27 އޮކްޓޯބަރ 2025 - 12:15

ބިމާ ހަމަވެފައިވާ ޣައްޒާގެ މަގުތަކުން ގާކުނޑިތައް ނަގައި އެ ސިޓީ އަލުން އާރާސްތުކުރުމަށް ރާއްޖޭގެ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) އިން އެހީވާން ފަށައިފި އެވެ.

އެ ޖަމިއްޔާއިން މިދިޔަ ހޮނިހިރު ދުވަހު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓުގައި ބުނީ ޣައްޒާގެ ރިކަވަރީ ފޭސް ފަށައި، ހަލާކުކޮށްލާފައިވާ ގެތަކާއި އެއްކޮށް ބިމާހަމަކޮށްފައިވާ އިމާރާތްތަކުގެ ގާކުނޑިތައް ނެގުމުގެ މަސައްކަތް ބާރު ދުވެލީގައި ކުރިއަށްދާ ކަމަށެވެ.
އޭގެ ތަފްސީލުތައް ހިއްސާކޮށް، އައިއޭސީގެ ޑިރެކްޓަ އޮފް މީޑިއާ އެންޑް ޕަބްލިކް ރިލޭޝަންސް އަޒްހަދު އަހުމަދު ވިދާޅުވީ އެ ޖަމިއްޔާގެ 20 ޓްރަކް ޣައްޒާގައި މަސައްކަތްކުރަމުން އަންނަ ކަމަށެވެ.
އަޒްހަދު ވިދާޅުވި ގޮތުގައި އެއީ، އައިއޭސީގެ ޓީމާއި ލޯކަލް މުނިސިޕަލްޓީތަކުގެ ބެލުމުގެ ދަށުން ކުއްޔަށް ނަގާފައިވާ ތަކެއްޗެވެ.
އެ ޖަމިއްޔާއިން މި ވަގުތު އަންނަނީ، މުނިސިޕަލްޓީން ލަފާދީފައިވާ ގޮތަށް ޣައްޒާގެ އިތުރުން ހާން ޔޫނިސްގައި ގެއްލުން ވެފައިވާ ބޮޑެތި މަގުތައް ސާފުކުރުމުގެ މަސައްކަތް ކުރަމުންނެވެ.
ސާފުކުރުމުގެ ޕްރޮޖެކްޓަށް، އަކަމީޓަރަކަށް 2.80 ޑޮލަރު ހަރަދުވާނެ ކަމަށް އައިއޭސީން ލަފާކުރެ އެވެ. އެއީ 910 ކިލޯ މީޓަރުގެ ތެރެއިން 800 ކިލޯމީޓަރުގެ މަގު ސާފުކުރުމާއި އެ ކަމުގައި ބައިވެރިވާ މީހުންގެ މުސާރަ އާއި ތެލުގެ ހަރަދު އަދި އިދާރީ ފަދަ ކަންކަމާއެކުގައި ކަމަށް އައިއޭސީން ބުންޏެވެ.
އެ ހިސާބަށް ބަލާއިރު ހަތަރު ވަރަކަށް މީޓަރު ފުޅާމިނުގެ އެ ދިގު މިނުގެ ސަރަހައްދެއް ސާފުކުރަން ގާތްގަނޑަކަށް 8 މިލިއަން ޑޮލަރު ނުވަތަ 123 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުވާނެ އެވެ.