27 އޮކްޓޯބަރ 2025 - 14:47

ރާއްޖޭގެ ކަނޑުގެ ބޯޑަރު ރަނގަޅަށް ނުބެލެހެއްޓޭ ފަދަ ބޮޑެތި މައްސަލަތައް މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ތެރޭގައި ހުރި ކަން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ) އިން ހެދި އިންކުއަރީއަކުން ހޯދައި، އެ ކަންކަން ރަނގަޅުކުރަން މުހުލަތުތަކެއް ދީފި އެވެ.
ވަގަށް ސިނގިރެޓް އެތެެރެކުރާ މައްސަލަ 241 ކޮމިޓީން ބެލި އިރު ފެންމަތިވި އެހެން ގިނަ މައްސަލަތަކެއްގެ ތަފްސީލު އެ ކޮމިޓީން އިއްޔެ އާއްމުކުރި ރިޕޯޓްގައި ހިމަނާފައި ވެ އެވެ. މާ ބޮޑު ބަހުސެއް ނުކޮށް، މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފާސްކުރި އެ ރިޕޯޓުގައި ކަސްޓަމްސްގެ މައްސަލަތައް ހައްލުކުރަން ގިނަ އަދަދެއްގެ ރިކޮމެންޑޭޝަންތައް ވެސް ހިމަނާފައި ވެ އެވެ.
ރިޕޯޓްގައިވާ ގޮތުން ކަސްޓަމްސްގެ އެތެރޭގައި އޮތް އިހުމާލުތަކާއި ކޮރަޕްޝަނުގެ ސަބަބުން، ރާއްޖޭގެ ބޯޑަރު ފޫވެއްޓުމުގެ އިތުރުން ކަސްޓަމްސް މެދުވެރިކޮށް ދައުލަތަށް ލިބެން ޖެހޭ އާމްދަނީ ދަނީ ދަށްވަމުންނެވެ. ކޮމިޓީން ގާތްގަނޑަކަށް އަހަރެއްހާ ދުވަސް ވަންދެން ކުރިއަށް ގެންދިޔަ ތަހުގީގަށް ފަހު، އެކުލަވައިލި އެ ރިޕޯޓްގައި ކަސްޓަމްސްގެ އޮފިސަރުންގެ ހުުރި ގިނަ މައްސަލަތަކަކާއި ޖުމްލަކޮށް ކަސްޓަމްސްގައި ހުރި ބޮޑެތި ގިނަ މައްސަލަތަކެއް ފާހަގަކޮށްފައި ވެ އެވެ.
ކޮމިޓީގެ ރިޕޯޓްގައި ބުނީ، ކަސްޓަމްސް އަށް ހުށަޙަޅާ އިންވޮއިސްތަކުގައި ހިމަނާ އަގުތައް އޮޅުވައިލުމުގެ ސަބަބުން ދައުލަތަށް ލިބެން ޖެހޭ އާމްދަނީ ދަށްވަމުންދާ ކަމަށާއި އެކަން ހައްލުކުރުމުގެ މަސައްކަތް ވެސް އެކަށީގެންވާ ގޮތެއްގައި ކުރިއަށް ނުގެންދާ ކަމަށެވެ.
ދައުލަތަށް ލިބެން ޖެހޭ އާމްދަނީ އެ ގޮތަށް ދަށްވަމުން ދާއިރު، ކަސްޓަމްސްގެ ބައެއް އޮފިސަރުންގެ އެކައުންޓްތަކަށް ގިނަ އަދަދެއްގެ ފައިސާ ޖަމާވިކަން ހޯމް މިނިސްޓަރު އަލީ އިހުސާން ކޮމިޓީ އަށް ދެއްވި މައުލޫމާތުން އެނގެ އެވެ. މިނިސްޓަރު ވިދާޅުވެފައިވާ ގޮތުން ކަސްޓަމްސްގެ 21 މުވައްޒަފެއްގެ އެކައުންޓުން 400 މިލިޔަން ރުފިޔާ ދައުރުކުރި އެވެ.
އޭގެ އިތުރުން އެހެން ހަތަރު މުވައްޒަފެއްގެ އެކައުންޓުން ގިނަ އަދަދެއްގެ ފައިސާ ދައުރުކުރި މައްސަލައެއް ހިމޭނެ ގޮތުން ޖުމްލަ 23 މުވައްޒަފެއްގެ އެފަދަ މައްސަލަތައް ތަހުގީގު ކުރަމުން އަންނަ ކަން ފުލުހުން ކޮމިޓީއަށް މައުލޫމާތު ދީފައިވާ ކަމަށް ވެސް އެ ރިޕޯޓްގައި ބުންޏެވެ.
ރިޕޯޓްގައި ފާހަގަކޮށްފައިވާ ގޮތުގައި އެ މައްސަލަތަކުގެ ތަހުގީގު ލަސްވަމުންދާތީ އެ ތަހުގީގު ނިމޭނެ އިރެއް ބުނަން ދަތި ކަމަށް ފުލުހުން ކޮމިޓީއަށް މައުލޫމާތު ދެމުން ބުންޏެވެ.
