ރިޒާގެ ބަދަލުގައި ޖޭއެސްސީއަށް ހުސްނީމުބާރިކު
ރިޒާގެ ބަދަލުގައި ޖޭއެސްސީއަށް ހުސްނީމުބާރިކު

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އައްޔަން ކުރާ މެންބަރެއްގެ ގޮތުގައި މަނަދޫ ދާއިރާގެ ޕީއެންސީގެ މެންބަރު ހުސްނީމުބާރިކް ހޮވައިފި އެވެ.

ޖޭއެސްސީ އަށް ހުސްނީ އައްޔަން ކުރަން ފެނިވަޑައިގަންނަވާ ކަމަށް ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާގައި ނަން ހުށަހެޅުވީ މަޖިލިހުގެ މެޖޯރިޓީ ލީޑަރު އަދި ވެރިކަން ކުރާ ޕާޓީ ޕީއެންސީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު އެވެ. އޭނާ އެ މަގާމަށް އައްޔަން ކުރަން ފެނޭތޯ ބަލަން މަޖިލިހުގައި މިއަދު ނެގި ވޯޓުގައި ވޯޓު ދެއްވި 58 މެންބަރުންގެ އިއްތިފާގުން ނިންމީ ހުސްނީ އައްޔަން ކުރަން ފެންނަ ކަމަށެވެ.

ހުސްނީއަކީ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގެ މުގައްރިރު ވެސް މެ އެވެ.

ޖޭއެސްސީގައި ރައްޔިތުންގެ މަޖިލިހުގެ ފަރާތުން ހުންނަވާނީ ހުސްނީ ކަމަށް ފާސްކުރީ އެ ކޮމިޝަންގެ ރައީސްގެ މަގާމުގައި ހުންނެވި މާފުށީ ދާއިރާގެ މެންބަރު ހުސައިން ރިޒާ އިއްޔެ ކޮމިޝަނުން އިސްތިއުފާ ދެއްވުމުންނެވެ. ކުއްލި ގޮތަކަށް ރިޒާ އިސްތިއުފާ ދެއްވި ސަބަބެއް ސާފެއް ނުވެ އެވެ.

ޖޭއެސްސީން ރިޒާ އިސްތިއުފާ ދެއްވިއިރު، ކްރިމިނަލް ކޯޓާއި މެޖިސްޓްރޭޓް ކޯޓުތަކަށް ފަނޑިޔާރުން އައްޔަން ކުރުމަށް ރޭ ސުޕްރީމް ކޯޓުގައި ބާއްވަން އުޅުނު ރަސްމިއްޔާތު ވެސް ވަނީ ކެންސަލް ކޮށްފަ އެވެ.

ރިޒާ އިސްތިއުފާ ދެއްވިއިރު، ކޮމިޝަންގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި ހައި ކޯޓުގެ ފަނޑިޔާރު މުހައްމަދު ނިޔާޒު ވެސް މި ފަހުން ވަނީ އިސްތިއުފާ ދެއްވައިފަ އެވެ. އޭނާގެ މަގާމަށް ޖޭއެސްސީގައި ރައީސްގެ މެންބަރެއްގެ ގޮތުގައި އިންނަވައި ޔަޒްމީދު މުހައްމަދު ވަނީ އައްޔަންކޮށްފަ އެވެ.

ޖޭއެސްސީގެ ރައީސްގެ ހައިސިއްޔަތުން ރިޒާ ވަނީ ރާއްޖޭގެ ޝަރުއީ ނިޒާމަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ބެހޭ ގޮތުން މިފަހުން ވަރަށް ފާޅުގައި ވާހަކަ ދައްކަވައިފަ އެވެ. ޝަރުއީ ދާއިރާއާ ގުޅުން ހުރި އިދާރާތައް ނުވަތަ ތަންފީޒީ އިދާރާތަކުގެ މުސާރައިގެ އޮނިގަނޑު ރަނގަޅު ކަމަށާއި އެ ގޮތަށް ބަލައިފި ނަމަ ޝަރުއީ ދާއިރާއަކީ "އެއްވެސް ބާރެއް ނެތް" ބާރެއް ކަމަށް އޭނާ މި ފަހުން ވިދާޅުވި އެވެ.

ކޯޓުތަަކަށް ހުށަހަޅާ މައްސަލަތައް ނުނިމި ލަސްވާ މައްސަލަ އާއި ފަނޑިޔާރުންގެ ގާނޫނަށް ބަދަލު ގެންނަން ހުށަހަޅާފައިވާ ބިލާ ބެހޭ ގޮތުން މަޝްވަރާކުރަން ޖުޑީޝަރީ ކޮމިޓީން ބޭއްވި ބައްދަލުވުމެއްގައި ޖޭއެސްސީގެ ރައީސްގެ ހައިސިއްޔަތުން ރިޒާ ދާދި ފަހުން ވިދާޅުވީ، މައްސަލަތައް ނިންމުން ލަސްވާ ސަބަބުތަކުގެ ތެރޭގައި ދިފާއީ ވަކީލުންނާއި ދައުލަތުގެ ވަކީލުން އެދިގެން ވެސް އަޑުއެހުންތައް ކެންސަލް ކުރަން ޖެހުން ހިމެނޭ ކަމަށެވެ. ފުލުހުން ހާޒިރުކުރަން ޖެހޭ ހެކިން ހާޒިރު ނުކުރެވިގެން މައްސަލަތައް ކެންސަން ކުރަން ޖެހުމަކީ ވެސް މައްސަލަތައް ލަސްވާ ސަބަބެއް ކަމަށް ރިޒާ ވިދާޅުވި އެވެ.