ރިތިކް އާއި ޖެކީ ޗޭން ބައްދަލުވެއްޖެ
ރިތިކް އާއި ޖެކީ ޗޭން ބައްދަލުވެއްޖެ

ބޮލީވުޑްގެ އެކްޓަރު ރިތިކް ރޯޝަން އާއި ހޮން ކޮންގުގެ މަޝްހޫރު މާޝިއަލް އާޓިސްޓް އަދި އެކްޓަރު ޖެކީ ޗޭންއާ ބައްދަލުވެއްޖެ އެވެ.

ރިޕޯޓްތައް ބުނި ގޮތުގައި، އެ ދެ އެކްޓަރުން ބައްދަލުވީ އެމެރިކާގެ ލޮސް އެންޖަލިސްގެ ބެވެރީ ހިލްސް އިންނެވެ. ރިތިކް މިވަގުތު ހުރީ ޗުއްޓީ ދަތުރެއްގައި އެތަނުގަ އެވެ.

ޖެކީ ޗޭންއާ ބައްދަލުވެ، އެކުގައި ނަގާފައިވާ ފޮޓޯއެއް ރިތިކްގެ އިންސަޓަގްރާމްގައި މިއަދު ޕޯސްޓުކޮށްފައިވެ އެވެ.

ޖެކީ ޗޭންއަކީ އިންޑިއާގެ ތަރިންނާ ވަރަށް ގުޅުން ބޮޑު، މީގެ ކުރިން ވެސް އިންޑިއާގެ ތަރިންނާ އެކު މަސައްކަތްކޮށްފައިވާ އެކްޓަރެކެވެ. އޭނާ 2017 ވަނަ އަހަރު ޕްރޮޑިއުސްކުރި "ކަންގް ފޫ ޔޯގާ"ގައި ބޮލީވުޑްގެ އެކްޓަރުން ކަމަށްވާ ދިޝާ ޕަޓަނީ އާއި ސޯނޫ ސޫދް އަދި އަމީރާ ދަސްތޫރު އުޅުނެވެ.

ރިތިކް އާއި ޖެކީ ޗޭން ބައްދަލުވުމާ އެކު، ބައެއް ރިޕޯޓްތައް ބުނި ގޮތުގައި، މިއީ ރިތިކްގެ ކުރިއަށް އޮތް އެކްޝަން ފިލްމު "ކްރިޝް 4"ގައި ޖެކީ ޗޭން ފެނުމުގެ ފުރުސަތު ވެސް ވަރަށް ބޮޑުވާ ސަބަބެކެވެ. ހާއްސަ ފެނިލުމަކުން ޖެކީ ޗޭން އެ ފިލްމުން ފެނިދާނެ އެވެ.

އެންމެފަހުން ނުކުތް ރިިތިކްގެ ފިލްމު "ވޯ 2"އަށް އުންމީދުކުރި ވަރުގެ އާމްދަނީއެއް ނުލިބެ އެވެ. އެހެންވެ، "ކްރިޝް 4" ކާމިޔާބުވާން އޭނާ ވަރަށް ބޮޑަށް ބޭނުންވާ ކަމަށް ރިޕޯޓްތައް ބުންޏެވެ.

އަންނަ އަހަރު ސިނަމާތަކަށް ގެންނަ "ކްރިޝް 4" ޑައިރެކްޓުކުރަނީ ވެސް ރިތިކް އެވެ. މިއީ އޭނާ ޑައިރެކްޓުކުރާ ފުރަތަމަ ފިލްމެވެ.

މީގެ ކުރިން "ކްރިޝް" ފްރެންޗައިޒްގެ ފިލްމުތައް ޑައިރެކްޓުކޮށްފައި ވަނީ އޭނާގެ ބައްޕަ ރާކޭޝް ރޯޝަން އެވެ.