިނުމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން މިއަދު ވަނީ ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފަ އެވެ. އެ އެއްބަސްވުމުގައި ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބާއި ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހް ސޮއިކުރެއްވީ ނައިފަރުގައި މިއަދު ބޭއްވި ޖަލްސާގަ އެވެ.

ރައީސް މުއިއްޒު ވިދާޅުވީ، ހިންނަވަރުގެ ހިއްކި ބިމުގެ ސަރަހައްދަށް ކަރަންޓާއި ފެނާއި ނަރުދަމާ ގާއިމް ކޮށްދީ ނިންމައި ދިނުމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވާނެ ކަމަށެވެ. ރައީސް ވިދާޅުވީ، މިހާރު ވެސް އެތައް ބިމެއް އެ ރަށުން އެތައް ބަޔަކަށް ދީފައިވާއިރު އަސާސީ ހިދުމަތްތައް ނެތުމަކީ ވަރަށް ބޮޑު ނިކަމެތި ކަމެއް ކަމަށެވެ.

"އެހެންވީމާ އިރާދަކުރެއްވިއްޔާ މި ފެށިގެން ދިޔަ މަޝްރޫއު ސޮއިކުރެވިގެން ދިޔަ މަޝްރޫއުގެ ފޮނިމީރުކަން ރައްޔިތުންނަށް ހޯދައި ދިނުމަށްޓަކައި ސަރުކާރުގެ ތެރެއިން ވަރަށް ބޮޑު އިސްކަމެއް ދީގެން، ވަރަށް ހަލުވި ކަމާ އެކީގައި ވަރަށް ބާރު ސްޕީޑުގައި އިރާދަކުރެއްވިއްޔާ މި މަސައްކަތް ތިޔަބޭފުޅުންނަށް ކޮށްދީ ނިންމައިދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އަރުވަން،" ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އުފަން ރަށުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވި އެވެ.

ހިންނަވަރުގައި ގައުމީ ޔުނިވާސިޓީގެ ދަނާލެއް ހެދުމުގެ އެއްބަސްވުމެއްގައި ވެސް މިއަދު ވަނީ އެ ޔުނިވާސިޓީ އާއި އާރުޑީސީއާ އެކު ސޮއިކޮށްފަ އެވެ.

ރައީސްގެ ދަތުރުފުޅުގެ ތެރެއިން މިއަދު ވަނީ ހިންނަވަރުގައި ބީއެމްއެލްގެ ބްރާންޗެއް އިމާރާތް ކުރުމަށްޓަކައި ބިންގާ އަޅައިފަ އެވެ. ރައީސް ވިދާޅުވި ގޮތުގައި އަންނަ އަހަރުގެ މާޗު މަހު އެ ބްރާންޗުގެ ހިދުމަތް ހިންނަވަރަށް ލިބޭނެ އެވެ.

ރައީސް މުއިއްޒު މިއަދު ވަނީ ހިންނަވަރުގެ ހައުސިން މަޝްރޫއު ހުއްޓިފައިވާތީ ކަންބޮޑުވުން ފާޅުކުރައްވައި، އެ ކޮންޓްރެކްޓް ބާތިލްކޮށް، އެ މަސައްކަތް ހަލުވި ކުރެވޭނެ ކަމުގެ ޔަގީންކަން ވެސް ދެއްވައިފަ އެވެ. އަދި އެ ރަށުގައި އިތުރު 100 ހައުސިން ޔުނިޓް އިމާރާތް ކުރަން ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާނެ ކަން އިއުލާން ކުރެއްވި އެވެ.

އަދި 1،200 މީހުންގެ ޖާގައިގެ، އެންމެ ޒަމާނީ ސްޕޯޓްސް ކޮމްޕްލެކްސްއެއްގެ މަޝްރޫއުއެއް ވެސް އަންނަ އަހަރު ހިންނަވަރުގައި ފަށާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އެއީ ވެސް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާނެ މަޝްރޫއުއެއް ކަމަށް ވިދާޅުވި އެވެ.

ރައީސް މިއަދު ވިދާޅުވި ގޮތުގައި، ހިންނަވަރުގެ ބަނދަރުގެ ބޭރުތޮށި އުސްކޮށްދިނުމުގެ އިތުރުން ބޭރުތޮށީގައި އުޅަނދު އެޅޭ ގޮތަށް ޑިޒައިން ބަދަލުކޮށްދޭން ވަނީ ނިންމައިފަ އެވެ. އޭގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސް މުއިއްޒު އިއުލާން ކުރެއްވި ގޮތުގައި ހިންނަވަރުގެ ކުނި މެނޭޖު ކުރުމުގެ މަސައްކަތާ އަންނަ އަހަރުގެ ޖެނުއަރީ މަހު ހަވާލުވާނެ އެވެ. ރަށު ކައުންސިލާ އެކު މި އަހަރު ނިމެންވާއިރަށް ވެމްކޯ އިން ސޮއިކުރާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.