30 މާޗް 2017 - 06:29

ބައްޕައަކަށްވާތީ ވަރަށް އުފަލުން ހުރި ކަމަށާއި އެ ތަޖުރިބާ ވަރަށް ފޮނިވާނެ ކަމުގެ އުންމީދު ބޮޑު ކަމަށް ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ޖޯޖް ކްލޫނީ ބުނެފި އެވެ.

އޭނާ އާއި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ބައިނަލްއަގްވާމީ ވަކީލް އަމާލް ކްލޫނީ އަށް އެއްމާބަނޑު ދެ ކުދިން ލިބޭކަން އިއުލާންކުރީ މިދިޔަ މަހުގެ ތެރޭގަ އެވެ.
ކްލޫނީގެ މަންމަ މީގެ ކުރިން ބުނެފައިވާ ގޮތުގައި އެ މީހުންނަށް ލިބެނީ އެއްމާބަނޑު ދެ ޖިންސްގެ ދެ ކުދިންނެވެ. އަދި ކުދިންނަށް ކިޔާނެ ނަންތައް ވެސް ކްލޫނީ އާއި އަމާލް ނިންމާފައިވާ ކަމަށް ބުންޏެވެ.
ކްލޫނީގެ އެންމެ ފަހުގެ ޑައިރެކްޝަން "ސަބާބިކޮން" ގެ ޓްރެއިލާ ލޯންޗް ކުރަން ބަތަލާ ޖޫލިއަން މޯ އާއި މެޓް ޑޭމަންއާ އެކު ލަސް ވެގަސްގައި ބޭއްވި ހަފުލާގައި ނޫސްވެރިން އޭނާ ބައްޕައަކަށްވާތީ އެކަމާ ބެހޭ ގޮތުން ސުވާލު ކުރުމުން ކްލޫނީ ބުނީ އޭނާ ހުރީ ވަރަށް އުފަލުން ކަމަށެވެ.
"މީގެ ކުރިން ނުލިބޭ ވަރުގެ އުފަލެއްގެ ތެރޭގައި މި އުޅެވެނީ. ހިއެއް ނުކުރަން ކައިވެނިކޮށް ދަރިން ހޯދުމާ ހަމައަށް ދެވޭނެ ކަމަކަށް،" 55 އަހަރުގެ އެކްޓަރު ބުންޏެވެ. "އެކަމަކު އަމާލް އާއި އަހަރެން އެންމެ ފަހުން ކައިވެނިކޮށް ދަރިން ލިބޭތީ ވަރަށް އުފަލުން މިހިރީ."
ކްލޫނީ އަދި ބުނީ ދަރިން އަލަށް ލިބުނު ނަމަވެސް، ދަރިން ގެންގުޅުމުގެ ތަޖުރިބާ އޭނާ އަށް އާ ވާނެ ކަމަށް ގަބޫލު ނުކުރާ ކަމަށެވެ. އެހެންވެ ނެޕީ ބަދަލު ކުރަން ޖެހުމާއި ދަރިން މަސަލަސް ކުރަން ޖެހުމަކީ މައްސަލައަކަށް ވެދާނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށް ބުންޏެވެ.
"އަހަރެން ވާނެ އީއާރްގައި ކުޑަކުދިންގެ ޑޮކްޓަރެއްގެ ރޯލް ވެސް ކުޅެފައި. އެހެންވީމާ މިއީ މި ހާލަތުގައި ބޭނުން ކުރެވިދާނެ ތަޖުރިބާއެއް،" ސަމާސާ ރާގަކަށް ކްލޫނީ ބުންޏެވެ. "ޔަގީން ދަރިން ބެލުމުގެ ކަންތައްތައް އަހަންނަށް ކުރެވޭނެ."
އަމާލް ވިހާނީ އަންނަ ޖޫން މަހުގެ ތެރޭގައި ކަމަށްވެ އެވެ.