ދައުލަތަށް ގެއްލުން ނުވާ ގޮތަށް ޅޮއްސަލަފުށި އަތުލުމަށްފަހު ކުރެންދޫއަށް ދިނުމުގެ މަސައްކަތް އެބަކުރަން: ރައީސް
ދައުލަތަށް ގެއްލުން ނުވާ ގޮތަށް ޅޮއްސަލަފުށި އަތުލުމަށްފަހު ކުރެންދޫއަށް ދިނުމުގެ މަސައްކަތް އެބަކުރަން: ރައީސް

އިންޑިއާގެ ޓާޓާ ކުންފުންޏަށް ރިސޯޓެއް ތަރައްގީކުރުމަށް ދީފައި އޮތް ޅ. ޅޮއްސަލަފުށި ދައުލަތަށް ނެގުމަށްފަހު އެ ރަށް ޅ. ކުރެންދޫއަށް ދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ދައުލަތަށް ގެއްލުން ނުވާ ގޮތަށް ޅޮއްސަލަފުށި އަތުލުމަށްފަހު ކުރެންދޫއަށް ދިނުމުގެ މަސައްކަތް އެބަކުރަން: ރައީސް
ދައުލަތަށް ގެއްލުން ނުވާ ގޮތަށް ޅޮއްސަލަފުށި އަތުލުމަށްފަހު ކުރެންދޫއަށް ދިނުމުގެ މަސައްކަތް އެބަކުރަން: ރައީސް

އެމްޑީޕީގެ ވެރިކަމުގައި 2010 ގައި ޓާޓާއާ އެކު ހައުސިން ޔުނިޓް އިމާރާތްކުރަން ހެދި އެއްބަސްވުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ބާތިލު ކުރުމުން 200 މިލިއަން ޑޮލަރު (ތިން ބިލިއަން ރުފިޔާ) ގެ ބަދަލެއް ހޯދުމަށް އެ ކުންފުނިން އިންޑިއާގެ އާބިޓްރޭޝަނަށް ހުށަހެޅި އެވެ. އަދި އެ އެއްބަސްވުން ބާތިލުކުރީ ގޯސްކޮށް ކަމަށް ދިވެހި ސަރުކާރުން ގަބޫލުކުރާތީ އާބިޓްރޭޝަނުން ބޭރުން ފަހުން މައްސަލަ ފަހުން ހައްލުކުރި އެވެ. އަދި އެ ކުންފުންޏަށް ކުރިން ވެސް ދިން ތަންތަން އަލުން ދޭން އެއްބަސްވި އެވެ.

އޭރު ހެދި އެއްބަސްވުމުގެ ދަށުން ކުރީގެ ގާކޮއްޓާއި އަރަބިއްޔާގައި ހުރި ބިމުގައި ސޯޝަލް ހައުސިންގެ ފްލެޓް އިމާރާތް ކުރުމުން އޭގެ ބަދަލެއްގެ ގޮތުން މަތީ ފެންވަރުގެ ފްލެޓް އިމާރާތްކޮށް، ވިއްކަން އޯޑިއޯން ހުރި ބިމާއި ނާދީ ހުރި ބިމުގެ އިތުރުން 30 ލަގްޒަރީ ވިލާގެ ރިސޯޓެއް ހެދުމަށް ޅޮއްސަލަފުށި އެ ކުންފުންޏަށް ދިނެވެ.

ޅ. އަތޮޅުގެ ތިން ރަށަކަށް މިހާރު ރައީސް ކުރައްވާ ދަތުރުފުޅުގައި ކުރެންދޫއަށް މިއަދު ވަޑައިގެން ރައީސް ވިދާޅުވީ ބިމުގެ ދަތިކަން އެ ކުރެންދޫއަށް ބޮޑުވެފައިވާތީ ޅޮއްސަލަފުއްޓަކީ އެ ރަށުގެ ބައެއްގެ ގޮތުގައި ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.

ރައީސް ވިދާޅުވީ ބޭރުގެ ބަޔަކަށް އެ ރަށް ދިނުމަށް އެއްބަސްވުން ހަދާފައި އޮތް ނަމަވެސް އެއްބަސްވުމާއި ގަވާއިދުތައް ބަލައިގެން ދައުލަތަށް ގެއްލުން ނުވާ ގޮތަށް އެ ރަށް ދައުލަތަށް ނެގުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.

އެ ރަށް ހަވާލުކޮށްފައިވާ ފަރާތްތަކާއެކު އެކަމުގެ މަޝްވަރާތައް ކުރަމުންދާ ގެންދާ ކަމަށާއި އަދި އެ ކުންފުނިން ލޮއްސަލަފުށީގައި ކުރަމުން އައި މަސައްކަތްތަކަށް ގެއްލުން ނުވާ ގޮތަށް، އެހެން ރަށެއް ދީގެން ވިޔަސް، އެ ރަށް ނެގުމުގެ މަސައްކަތް ކުރާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"އެގްރީމަންޓުގެ ޓާމްސްތަކާއި ގަވާއިދުތަކާއި ގާނޫނުތަކުގެ ތެރެއިން އެ ރަށް ދައުލަތަށް ގެއްލުން ނުވާ ގޮތަށް ނަގާ ތި ބޭފުޅުންނަށް އަޅުގަނޑު ދެންނެވި ފަދައިން ހަވާލުކުރުމުގެ މަސައްކަތް ކުރިއަށް އެބަދޭ. އަދި އެކަމަކު ނުއެއް ނިމޭ. ދެ ފަރާތަށް ގެއްލުން ނުވާ ގޮތަށް އަދި އެ ކުންފުނިން ކުރަމުންދިޔަ މަސައްކަތާ ގުޅުވައިގެން އެ ދޭންޖެހޭ ބަދަލު އެ ރަށުގެ ބަދަލުގައި އެހެން ރަށެއް ދޭންޖެހުން ކަމަށް ވިޔަސް، އެ ތަފްސީލުތައް ނިމުނުހާ އަވަހަށް މި މައްސަލަ ނިންމާލެވޭނެ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި އެކަން ކާމިޔާބުވާނެ އެވެ.

"އަޅުގަނޑު އުއްމީދުކުރަނީ އެކަން ކާމިޔާބު ވާނެ ކަމަށް. ހަމަ ޔަގީނުން ވެސް މި ރަށުގެ ބިމުގެ ޖާގައަކީ އެންމެ ބޮޑު އެއް މައްސަލަ. އިތުރަށް ޖާގައެއް ނެތް،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ކުރެންދޫގައި 50 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް ކުރަމުންދާ ނަމަވެސް އެކަމަކީ އެ ރަށަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުވާނެ ކަމެއް ނޫން ކަމަށެވެ. އެހެންވެ، އެ ރަށާ ގާތްގަނޑަކަށް 350 މީޓަރު ދުރުގައި އޮތް ޅޮއްސަލަފުށި ކުރެންދޫގެ ބައެއްގެ ގޮތުގައި ހަމަޖައްސައިދެއްވުމަށް މަސައްކަތް ކުރާނެ ކަމަށް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ރައްޔިތުންގެ އުއްމީދުތަކާ އެއްގޮތަށް ކަންކަން ކުރުމަކީ ސަރުކާރުގެ ސިޔާސަތު ކަމަށެވެ.