ޝަރީއަތަށް ހާޒިރުނުވެ ޔާމީން ދިއްދުއަށް
ޝަރީއަތަށް ހާޒިރުނުވެ ޔާމީން ދިއްދުއަށް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުވާކުރާ މައްސަލައެއްގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި މިއަދު ތާވަލުކޮށްފައިވަނިކޮށް ހާޒިރުވެ ވަޑައިނުގެން ހއ. ދިއްދޫގައި އޮތް ޖަލްސާއެއްގެ ޝަރަފްވެރި މެހެމާނުގެ ގޮތުގައި ބައިވެރިވެ ވަޑައިގަތުމަށް ފުރާވަޑައިގެންފި އެވެ.

އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލައިގައި ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިން އާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާއާ ގުޅޭ އަޑުއެހުމެއް ކްރިމިނަލް ކޯޓުން ތާވަލުކޮށްފައި އޮތީ 2:30 އަށެވެ. ނަމަވެސް ވަގުތު ޖެހުނު އިރު ކޯޓުގައި ކަރަންޓު ނެތުމުން އެ ވަގުތަށް ޝަރީއަތެއް ފެށޭ ގޮތެއް ނުވި އެވެ.

ނަމަވެސް، އެ އަޑުއެހުން ކުރިއަށް ދާނެ ކަމަށް ކްރިމިނަލް ކޯޓުން ބުނިތާ އިރުކޮޅެއް ފަހުން ވަނީ އަޑުއެހުން ކަންސަލްކޮށްފަ އެވެ. އަޑުއެހުން ކެންސަލް ކުރި ސަބަބެއް ކަމަށް ކޯޓުން ބުނީ ޔާމީން ކޯޓަށް ހާޒިރުވެ ވަޑައިނުގަތުމެވެ.

"...ރައީސް ޔާމީންގެ މައްޗަށްކުރާ ރިޝްވަތު ގަބޫލުކުރުމާ މަނީ ލޯންޑްރިންގެ ދައުވާގެ އަޑުއެހުމެއް ކްރިމިނަލް ކޯޓުގައި ތާވަލުކުރެވުނެވެ. ނަމަވެސް މި އަޑުއެހުމަށް ދައުވާ ލިބޭ ފަރާތުން ހާޒިރުވެފައިނުވާތީ އަޑުއެހުން ވަނީ ކެންސަލް ކުރެވިފައެވެ. ދައުވާ ލިބޭ ފަރާތުން މަގުބޫލު ސަބަބެއް ނެތި ކޯޓަށް ހާޒިރުނުވުމަކީ އަދި މައްސަލަ ތާވަލު ކުރެވިފައި ވަނިކޮށް ކޯޓުގެ ހުއްދަނެތި ކޯޓު ހުރި ރަށުން ފުރައިގެން ދިއުމަކީ، އެ ފަރާތަކާމެދު ގާނޫނީ ފިޔަވަޅު އެޅިދާނެ އަމަލުތަކެވެ." ކޯޓުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުންޏެވެ.

ކްރިމިނަލް ކޯޓުގައި 2:30 އަށް ޝަރީއަތް ޝެޑިއުލްކޮށްފައި އޮތް އިރު ޔާމީން ހަނިމާދޫ މަގުން ދިއްދުއަށް ވަޑައިގަންނަވާ ކަމަށް ބެލެވޭ ފްލައިޓް ފުރާ ގޮތަށް އޮތީ 2:50 ގައި ކަމަށް އެއާޕޯޓުގެ ޝެޑިއުލުން ދައްކަ އެވެ. އެހެން ކަމަށްވާ ނަމަ ޝަރީއަތަށް ހާޒިރުވެ ވަޑައިގަންނަވަންޖެހޭ ވަގުތު ޔާމީން ހުންނަވާނީ އެއާޕޯޓުގަ އެވެ.

ޔާމީން ދިއްދުއަށް ވަޑައިގަންނަވަނީ ހއ. އަތޮޅު ކައުންސިލް އެވޯޑު "ތިލައުތުރު އެވޯޑް 2025" ހަފުލާ ޝަރަފުވެރިކޮށްދެއްވުމަށެވެ.