އިންޑިއާ އާއި ޗައިނާއާ ދެމެދު ފަސް އަހަރަށް ފަހު ވައިގެ ދަތުރުތައް އަލުން ފަށައިފި
އިންޑިއާ އާއި ޗައިނާއާ ދެމެދު ފަސް އަހަރަށް ފަހު ވައިގެ ދަތުރުތައް އަލުން ފަށައިފި

އިންޑިއާ އާއި ޗައިނާގެ ގޯސް ވެފައިވާ އޮތް ގުޅުން މަޑުމަޑުން ރަނގަޅުވަމުން އަންނައިރު، ފަސް އަހަރު ފަހުން ފުރަތަމަ ފަހަރަށް އެ ދެ ގައުމުގެ މެދުގައި އިއްޔެ ވައިގެ ދަތުރުތައް އަލުން ފަށައިފި އެވެ.

އިންޑިގޯގެ ފްލައިޓް 6އީ1703 އިންޑިއާގެ ކޮލްކަތާއިން ފުރައިގެން ޗައިނާގެ ދެކުނުގެ ސިޓީއެއް ކަމަށްވާ ގުއާންޒޫއަށް މިއަދު ޖައްސާފައި ވާއިރު މިއީ 2020 ވަނަ އަހަރު، ކޮވިޑް-19 އާ ގުޅިގެން، ސީދާ ދަތުރުތައް ހުއްޓާލި ފަހުން ކުރި މިފަދަ ފުރަތަމަ ދަތުރެވެ.

މުޅި ދުނިޔޭގައި ވެސް އެންމެ ބޮޑު އާބާދީ އޮތް މި ދެ ގައުމަކީ ސަރަހައްދުގައި ނުފޫޒު ގަދަކުރުމުގެ ރޭހުގައި ބޮޑު ދެ ވާދަވެރިންނެވެ. އެކަމަކު 2020 ވަނަ އަހަރު ބޯޑަރުގެ މައްސަލައިގައި ހިނގި ހަމަނުޖެހުމަށް ފަހު ދެ ގައުމުގެ ގުޅުން އަންނަނީ ރަނގަޅުވަމުންނެވެ.

އިންޑިއާ ސަރުކާރުން ބުނީ ސީދާ ފްލައިޓްތައް އަލުން ފެށުމާ އެކު ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުންތައް އިތުރަށް ބަދަހިވެގެންދާނެ ކަމަށެވެ.

ފުރަތަމަ ފްލައިޓުގައި ދަތުރުކުރި ވަރަށް ގިނަ ފަސިންޖަރުން ގުއާންޒޫ އެއާޕޯޓުގައި އޭއެފްޕީއާ ވާހަކަ ދައްކަމުން ބުނީ އެ މީހުންގެ ދަތުރުގެ ބޭނުމަކީ ވިޔަފާރީގެ ފުރުސަތުތައް ހޯދުން ކަމަށެވެ. އަދި މި ދަތުރުތަކުގެ ސަބަބުން އެތައް ކަމެއް ފަސޭހަވާނެ ކަމަށް ބުންޏެވެ.

އިންޑިއާގެ އިރުމަތީ ބަނދަރު ސިޓީއެއް ކަމަށްވާ ކަލްކަތާ އަކީ އެ ގައުމުގައި އިނގިރޭސި އިސްތިއުމާރު އޮތް ދުވަސްވަރުން ފެށިގެން ވެސް ޗައިނާއާ ގާތް ގުޅުންތަކެއް އޮތް ސިޓީއެކެވެ.

އިންޑިއާ އާއި ޗައިނާއާ ދެމެދު ގުޅުން ރަނގަޅުވާން މެދުވެރިވި ސަބަބެއްގެ ގޮތުގައި ފެންނަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިންޑިއާގެ މުދަލުން 50 ޕަސެންޓުގެ ޓެރިފް ނަގަން ނިންމެވުމާ އެކު އުފެދުނު ނުތަނަވަސްކަމެވެ. އިންޑިއާއަށް ޓްރަމްޕު މި އަދަބު ދިނީ ޔުކްރެއިނާ ހަނގުރާމަކުރާ ރަޝިޔާގެ ތެޔޮ އިންޑިއާއިން ގަންނާތީ ކަމަށް ބުނެ އެވެ. ޓްރަމްޕު ވިދާޅުވަނީ މިއީ ރަޝިޔާގެ ހަނގުރާމައަށް އިންޑިއާއިން އެހީވުން ކަމަށެވެ.