27 އޮކްޓޯބަރ 2025 - 15:15

އިންގްލެންޑަށް އުފަން އުމުރުން 50 އަހަރުގެ ސްޓްރައިކަރު ޖެމީ ކިއުރީޓަން، އިނގިރޭސި ފުޓްބޯޅައިގެ އެންމެ މަތީ 10 ޑިވިޝަނުގައި ގޯލު ޖެހި ފުރަތަމަ ކުޅުންތެރިޔާގެ ޝަރަފް ހޯދައިފި އެވެ.

ޖެމީ ވަނީ މިދިޔަ މިވަގުތު 10 ވަނަ ޑިވިޝަން ކުޅޭ ކިންގްސް ޕާކް ރޭންޖާސް (ކޭޕީއާރު) އަށް ގޯލު ޖަހައިފަ އެވެ. މިދިޔަ ސީޒަންގައި ޕްރޮމޯޝަން ހޯދައިގެން އެ ޓީމު މިވަގުތު އޮތީ ޑިވިޝަން ވަން ނޯތުގެ ދެވަނައިގަ އެވެ.
ނޮރިޗް ސިޓީއާ އެކު ޕްރިމިއާ ލީގުގައި 1994 ވަނަ އަހަރު އުމުރުން 19 އަހަރުގައި ކުޅެން ފަށައި ގޯލު ވެސް ޖަހައިފަ އެވެ. ނަމަވެސް އެ ސީޒަން ވީ އޭނާ ޕްރިމިއާ ލީގުގައި ކުޅުނު ހަމައެކަނި ސީޒަނަށެވެ.
ބައިނަލްއަގުވާމީ ލެވެލްގައި އޭނާ އަށް ގައުމު ތަމްސީލު ކުރުމުގެ ފުރުސަތު ލިބުނީ އޭގެ އެއް އަހަރު ކުރިން އިންގްލެންޑްގެ 18 އަހަރުން ދަށުގެ ޓީމާ އެކު އެވެ. އީއެފްއެލް ކްލަބްތަކަށް ކުޅެމުން 12 އަހަރު ހޭދަކުރުމަށް ފަހު އޭނާ ނޮން ލީގު ފުޓްބޯޅަ ކުޅެން ފެށީ 2016 ވަނަ އަހަރު އުމުރުން 41 އަހަރުގަ އެވެ.
"އަހަރެން ވެމްބްލީގައި ނޫނީ ކޮންމެ ދަނޑެއްގައި ކުޅުނު ނަމަވެސް ހަމަ އެހެން އުފާފާޅުކުރާނީ. އެއީ އުފާވެރި ވަގުތުކޮޅެއް،" ޖެމީ ކިއުރީޓަން ބުންޏެވެ.
ނޮން ލީގު ފުޓްބޯޅަ ކުޅެމުން އޭނާ ވަނީ 2017 ވަނަ އަހަރު އާސެނަލްގެ އެކަޑަމީގެ ކޯޗެއްގެ ގޮތުގައި ވެސް މަސައްކަތް ކޮށްފަ އެވެ. އެ އަށް ފަހު، އޭނާ ކުޅެމުން އަންނަ ކްލަބްތަކުގެ ޕްލޭޔާ މެނޭޖަރު ނުވަތަ ޖޮއިންޓް ޕްލޭޔާ މެނޭޖަރުގެ ގޮތުގައި އަންނަނީ ފާހަގަ ވަމުންނެވެ.
ޖެމީ ކިއުރީޓަން އިންގްލެންޑުން ބޭރުގައި ކުޅެފައި ވަނީ 2003 ވަނަ އަހަރު ދެކުނު ކޮރެއާގެ ބޫސާން އައިކޮންސް (މިހާރުގެ ބޫސާން އައިޕާކް) އަށެވެ. ނޮރިޗްގެ އިތުރުން ބޯންމަތާއި ރެޑިން އަދި ކުއީންސް ޕާކް ރޭންޖާސް (ކިއުޕީއާރު) އަށް ވެސް އޭނާ ވަނީ ކުޅެފަ އެވެ.
މިއީ ކުއީންސް ޕާކާއި ކިންގްސް ޕާކަށް ވެސް ކުޅެފައިވާ ހަމައެކަނި ކުޅުންތެރިޔާ އެވެ. މެނޭޖަރުގެ ޒިންމާތަކުން އެއްފަރާތް ވެލުމުގެ ގޮތުން ޖެމީ ކިއުރީޓަން ކިންގްސް ޕާކަށް ބަދަލުވީ މި އޮކްޓޫބަރު މަހު އެވެ. އަދި އޭނާ އެ ޓީމަށް ގޯލު ޖަހާފައި މިވަނީ ކުޅުނު ދެވަނަ މެޗުގަ އެވެ.
ކިއުރީޓަން ވަނީ ކްލަބް ކެރިއަރުގައި މިހާތަނަށް ކުޅުނު 1075 މެޗުން 390 ގޯލު ޖަހައިފަ އެވެ.