27 އޮކްޓޯބަރ 2025 - 14:42

ރާއްޖެ އެތެރެކުރި 72 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި ދައުލަތުން ދައުވާކުރާ އިރުފާން ތަގިއްޔުގެ މައްސަލާގައި ރަޖިސްޓްރޭޝަން ފީ ނުދައްކާތީ އެ މައްސަލަ ހައި ކޯޓުން ބޭރުކޮށްލަން އެ ކޯޓުގެ ރަޖިސްޓްރާ ނިންމީ ގޯސްކޮށް ކަމަށް ފަނޑިޔާރުންގެ މަޖިލީހުން ނިންމައިފި އެވެ.
އިރުފާންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިިމިނަލް ކޯޓުން ކުރި ހުކުމް އިސްތިއުނާފްކުރަން ދައުލަތުން ހުށަހެޅި މައްސަލަ ބަލައިނުގަންނަން ހައި ކޯޓުގެ ރެޖިސްޓްރާ މަރިޔަމް ހޫރުޝީދާ ނިންމެވީ ރެޖިސްޓްރޭޝަން ފީ ނުދެއްކި ކަމަށް ބުނެ އެވެ. ފީ ދައްކަން އަންގައި، އީމެއިލް ފޮނުވި ނަމަވެސް އެ މުއްދަތުގެ ތެރޭގައި ފީ ދައްކާފައި ނުވާތީ ހައި ކޯޓުގެ ގަވާއިދާ ހަވާލާދީ އެ މައްސަލަ ބަލައިނުގަތުމަށް ނިންމީ ކަމަށް ރެޖިސްޓްރާގެ ނިންމުމުގައިވެ އެވެ.
ނަމަވެސް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ވަނީ ހައި ކޯޓުގެ އެ އީމެއިލް ނުލިބޭ ކަމަށް ބުނެފަ އެވެ. އަދި އެ ދުވަހާއި ޖެހިގެން އައި ދުވަހު ވެސް ހައި ކޯޓުން އެކި އީމެއިލްތައް ލިބިފައިވާ ކަމަށާއި ނަމަވެސް އެ މައްސަލައާ ގުޅޭ އީމެއިލް ލިބިފައިނުވާ ކަމަށް ޕީޖީ އޮފީހުން ބުނެފައިވެ އެވެ.
މައްސަލަ ބޭރުކޮށްލަން ރަޖިސްޓްރާގެ ނިންމެވުމުން ޕީޖީ އޮފީހުން ހައި ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް ހުށަހެޅި އެވެ. އެކަމުގައި ފަނޑިޔާރުންގެ މަޖިލީހުން ގޮތް ކަނޑައަޅައި ނިންމާފައިވަނީ ރަޖިސްޓްރާގެ ނިންމުން ބާތިލްކޮށް، އެ މައްސަލަ ރަޖިސްޓްރީކުރުމުގެ ކަންކަން އަލުން ކުރުމަށެވެ.
ފަނޑިޔާރުންގެ މަޖިލީހުން ނިންމި ނިންމުމުގައި ބުނީ ޕީޖީ އޮފީހުން އިސްތިއުނާފާ ގުޅިގެން ބޭނުން ކުރާނެ ވަކި ހާއްސަ ރަސްމީ އީމެއިލް އެޑްރެހެއް ކޯޓަށް އަންގާފައި އޮންނައިރު، އެ އެންގުންތައް އަންގަން ޖެހޭ ހަމައެކަނި އެޑްރެހަކީ އެއީ ކަމަށް ގާނޫނީ ގޮތުން ބަލަންޖެހޭނެ ކަމަށެވެ.
އެކަމަކު އެ އެންގުން ފޮނުވީ އެ އީމެއިލްއަކަށް ނޫނެވެ.
އެހެންވެ ރަޖިސްޓްރޭޝަން ފީ ދައްކަން އަންގައި ރަސްމީ އީމެއިލް އެޑްރެސް ނޫން އެހެން އެޑްރެހަކަށް ކޯޓުން މެއިލްކުރުން އަސާސަކަށް ބަލައިގެން، ފީ ދައްކާފައިނުވާ ކަމަށް ބަލައި މައްސަލަ ބޭރުކުރުން ބިނާވެފައިވަނީ އިޖުރާއީ ގޮތުން ގޯސް އަސާސެއްގެ މައްޗަށް ނޫން ކަމަށް ނިންމުމުގައިވެ އެވެ.
"މައްސަލަ ހުށަހެޅުމާއި ރަޖިސްޓްރޭޝަން ފީ ދެއްކުމުގެ އިޖުރާއަތްތައް އެކުލަވާލެވި ތަރުތީބު ކުރެވިފައިވަނީ އަދުލު އިންސާފަށް ވާސިލްވުމަށް މަގުފަހިކޮށްދިނުމަށް. އަދުލު އިންސާފަށް ވާސިލްވުމަށް ހުރަސްއެޅުމަކަށް ނޫން، އަދުލު އިންސާފަށް ވާސިލްވުމުގެ މަގު ބެއްވުމަކަށް ނޫން. އެންމެ މުހިންމު އިސްކަމެއް ދޭން ޖެހޭނީ އިންސާފު ގާއިމްކުރަން،" ފަނޑިޔާރުންގެ މަޖިލީހުން ބުންޏެވެ.
އިރުފާންގެ މައްސަލައިގެ އިސްތިއުނާފް ބަލައިނުގަންނަން އޭރު ރަޖިސްޓްރާ ނިންމިއިރު، އެ މައްސަލާގައި ދެން ދައުވާލިބޭ ދެ މީހުން ކަމަށްވާ ދ. މާއެނބޫދޫ އަނބުގަސްދޮށުގޭ އަހްމަދު ނަސީރާއި ހ. ގާޑްންބިއުޓީ މުހައްމަދު އަކްރަމާ ދެކޮޅަށް ދައުލަތުން ހުށަހެޅި އިސްތިއުނާފު ބަލައިގަނެ، އެ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗް ވެސް ވަނީ ކަނޑައަޅައިފަ އެވެ.
"މަސްޖަރީ-2" ކިޔާ ދޯންޏެއްގައި ޑިސެމްބަރު، 2020 ގައި ކަނޑުމަގުން ރާއްޖެ އެތެރެ ކުރަނިކޮށް އަތުލައިގަތް 72 ކިލޯގެ ޑްރަގް މައްސަލައިގައި އެންމެ އިސްކޮށް ހުރި ކަމަށް ފުލުުހުން ތުހުމަތު ކުރަނީ އިރުފާންގެ މައްޗަށެވެ.
އެ ދޯނީގައި ޑްރަގް އެތެރެކުރިކަން ސާބިތުނުވާ ކަމަށް ބުނެ އެ ތިން މީހުންނަށް ވެސް ކުށް ސާބިތުނުވާ ކަމަށް މިދިޔަ ޖެނުއަރީ މަހު ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ. އެ މީހުންގެ އިތުރުން އެ މައްސަލާގައި ދެން ހިމެނުނު ހަތް މީހެއްގެ ދައުވާ ދައުލަތުން ވަނީ އަނބުރާ ގެންގޮސްފަ އެވެ. އެއީ މަތީ މަރުހަލާގެ ކޯޓުތަކުގެ ނިންމުންތައް މިހާރު ހުރި ގޮތުން އެ މީހުންގެ މައްޗަށް ކުށް ސާބިތުވާ ވަރުގެ ހެކި ނެތް ކަމަށް ގަބޫލު ކުރެވޭތީ ކަމަށް ބުނެ އެވެ.