28 އޮކްޓޯބަރ 2025 - 06:09

ހަމާސް އިން އޮކްޓޫބަރު 7، 2023 ގައި އިޒްރޭލުގެ ބޯޑަރު ސަރަހައްދުގެ އަވަށްތަކަށް ދިން ހަމަލާތަކާ އެކު އިއުލާނުކުރި ކުއްލި ނުރައްކަލުގެ ހާލަތު އިއްޔެ އުވާލައިފި އެވެ.
"އޮކްޓޫބަރު 7 ގެ ފަހުން ފުރަތަމަ ފަހަރަށް، މި ހާއްސަ ކުއްލި ނުރައްކަލުގެ ހާލަތު އުވާލައި އަސްކަރިއްޔާގެ ލަފާތަކަށް އަމަލުކުރުމަށް ނިންމައިފިން،" އިޒްރޭލުގެ ޑިފެންސް މިނިސްޓަރު އިޒްރޭލް ކާޒް ނެރުނު ބަޔާނެއްގައި ބުންޏެވެ.
ކުއްލި ނުރައްކަލުގެ ހާލަތު އުވާލާފައި މި ވަނީ ޣައްޒާގައި އިޒްރޭލުން ހަމަލާ ދޭތާ ދެ އަހަރު ފަހުން މި މަހުގެ 10 ވަނަ ދުވަހު ހަމަލާތައް މެދުކަނޑާލާފައި ވަނިކޮށެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ހުށަހެޅުއްވި ސުލްހައިގެ ޕްލޭނަކަށް ހަމާސް އާއި އިޒްރޭލުން އެއްބަސްވެ ހަމަލާތައް މެދުކަނޑާލިކަން އިއުލާނުކުރި ފަހުން ވެސް އިޒްރޭލުން ހަމަލާތައް ދީފައިވެ އެވެ.
އެކަމަކު ޖުމްލަ ގޮތެއްގައި ޣައްޒާގައި ހަމަލާތައް ހުއްޓުމަކަށް އައިސްފައި ވާއިރު އެކަމަށް އިޝާރާތްކޮށް ކާޒް ބުނީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލަން ނިންމީ ސަލާމަތީ ކަންކަމުގައި މިވަގުތުގެ ހާލަތަށް ރިއާޔަތްކޮށްފައި ކަމަށެވެ.
ޣައްޒާއިން ފެށިގެން 80 ކިލޯމީޓަރާ ހަމަޔަށް ހިމެނޭ ސަރަހައްދުގައި އިއުލާނުކޮށްފައި އޮތް ކުއްލި ނުރައްކަލުގެ ހާލަތުގެ ސަބަބުން އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ ހާއްސަ ބާރުތައް ވަނީ ކަމާ ބެހޭ ފަރާތްތަކަށް ލިބިދީފައިވެ އެވެ.
މިދިޔަ ޖޫން މަހު އިޒްރޭލުން އީރާނަށް ދިން ހަމަލާތަކާ އެކު ފެށުނު ހަނގުރާމައިގެ ތެރޭގައި ވެސް މުޅި އިޒްރޭލަށް ވެސް މި ކުއްލި ނުރައްކަލުގެ ހާލަތު ކުޑަ ދުވަސްކޮޅަކަށް ފުޅާކުރި އެވެ. -- އޭއެފްޕީ