ގަވާއިދާ ހިލާފަށް ކާރު ރަޖިސްޓަރީ ކޮށްދޭން މެމްބަރުން އެދޭ: އަމީން
ގަވާއިދާ ހިލާފަށް ކާރު ރަޖިސްޓަރީ ކޮށްދޭން މެމްބަރުން އެދޭ: އަމީން

ގަވާއިދާ ހިލާފަށް ވެހިކަލްތައް ރަޖިސްޓަރީ ކޮށްދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ވަރަށް ގިނަ މެމްބަރުން ވެސް މިނިސްޓްރީގައި އެދިވަޑައިގަންނަވާ ކަމަށް ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ހުޅުމާލެ ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު ޑރ. އަހުމަދު ޝަމްހީދު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން އަމީން ވިދާޅުވީ ވެހިކަލް ރަޖިސްޓަރީކުރާ ވަރު އިތުރުވާއިރު އެ މިނިސްޓްރީން ގާނޫނީ ޒިންމާ ވެސް ވަރަށް ރަނގަޅަށް އުފުލާ ކަމަށެވެ.

ގާނޫނާ އެއްގޮތަކަށް ނޫނީ މިހާރު ވެހިކަލް ރަޖިސްޓަރީ ނުކުރެވޭނެ ކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ.

އެއާއެކު، މިނިސްޓަރު ދެން ވިދާޅުވީ މަޖިލީހުގެ ތެރެއިން ވެސް ވަރަށް ގިނަ މެމްބަރުން، އުޅަނދު ރަޖިސްޓަރީ ކޮށްދިނުމަށް އެދިވަޑައިގަތުމުން ވެސް އަރުވަނީ އެއް ޖަވާބެއް ކަމަށެވެ.

"އަޅުގަނޑު ވަރަށް ޔަގީންކަން އަރުވަން، އިރާދަކުރެއްވިއްޔާ ގާނޫނުން ބޭރުން އެކަމެއް ނުހިނގާ މިހާރު. ގާނޫނާ އެއްގޮތަށް މިހާރު އެހެރީ،" އޭނާ ވިދާޅުވި އެވެ.

ޝަމްހީދު ސުވާލު ކުރެއްވީ ވެހިކަލް ރަޖިސްޓްރޭޝަން އިތުރުވާއިރު ވެސް ގާނޫނީ ޒިންމާ ނުއުފުލަނީ ކީއްވެގެންތޯ އާއި ޕާކިން ބިލްޑިންގް އަދި ޕާކު ކުރާނެ ތަނެއް ނުދައްކައި ސްޓިކާ ޖެހުމާ ގުޅޭގޮތުންނެވެ.

އަމީން ވިދާޅުވި ގޮތުގައި، ގަރާޖު އޮވެގެން ނޫނީ ވެހިކަލް އެތެރެ ނުކުރެވޭނެ ގަވައިދެއް ވެސް ވަނީ ހަދައިފަ އެވެ.

އޭނާ ވިދާޅުވީ ޑިޒައިން އެންޑް ބިލްޑު އުސޫލުން ޕާކިން ބިލްޑު ކޮންސެޕްޓު ހަދާފައިވާ ކަމަށެވެ. އެތަން އެޅުމަށް ކުރިއަށް އޮތް މަސް ދުވަހުގެ ތެރޭގައި ހަވާލުކުރާނެ ކަމަށް މިނިސްޓަރު ވިދަޅުވި އެވެ. އަދި ޕާކިން ސްޓިކާ ޖަހަން ފެށީ ވެސް ގަވާއިދާ ހިލާފަށް ޕާކް ކުރުމުގެ މައްސަލަ ބޮޑުވުމުންކަން އަމީން ފާހަގަކުރެއްވި އެވެ.

ސައިކަލު ގިނަވުމުގެ މައްސަލަ ހައްލުކުރަން ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ. އޭގެ ތެރެއިން، މާލެ ސަރަހައްދުގައި ސައިކަލު ރަޖިސްޓަރީ ކުރަން، ޓްރާންސްޕޯޓު މިނިސްޓްރީއަށް ބަދަލުވުމުން، މިދިޔަ އަހަރު އަހަރު ވަރަށް ބޮޑު ދަށްވުމެއް އައި ކަމަށް އޭނާ ވިދާޅުވި އެވެ.