27 އޮކްޓޯބަރ 2025 - 13:26

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ޓާމިނަލަށް ރޭ ފަތިހު ވަންނަން ދިޔަ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ދެ މުވައްޒަފަކަށް ބިރުދައްކައި ފައިސާ ފޭރިގަތް މައްސަލާގައި ހަތަރު މީހަކު ހައްޔަރުކޮށްފި އެވެ.
ހޯމް މިނިސްޓަރު އަލީ އިހުސާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ މައްސަލައިގެ ތަހުގީގުގައި ފުލުހުންނަށް ކުރިއެރުންތަކެއް ލިބިފައިވާ ކަމަށެވެ.
އިހުސާން ވިދާޅުވީ މި ވައްކަމުގައި ބޭނުންކުރި ލޯންޗު ފުލުހުން ހޯދާފައިވާ ކަމަށާއި އަދި މި މައްސަލައިގައި ތުހުމަތުކުރެވޭ ހަތަރު މީހަކު ވެސް ހައްޔަރުކޮށްފައިވާ ކަމަށެވެ.
"މި މައްސަަލައިގެ ތަހުގީގުކޮށް ވީހާ ވެސް އަވަސްކޮށް، ތުހުމަތުކުރެވޭ މީހުން ހޯދުމަށް ފުލުހުން ކުރި މަސައްކަތަށް ތައުރީފުކުރަން،" އިހުސާން ވިދާޅުވި އެވެ.
ނަމަވެސް، ހައްޔަރުކުރި މީހުންގެ ވަނަވަރު ފުލުހުން އަދި އާންމެއް ނުކުރެ އެވެ.
"މިހާރު" އަށް ޔަގީން ވެފައިވާ ގޮތުގައި، އެއާޕޯޓުން ފޭރިގަތް އެ ދަބަހުގައި 130،000 އާ ގާތްކުރާ އަދަދަކަށް ޑޮލަރު ހުއްޓެވެ.
އެކަން ހިނގައިދިޔަ ގޮތުގެ މައުލޫމާތު އެނގޭ މީހަކު "މިހާރު" އަށް މިއަދު ކިޔައިދިން ގޮތުގައި، ބީއެމްއެލްގެ ދެ މުވައްޒަފަކު ހިފައިގެން ދިޔަ އެ ސޫޓް ކޭސްގައި ހުރީ ރާއްޖެއިން ބޭރަށް ފުރާ މީހުންނަށް އާ ޓާމިނަލްގެ ކައުންޓަރުން މިއަދު ދޫކުރަން ޖެހޭ ޑޮލަރެވެ. އެ މީހުންނަށް ވަޅިން ބިރު ދައްކައި އެ ސޫޓް ކޭސް ފޭރިގަތީ ކުރީގެ ޓާމިނަލްގެ ތެރެއިން އާ ޓާމިނަލަށް ދާން ހަދާފައިވާ "ވޯކްވޭ" އިން ކަމަށް އެ މީހާ ބުންޏެވެ.
"ވަޅިން ބިރު ދައްކާފައި ސޫޓް ކޭސް ޖަހައިގަނެގެން ދުއްވައިގަތީ،" އޭނާ ބުންޏެވެ.
އެ ވަގުތު އެ ތަނުގައި ތިބި އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ އޮފިސަރުންގެ މޫނަށް ވެސް ވަގުންތައް ސްޕްރޭ ޖަހައި، ވަޅިން ބިރު ދައްކައި ސޫޓް ކޭސްއާ އެކު ދުއްވައިގަތީ ކަމަށް އެ ކަން ހިނގައިދިޔަ ގޮތުގެ މައުލޫމާތު އެނގޭ މީހަކު ބުންޏެވެ.
އެ ފައިސާ ފޭރިގަނެގެން އެމީހުން އެރީ ވީއައިއޭގެ ޖެޓީ ކައިރިއަަށް އެ ވަގުތު ކައިރި ކޮށްފައި އޮތް ލޯންޗަކަށް ކަމަށް ވެސް މައުލޫމާތު އެނގޭ މީހާ ބުންޏެވެ.
ވީއައިއޭގެ އާ ޓާމިނަލަށް ވަންނަން ދިޔަ ބީއެމްއެލްގެ ދެ މުވައްޒަފެއްގެ އަތުގައި އޮތް ސޫޓް ކޭސްއެއް، މޫނު ނިވާކޮށްގެން ތިބި ބަޔަކު ފޭރިގަތް މައްސަލައިގެ ރިޕޯޓު ލިބުނީ ރޭ ފަތިހު 4:45 ހާއިރު ކަމަށް ފުލުހުން މިއަދު ބުންޏެވެ.
ފުލުހުން ބުނި ގޮތުގައި، އެ ފައިސާ އުފުލުމަށް ފުލުހުންގެ ސެކިއުރިޓީ ބީއެމްއެލުން ބޭނުން ކޮށްފައި ނުވެ އެވެ.