- ތިލަފުށީގައި ހުރި ދެ ބޮންޑެޑް ވެއާހައުސްގެ ތެރެއިން އެއް ބޮންޑެޑް ވެއާހައުސްގެ ކެމެރާ ފީޑް ކަސްޓަމްސް އަށް ލިބެމުން ނުދިއުން.
- ބޭރުން އަންނަ ބޯޓުފަހަރަށް އަރައިފައިބާ މީހުންނާއި އަރުވައިބާލާ ތަކެތި ބެލުމުގެ ޒިންމާ ރަނގަޅަށް އަދާކުރަމުން ނުދޭ.
- އެ މަސައްކަތް ކުރަން ހުރި ގޮންޖެހުންތައް ހައްލުކުރަން އެކަށީގެންވާ މަސައްކަތްތައް ކުރިއަށް ގެންގޮސްފައެއް ނުވޭ.
- ރާއްޖޭގެ ޕޯޓްތަކަށް އެކަށީގެންވާ ވަރަށް ވުރެ ބޮޑެތި ބޯޓުފަހަރު ގާތްކޮށް މުދާ ބާލަމުންދޭ.
- އެ ގޮތަށް ކަންތައް ކުރުމުން ނުކުންނާނެ ސެކިއުރިޓީ ރިސްކަށް ބެލުމުގެ ބަދަލުގައި ޓްރޭޑް ފެސިލިޓޭޝަން ޕޮލިސީއަށް އިސްކަންދީފައިވޭ.
- ޕޯޓްތަކުން މުދާ ބާލާއިރު ކަސްޓަމްސް އިން 24 ގަޑިއިރު ސަވައިލެންސް ކުރުމުގެ ނިޒާމު ހަރުދަނާކުރަން ޖެހިފައިވާކަން [އެކަށީގެންވާ ގޮތެއްގައި ނެތްކަން].
އެހެންވެ، މި މައްސަލަތައް ހައްލުކުރަން ރައްޔިތުންގެ މަޖިލީހުން ކަސްޓަމްސް އަށް އަންގާ އެންގުންތަކާއި ކަސްޓަމްސްގެ ބެލެނިވެރިކަން އޮންނަ ހޯމް މިނިސްޓްރީއަށް އަންގާ އެންގުންތަކެއް ވެސް 241 ކޮމިޓީގެ ރިޕޯޓްގައި ހިމަނާފައި ވެ އެވެ.
ރިޕޯޓްގައި މަޖިލީހުން ކަސްޓަމްސް އަށް އެންގި އެއް އެންގުމަކީ ގާނޫނުން ކަސްޓަމްސްއަށް މަތިކޮށްފައިވާ މަސްއޫލިއްޔަތުތައް ފުރިހަމައަށް އަދާކުރަން، މިހާރަށް ވުރެ ހަރުދަނާ ސިޔާސަތެއް ގާއިމްކޮށް، މަސައްކަތް ކުރަން ފެށޭނެ ގޮތުގެ ޓައިމްލައިނެއް ދިނުމެވެ.
ދެވަަަނަ އެންގުމަކީ ކަސްޓަމްސް އޮފިސަަރުން މަސްއޫލިއްޔަތު އަދާކުރާކަން ކަށަވަރުކުރުމަށްޓަކައި މިހާރަށް ވުރެ ހަރުދަނާކޮށް ފިޔަވަޅު އެޅުމަށާއި ގާނޫނާ ހިލާފަށް އަމަލުކުރާ މުވައްޒަފުންގެ މައްސަލަތައް ބަލައި ފިޔަވަޅު އަޅަން އެންގި އެންގުމެކެވެ.
ގާނޫނާ ހިލާފު ކަންކަމުގައި ކަސްޓަމްސްގެ މުވައްޒަފުން ޝާމިލުވާ ޝާމިލުވުން ހުއްޓުވުމަށްޓަކައި ކަސްޓަމްސް މުވައްޒަފުންނާއި އެމީހުންގެ އަނބިން/ފިރިންނާއި ދަރިންގެ އެސެޓް ޑެކްލެއާކުރަން ޖެހޭ ގޮތަށް ގަވައިދު އިސްލާހުކުރަން ވެސް ރިޕޯޓްގައި ކަސްޓަމްސް އަށް އެންގި އެވެ.
ކަސްޓަމްސްގެ ހިދުމަތުގެ ފެންވަރު މަތިކުރުމަށާއި ޖަވާބުދާރީވުން ހަރުދަނާކުރުމަށްޓަކައި އެކުވަލައިވަލަން ޖެހޭ ގަވައިދުތަކާއި އުސޫލުތައް އެކުލަވައިލުގެ މަސައްކަތް ކުރަން ރާވާފައިވާ ގޮތާއި އެކަން ނިމޭނެ ކަމަށް ލަފާކުރާ މުއްދަތު ހިމެނޭ ޓައިމްލައިނެއް މަޖިލީހާ ހިއްސާކުރަން ހޯމް މިނިސްޓްރީއަށް ވެސް އެ ރިޕޯޓްގައި އަންގާފައިވެ އެވެ.