27 އޮކްޓޯބަރ 2025 - 12:28

މީޑިއާ ކޮމިޝަންގެ ރައީސަކަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ކުރީގެ މެމްބަރު މުހައްމަދު ފަރުޝަތު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
މަޖިލީހުގައި މިއަދު ނެގި ވޯޓުގައި މީޑިއާ ކޮމިޝަންގެ ރައީސަކަށް ފަރުޝަތު އައްޔަން ކުރަން ފާސްކުރީ 49 މެންބަރުންގެ ވޯޓުންނެވެ.
މީޑިއާ ކޮމިޝަނުގެ ރައީސަކަށް ފަރުޝަތު އައްޔަން ކުރަން މިނިވަން މުއައްސަސާތަކާ ގުޅޭ ކޮމިޓީން ތަޅުމަށް ފޮނުވީ ކޮމިޝަންގެ ހަތް މެންބަރުންނާ ވެސް އިންޓަވިއު ކުރުމަށް ފަހު، އެ މަގާމަށް އެންމެ ގާބިލު ބޭފުޅަކީ ފަރުޝަތު ކަމަށް ފާސްކުރުމަށް ފަހު އެވެ.
އޭނާ ވަނީ މޯލްޑިވްސް މީޑިއާ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް ކަމާއި ސަރުކާރުގެ އެކި ވަޒީފާތައް އަދާކުރައްވައިފަ އެވެ.
ކޮމިޝަނަށް ނައިބު ރައީސަކު ހޮވާނީ، މެމްބަރުންގެ ތެރޭގައި ނަގާ ވޯޓަކުންނެވެ.
މޯލްޑިވްސް މީޑިއާ އެންޑް ބްރޮޑްކާސްޓިން ކޮމިޝަން (އެމްއެމްބީސީ) ގައި ޖުމްލަ ހަތް މެމްބަރުން ތިއްބަވަ އެވެ. އެއީ ރައްޔިތުންގެ މަޖިލީހުން އައްޔަންކުރި ތިން މެމްބަރުންނާއި މީޑިއާތަކުން ހޮވާ ހަތަރު މެންބަރުންނެވެ. ނަމަވެސް އެ ކޮމިޝަން އުފެއްދި އިރު މީޑިއާތަކުން ހޮވާ މެންބަރުކަމަށް ކުރިމަތިލެއްވީ އެންމެ ހަތަރު ބޭފުޅުން ކަމަށް ވުމުން އެ ބޭފުޅުން ކޮމިޝަނަށް ވަޑައިގަތީ އިންތިހާބަކާ ނުލަ އެވެ. އެއީ އަބްދުލްއަޒީޒް އިބްރާހީމާއި ޒަމްއަތު އަހުމަދު ވަހީދާއި ސިމާހާ ނަސީމާއި ހުސައިން ސަގީފެވެ.
އެ ކޮމިޝަނަށް މަޖިލީހުން އައްޔަންކުރި ތިން ބޭފުޅުންނަކީ ފަރުޝަތާއި ބްރޯޑްކާސްޓިން ކޮމިޝަންގެ ކުރީގެ ރައީސް ސޮފާ ޝަފީގާއި އެ ކޮމިޝަންގެ ކުރީގެ މެމްބަރު އައިމިނަތު ސަރާހަތު އިއްޒަތެވެ.