ކަރީނާ ދިވާލީގެ ބަންދަށް މިފަހަރު ވެސް ރާއްޖޭގައި
ކަރީނާ ދިވާލީގެ ބަންދަށް މިފަހަރު ވެސް ރާއްޖޭގައި

ދިވާލީއާ އެކު ލިބުނު ބަންދާ ދިމާކޮށް ބޮލީވުޑްގެ ތަރި ކަރީނާ ކަޕޫރް ޚާން އާއިލާ އެކު މި އަހަރު ވެސް ރާއްޖެ އަތުވެއްޖެ އެވެ.

ކާރީނާ މިފަހަރު ޗުއްޓީ ހޭދަކުރަނީ ކޮން ރިސޯޓެއްގައި ކަމެއް އަދި ނޭނގެ އެވެ. އެކަމަކު، އެ ދަތުރުގެ ބައެއް ފޮޓޯތައް ކާރީނާގެ އިންސްޓަގްރާމްގައި ވަނީ އިއްޔެ ޕޯސްޓުކޮށްފަ އެވެ.

އެ ފޮޓޯތަކުން ކާރީނާގެ އިތުރުން އޭނާގެ ފިރިމީހާ އަދި ބޮލީވުޑްގެ އެކްޓަރު ސައިފް އަލީ ޚާން އާއި އެ ދެމަފިރިންގެ ދަރިން ކަމަށްވާ ތައިމޫރް އާއި ޖޭ ވެސް ފެނެ އެވެ.

"މިއީ ހަފުތާ ބަންދުގައި ދިގުވާން ޖެހޭނެ ކަމުގެ ހެކި،" އެ ޕޯސްޓުގެ ކެޕްޝަންގައި ކަރީނާ ލިޔެފައިވެ އެވެ.

ކަރީނާ ވަނީ ދިވާލީގެ ބަންދަށް މިދިޔަ އަހަރު ވެސް އާއިލާއާ އެކު ރާއްޖެ އައިސްފަ އެވެ. ކަރީނާ އާއި ސައިފް ވަނީ އޭގެ ކުރިން ވެސް އެކި ފަހަރު މަތިން ޗުއްޓީއަށް ރާއްޖެ އައިސްފަ އެވެ.

ކަރީނާގެ ކުރިއަށް ތިން ފިލްމެއް އެބައޮތެވެ. އެއީ ޑައިރެކްޓަރު މޭގްނާ ގުލްޒާރުގެ "ދާއިރާ" އާއީ ހަމަ އެ ޑައިރެކްޓަރާ އެކު މަސައްކަތް ކުރާ އިތުރު އެހެން ފިލްމަކެވެ. އެ ފިލްމުގެ ނަން އަދި ހާމައެއް ނުކުރެ އެވެ.

ދެކުނު އިންޑިއާގެ މަޝްހޫރު އެކްޓަރު މޯހަންލާލްއާ އެކު ވެސް ކާރީނާ ފިލްމެއް ކުޅެން ހަމަޖެހިފައިވާއިރު، އެ ފިލްމުގެ ނަން ވެސް އަދި ހާމައެއް ނުކުރެ އެވެ.