27 އޮކްޓޯބަރ 2025 - 10:17

އިންޑިއާގައި ރަންޗީގައި ބޭއްވި ދެކުނު އޭޝިއާ އެތުލެޓިކްސް މުބާރާތުން އެންމެ މެޑައްޔަކާ އެކު ރާއްޖޭން ނިންމާލައިފި އެވެ.
އަންހެނުންގެ 4 ގުނަ 100 މީޓަރު ރިލޭގައި ވާދަކޮށް ހޯދި ލޯ މެޑަލް ފިޔަވައި އެހެން މެޑައްޔެއް، އިއްޔެ ނިމުނު މުބާރާތުން ރާއްޖެއަކަށް ނުލިބެ އެވެ.
ރާއްޖެ އާއު ބަންގްލަދޭޝް އަށް ވެސް ލިބުނީ އެއް މެޑައްޔެވެ. ބަންގްލަދޭޝް އަށް ވެސް ލިބުނީ ލޯ މެޑައްޔެއް އެކަންޏެވެ. މެޑައްޔެއް ނުލިބެނީ ބޫޓާނަށް އެކަންޏެވެ.
ރާއްޖޭން ހޯދި ހަމައެކަނި މެޑަލް ހާސިލު ކުރި، ހައްވާ މުޒުނާ ފާއިޒާއި އާއިޝަތު ޝަބާ ސަލީމާއި ޒިވާ މޫސާ ޝިފާއު އަދި އަހްނާ ނިޒާރު ހިމެނުނު ޓީމުން ވަނީ އެ އިވެންޓްގައި ލަންކާ އާއި އިންޑިއާގެ ފަހަތުން ތިންވަނައިގައި ރޭސް ނިންމައިފަ އެވެ.
ރާއްޖެ އަށް މެޑަލް ލިބޭނެކަމަށް ބެލެވުނު އަނެއް އިވެންޓަކީ ފިރިހެނުނުގެ 4 ގުނަ 400 މީޓަރު ރިލޭ އެވެ. އެކަމަކު، ހަސަން ސާއިދު، އާދަމް ރިފާތު، ހުސައިން ޒީކް ސުއާދު އަދި ހުސައިން ރިޒާ ހިމެނުނު ރިލޭ ޓީމު ދިޔައީ ހަތަރުވަނަ އަށެވެ.
އިންޓަނޭޝަނަލް ރޭސްތަކުގައި 4 ގުނަ 400 މީޓަރުގެ ރޭހުގައި ސާއިދު އެ ވާދަކުރީ ގިނަ ދުވަސްތަކެއްގެ މެދުކެނޑުމަކަށް ފަހުންނެވެ.
އެ ރޭހުން ރަން މެޑަލް ހޯދީ ލަންކާ އެވެ. އިންޑިއާ ދިޔައީ ދެވަނަ އަށެވެ.
ބަންގްލަދޭޝް އަށް ލިބުނު ހަމައެކަނި މެޑަލް ހޯދީ އެ ރޭހުގައި ރާއްޖެ ފަހަތައް ޖައްސާލުމަށް ފަހު ހާސިލު ކުރި ތިންވަނައިންނެވެ.
މެޑަލް ތާވަލުގައި ކުރި ހޯދީ 58 މެޑައްޔާ އެކު އިންޑިއާ އެވެ. އެ ގައުމުގެ އެތުލީޓުން ވަނީ 22 ރަން މެޑަލް ހޯދައިފަ އެވެ.
ދެވަނަ ހޯދީ 40 މެޑައްޔާ އެކު ލަންކާ އެވެ. އެ ގައުމުގެ އެތުލީޓުން ވަނީ 16 މެޑަލް ހާސިލުކޮށްފަ އެވެ. ނޭޕާލުން ވަނީ ތިން ލޯ މެޑަލް ހޯދާފަ އެވެ.
މިފަހަރުގެ މުބާރާތަކީ ދެކުނު އޭޝިއާގެ ހަތަރު ވަނަ އެތުލެޓިކްސް ޗެމްޕިއަންޝިޕެވެ. ހަ ގައުމުން 300 އެއްހާ އެތުލީޓުން 37 މެޑަލް އިވެންޓްގައި ވާދަކުރި އެވެ.
ސަރަހައްދުގެ ހަތް ގައުމުގެ ތެރެއިން މުބާރާތުގައި ބައިވެރި ނުވަނީ ޕާކިސްތާނުން އެކަންޏެވެ. އިންޑިއާ އާއި ޕާކިސްތާނާ ދެމެދު އޮންނަ ސިޔާސީ ކޯޅުމާ ހެދި އެއް ގައުމުން އަނެއް ގައުމުގައި ބާއްވާ ކުޅިވަރު ހަރަކާތްތަކުގައި ވެސް އާންމުކޮށް ބައިވެރިއެއް ނުވެ އެވެ.