27 އޮކްޓޯބަރ 2025 - 19:37

އެއްފަހަރާ ގިނަ ރަށްރަށުގައި މަސައްކަތް ކުރެވޭ ފެންވަރަށް ކުރިއަށް އޮތް ދެ މަސް ތެރޭގައި ރޯޑު ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) ގެ ގާބިލްކަން އިތުރު ކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
އެ މަނިކުފާނު އެހެން ވިދާޅުވީ ޅ. އަތޮޅާއި ކ. އަތޮޅުގެ ތިން ރަށަކަށް މިއަދު ހެނދުނު ފެއްޓެވި ދަތުރުފުޅުގައި ހިންނަވަރު ރައްޔިތުންނާ އެކު މިއަދު ހަވީރު ބޭއްވެވި ބައްދަލުވުމުގަ އެވެ.
ރައީސް ވިދާޅުވީ، އެ މަނިކުފާނު ނޮވެމްވަރު 17، 2023 ގައި ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު އާރުޑީސީގެ ގާބިލްކަން ހުރީ ވަރަށް ދަށްކޮށް ކަަމަށާއި އެކަމަކު އެ ތަނުގެ މަސައްކަތުގެ ސާމާނުގެ ފްލީޓް އިތުރު ކުރަން ފަށާފައިވާ ކަމަށެވެ.
އެ ގޮތުން އެއްފަހަރާ ވަރަށް ގިނަ ރަށްރަށުގައި މަސައްކަތް ކުރެވޭ ފެންވަރަށް އެންމެ ޒަމާނީ އާލާތްތައް ރާއްޖެ އިން ބޭރުން ގެންނަން ނިންމާފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"ތާރު އަޅާ މެޝިންތަކާއި ދެން މިހެން ހުރިހާ އެއްޗެއް [އެބަ ގެންނަން،]" ވަރަށް ބޮޑު ފްލީޓެއް އެބަ ހަމަކޮށްދެން،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި އެ ސާމާނުތައް ރާއްޖެ ގެނެސް، ގިނަ ވެގެން ދެ މަސް ތެރޭގައި އާރުޑީސީގެ "ކެޕޭސިޓީ ރަނގަޅުވާނެ" ކަމަށެވެ.
"މިހާރު އޯޑަރު ދެވިފައި އެ ވަނީ. އެހެންވީމާ އެ ތަކެތި ގެނެވިގެން ދިޔައީމާ މިހެން ހުރި ގިނަ ރަށްތަކުގެ ތާރު އެޅުމާއި ދެން ހުރި މަސައްކަތްތައް ހަލުވި ވާނެ އެތައް ގުނައަކުން،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ، ހިންނަވަރު މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތްތަަކަށް މި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދޭ ކަމަށާއި އާރުޑީސީ އަށް އިތުރު ސާމާނު ގެނައުމުން ނަތީޖާ ރަނގަޅުވާނެ ކަމަށެވެ.